ޠާރިގު އިބްރާހީމް

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބިދާނެ: ތޯރިގު

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ގެނެވެން އޮތީ ވަގުތީ ހައްލެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ތޯރިގު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާއިރާގެ މެމްބަރު އިބުރާހިމް ނާޒިލް، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބު ގައެވެ.

ނާޒިލް ސުވާލު ކުރެއްވީ އައްޑޫ ސިޓީ އިން އަވަސް އަވަހަށް ކަރަންޓް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ސާފުކުރުމަށެވެ.

މިނިސްޓަރު ސީދާ ނާޒިލްގެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީއަށް ބޭނުންވާ 26.8 މެގަވޯޓް ކަރަންޓު އުފެއްދުމަށް ބޭނުންވާ 20 ޖަނަރޭޓަރު އެތަނުގައި އެބަހުރި ކަމަށެވެ. މީގެތެރެއިން ފަސް ޖަނަރޭޓަރު ހަލާކުވެފައި ހުރުމުގެ ސަބަބުން ޕީކް ގަޑިތަކުގައި ކަރަންޓް ކެނޑުމުގެ މައްސަލް ދިމާވާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަން ހައްލުކުރުމަށް މިހާރުވެސް 1.5 މެގަވޯޓުގެ އާޖަނަރޭޓަރެއް ގަނެ ވަނީ ބަހައްޓާފައި. އޮގަސްޓް މަހު ތެރޭގައި ނިންމާލެވޭނެ. އަދި އިތުރު ތިން ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދާ އޯވަ ހޯލް ކުރަމުންދަނީ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކު އައްޑޫ އިން ކަރަންޓް ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށެވެ. އައްޑޫ އިން ކަރަންޓް ކެނޑޭ މައްސަލަ ގޯހުން ގޯހަށް ދިޔައީ ނިމިދިޔަ ސަރުކާރުގައި ފާއިތުވި ފަސް އަހަރު ފެނަކައިގެ އިންޖީނުތައް މަރާމާތު ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.