ބެލްޖިއަމްގެ ކުލަބު ބުރޫޖް އާ ދެކޮޅަށް، އަމިއްލަ ދަނޑުގައި ކުޅުނު ރެއާލް މެޑްރިޑުން ބަލިނުވެ ސަލާމަތް ވެއްޖެ އެވެ.
މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. ބުރޫޖުން ޖެހި ދެ ލަނޑަކީ ވެސް އެ ޓީމުގެ އެމެނުއެލް ބޮނެވެންޓުއާ ޖެހި ދެ ލަނޑެވެ. އެ ދެ ލަނޑުވެ ސް އޭނާ ކާމިޔާބު ކުރީ ރެއާލަގެ ކުޅުންތެރިންނަށް ހެދުނު މިސްޓެކުތަކުގެ ތެރެއިންނެވެ.
ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓްއާ ހެދި މިސްޓޭކަކުންނެވެ. ބޮނެވެންޓުއާ ބޯޅަ ގޯލަށް ފޮނުވާލިއިރު ކޯޓްއާއަށް ބޯޅައިގެ މިސްރާބު އޮޅި އޭނާ ހަރަކާތް ކުރީ ނުބައި ފަޅި އަކަށެވެ.
ދެ ވަނަ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ރެއާލްގެ މިޑްފީލްޑާ ލުކަ މޮޑްރިޗަށް ހެދުނު މިސްޓޭކަކުންނެވެ. ޓީމުގެ ފަހަތުން މޮޑްރިޗަށް ލިބުނު ބޯޅަ އޭނާ މަސައްކަތް ކުރީ ސާޖިއޯ ރާމޯސްއަށް ދިނުމަށެވެ. އޭނާއަށް ރަނގަޅަށް އެ ބޯޅަ ފޮނުވާ ނުލެވި ބޯޅަ ލިބުނީ ބޮނެވެންޓުއާ އަށެވެ. އޭނާ ވަނީ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކޯޓްއާ އަށް ފުރުސަތު ނުދީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.
ކޯޓްއާގެ ފަރާތުން ފުރަތަމަ ހާފުގައި ފެނުނު ދަށް ކުޅުމާއެކު ދެ ވަނަ ހާފަށް ރެއާލް ނުކުތީ ބަދަލު ކީޕަރު އަލްފަންސީ އެރެއޯލާއެކު އެވެ. އަދި ވާތު ބެކަށް ކުޅެމުން ދިޔަ ނަޗޯ ފެނާންޑޭޒްގެ ބަދަލުގައި ރަސްމީ ވާތު ބެކް މާސެލޯ ވިއޭރާ ކުޅެން ނުކުތެވެ.
ގެނައި ބަދަލުތަކާއެކު ރެއާލުން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި އެވެ. ރެއާލްގެ ފުރަތަމަ ލަނޑު ސާޖިއޯ ރާމޯސް ކާމިޔާބު ކުރީ ކަރީމް ބެންޒެމާ ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ބޯޅަ ފޮނުވާލިރު ރޯމާސް އޮފްސައިޑްގައި ހުރި ކަމަށް ބުނެ ބުރޫޖްގެ ކުޅުންތެރިން އެޕީލް ކުރުމުން ވީއޭއާރް މެދުވެރިކޮށް ރެފްރީ ބެލި އެވެ. ވީއޭއާރުން ދެއްކީ އޮފްސައިޑް ނުވާ ކަމަށެވެ.
ރެއާލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ވީ، ބުރޫޖު އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ފެށި ފަހުންނެވެ. އެއީ ރެއާލްގެ ވިނީސިއުސް ޖޫނިއާ އަށް ކުރި ފައުލާ ގުޅިގެން، ބުރޫޖްގެ ރޫޑް ވޯމާއަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އޭރިއާ ބޭރުން ކުރި އެ ފުލާ ގުޅިގެން ލިބުނު ހިލޭ ޖެހުން ޓޯނީ ކްރޫޒް، ބުރޫޖްގެ އޭރިއާގެ ތެރެއަށް ނަގައިދިނުމުން ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކާލޯސް ކެސެމީރޯ އެވެ.
މިރޭ އިޓަލީގެ އެޓަލާންޓާ އާއި ޔޫކްރޭންގޭ ޝާކްޓާ ޑޮނެސް އެޓަލާންޓާގެ ދަނޑުގައި ކުޅުނު މެޗުން، މެޗުގެ އެންމެ ފަހުވަގުތުގައި ޝަކްޓާ ވަނީ 2-1 ން މޮޅުވެފަ އެވެ.