އަބްދުﷲ ޝާހިދު

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެނޭ: ޝާހިދު

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ހާއްސަކޮށް ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށެވެ.

އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސިޓީކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިކަން ހައްލުކުރުމަށް ސަރުކާރުން ހާޢްސަ ޕްލޭންތަކެއް އެކުލަވާލައި، އަވަސް ހައްލެއް ހޯދައިދޭންޖެހޭ ކަމަށެވެ.

"މައްސަލަ ހައްލުނުވެ ދިގުލައިގެންދާ ދިޔުމުން، ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ދެއްވާކަމަކަށް ގަބޫލެއް ނުކުރެވޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ރޯދަ މަހު ކަރަންޓުގެ އަސާސީ ހައްގުން އައްޑޫ ރައްޔިތުން މަޙްރޫމްނުކޮށް، ދަތިޙާލު ނުޖައްސައި، ރޯދައިގެ ކުރިން އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ޖަނަރޭޓަރުތަކެއްގައި މައްސަލަތަކެއް ޖެހި އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދަނީ ކަރަންޓު ކެނޑެމުންނެވެ.

ފެނަކައިން މިދިޔަ ޖެނުއަރީ މަހު ބުނި ގޮތުގައި އައްޑޫ އިން ކަރަންޓު ކެނޑެމުން ދަނީ މަރުކަޒީ އިންޖީނުގޭގެ ހަ ޖަނަރޭޓަރަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެންނެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ވަނީ މަޝްރޫއެއްވެސް ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން 32 މެގަވޮޓްގެ ކަރަންޓް ބޭނުންކުރެވޭ ގޮތަށް ޕަވާޕްލާންޓް ތަރައްގީކޮށް ވަސީލަތްތައްވެސް ތަރައްގީކުރާނެ އެވެ.

މިމަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 9.8 މެގަވޮޓްގެ ދެ ޖެންސެޓާއި 5.8 މެގަވޮޓްގެ ދެ ޖެންސެޓް އިންސްޓޯލް ކުރާނެ އެވެ.