މި އަހަރަށް ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ޝިއާރަކަށް ޔުނިސެފް އިން ކަނޑައަޅާފައި ވަނީ "ޒުވާން ޓީޗަރުން, ދާއިރާގެ މުސްތަގުބަލެ" ވެ. ޔުނިސެފާއި ޔޫއެންޑީޕީ އަދި އެޑިއުކޭޝަން އިންޓަނޭޝަނަލުން ބުނެފައިވާ ގޮތުގައި މުސްތަގުބަލުގައި ޒުވާން އަދި މޮޅު ޓީޗަރުން ނުކުންނާނެ ކަމުގެ ޝިއާރު މި އަހަރަށް ކަނޑައެޅީ ޓީޗަރުންގެ އަގު ވަޒަން ކުރުމާއި އެ ދާއިރާ ކުރިއެރުވުމުގެ މުހިންމު ކަމުގެ މައްޗަށް ބިނާކޮށެވެ.
މިއަދު ޓީޗަރުންގެ ދުވަސް ފާހަގަ ކުރާއިރު މިކަން ހާސިލް ކުރަން ރާއްޖެ އޮތީ ކިހާ ހިސާބެއްގައިތޯ ބަލައިލަން ވެސް ޖެހެ އެވެ. ޓީޗަރުންގެ އަގު ވަޒަން ކުރެވޭ ހެއްޔެވެ؟ މުސްތަގުބަލަށް ޒުވާން ޓީޗަރުން އެބަ ތައްޔާރު ކުރެވޭ ހެއްޔެވެ؟ މިދިޔަ އަހަރުތަކުގައި އެ ދާއިރާ ކުރިއަރުވަން ސަރުކާރުތަކަށް ކުރެވުނީ ކޮން މަސައްކަތްތަކެއް ހެއްޔެވެ؟
"ހަގީގަތަކީ ޓީޗިން ދާއިރާއަކީ ރާއްޖޭގައި އެންމެ ބޮޑަށް ނިކަމެތިވެފައިވާ އެއް ދާއިރާ. ޓީޗަރުންނަށް ގަދަރު ކުރުމެއް ނޯވެ. އަގު ވަޒަން ނުކުރޭ. ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުދޭ. ޒުވާން ކުދިން ބޭނުމެއް ނުވޭ މިހާރު ޓީޗަރަކަށް ވާކަށް. އެއީ އެ މީހުންނަށް އެންމެ ކައިރިން މި ފެންނަނީ މި ދާއިރާގެ ހުރި އުނދަގޫ ކަމާއި ޓީޗަރުން އުފުލަން ޖެހޭ ބުރަ އަދި އެ މީހުން ކުރާ މަސައްކަތާއި ލިބޭ އުޖޫރަ، މޮޅު ޓީޗަރުން އުފެދޭ މިންވަރު ވަރަށް މަދު،" މަޖީދިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަދި ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވި އެވެ.
ޔުނިސެފްގެ ޝިއާރުގައި މުސްތަގުބަލުގައި ޒުވާން ޓީޗަރުން ނުކުންނަން ބާރު އަޅާފައިވީ ނަމަވެސް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން މީގެ ކުރިން 100 އަށް ވުރެ ގިނަ ކުދިން ބެޗްލާ އޮފް ޓީޗިން ހަަދަން ކުރިމަތިލާ އިރު މިހާރު އެ ކޯސް ހަދާނެ ބަޔަކު ނުވެގެން ވަނީ ހުއްޓާލައިފަ އެވެ.
އަދި ވިލާ ކޮލެޖުގައި ވެސް ޓީޗިން ކިޔަވާނެ ކުދިން ހަމަ ނުވެގެން އެ ބެޗުގެ ކޯސްތައް ފެށުން ވަރަށް ބޮޑަށް ލަސް ވެސް ވި އެވެ. އަހަރަކަށް ފަހު އަހަރެއް ދަނީ މަދު ވަމުންނެވެ. ރާއްޖޭގެ ޓީޗިން ދާއިރާގެ މުސްތަގުބަލަކީ އެއީ ހެއްޔެވެ؟ މައްސަލައަކީ ކޮބާތޯ ބަލަން ޖެހެ އެވެ.
ބޮޑު އިހުމާލު، ސަރުކާރުތަކަށް ނުފެނޭ!
މާދަމާ ގައުމު ހިންގުމުގަ އާއި ގައުމުގެ ހުންގާނާ ހަވާލުވާން ތިބޭނީ މިއަދު ތައުލީމީ ޖީލެވެ. ގައުމުގެ ކުރިއެރުމާއި މުޅި މުސްތަގުބަލު އޮތީ އެ މީހުންގެ އަތް މަތީގަ އެވެ. އެ މީހުންނަށް ގައުމު ހިންގެން އޮތީ މިއަދުގެ ޓީޗަރުން އެ މީހުންނަށް ދަސްކޮށްދިން އެއްޗަކާއި ދިން ނަސޭހަތާއި ތަރުބިއްޔަތުންނެވެ. ކުރުކޮށް ބުނާނަމަ ޓީޗިން ދާއިރާގެ ފެންވަރު ދަށްވެ ޓީޗަރުންނަށް އިހުމާލުވާ ނަމަ ގައުމުގެ މިސްރާބު އޮންނާނީ އަނދަވަޅަކަ ދިމާލަށެވެ.
ކިޔަވައި ދިނުމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އާތިފު ވިދާޅުވި ގޮތުގައި ޓީޗަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ނިޒާމް އޮތް ގޮތާމެދުގަ އެވެ. ސިސްޓަމުގައި ހުރި މައްސަލަތައް ގޯހުން ގޯހަށް ދާތީ އެތައް ޓީޗަރުންނެއް ދާއިރާ ދޫކޮށް ގޮސްފި އެވެ. މިސާލެއްގެ ގޮތުން އާތިފު ވިދާޅުވީ އާ މަންހަޖު ބައްޓަން ކުރި ގޮތާއި އަމަލީ ގޮތުން އެކަން ހިނގާ ގޮތެވެ.
"އާ މަންހަޖު ތައާރަފު ކުރެވިގެން ދިޔައިރު ވަރަށް ސާފުކޮށް އެބަ ބުނޭ 25 އާއި 18 އާ ދޭތެރޭގައި ކުދިން ބައިތިއްބައިގެން އަދި ކޮންމެ ކްލާހެއްގައި އެސިސްޓެންޓް ޓީޗަރެއް ވެސް ބަހައްޓައިގެން ކިޔެވުން ކުރިޔަށް ގެންދަން ޖެހޭ ކަން، އާ މަންހަޖުން އެކަށީގެންވާ ނަތީޖާ ވެސް ނެރެވޭނީ އެގޮތަށް ކުރިޔަށް ދަންޏާ. އެކަމަކު ހުރިހާ ސްކޫލެއްގައި ކަހަލަ ގޮތަކަށް ކޮންމެ ކްލާހެއްގައި 33 ނުވަތަ އެއަށް ވުރެ ގިނައިން އެބަ ތިބޭ،" އާތިފް ވިދާޅުވި އެވެ.
އޭގެ އިތުރުން އާ މަންހަޖު ރާވާފައި އޮންނަނީ 45 މިނެޓު ގަޑިއަކަށް ނަގާދޭ ގޮތަށެވެ. މަންހަޖުގެ ދަށުން ހުރި އާ ފޮތްތައް ތައްޔާރުކޮށްފައި ވަނީ ކޮންމެ ޕީރިއަޑަކަށް އެވަރުގެ ވަގުތެއް ހޭދަ ކުރާ ގޮތަށެވެ. ނަމަވެސް ގިނަ ސްކޫލުތަކުގައި ކިޔަވާ ދެނީ ޕީރިއަޑަކަށް 35 މިނެޓެވެ. މަންހަޖު ތައާރަފު ވެގެން ފަސް އަހަރާ ގާތްވެފައިވާ އިރު ވެސް އަދިވެސް އެ ހާލުގައި އޮންނަ އިރު އާ މަންހަޖުން ދިމާވާ ދަތިތަކާ ގުޅިގެން ވެސް އެތަށް ޓީޗަރުންނެއް ދާއިރާ ދޫކޮށްފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
ޓީޗަރުންގެ މަސައްކަތް 8:30 އިން 2:00 އަކަށް ނިންމާ ނުލެވޭކަން ނޭނގޭ ބަޔަކު ނެތެވެ. މުޅި ދުވަހު މަސައްކަތް ކުރުމަށް ފަހު އިތުރު ވަގުތު ފޮތްތައް މާކު ކުރުމަށާއި ކުދިންގެ އެހެނިހެން މަސައްކަތްތައް ކުރަން ޖެހެ އެވެ. އިތުރު ވަގުތު ނަގާ ގަޑިތައް ނިމިގެން ރޭގަނޑު ލިބޭ ވަގުތުކޮޅު ވެސް އިތުރު ހަރަކާތްތަކަށް ކުދިން އަންނަން ވާއިރަށް ތައްޔާރު ވެގެން ވެސް ތިބެން ޖެހެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުން ރަސްމީ ގަޑީގައި ނުކުރެވި ހުންނަ ވަޒީފާގެ މަސައްކަތްތައް ކުރަން ނިކުމެއްޖެ ނަމަ އޯވާ ޓައިމްއަށް އިތުރު ފައިސާ ދޭން ޖެހެ އެވެ. އެހެން ނަމަވެސް އެ ހައްގެއް ޓީޗަރުންނަކަށް ނުލިބެ އެވެ. އެ މަސައްކަތްތަކަކީ ޓީޗަރަކަށް ވީތީ ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ އޯވާ ޓައިމް ނުދީ ހިފަހައްޓާފައި ބާއްވަ އެވެ.
ފޮތް މާކު ކުރުމެއް ލެސަން ޕްލޭން ކުރުމެއް ސްކީމެއް ހަދަން. މިއީ ކިޔަވާ ދިނުމާ ގުޅޭ ކަންކަން. އެކަންކަމަށް ކިތަންމެ ވަގުތެއް ސްކޫލުގައި ހޭދަ ކުރަން ޖެހުނަސް އޯވާ ޓައިމްއެއް ނުދޭ. މިއީ ވަރަށް ބޮޑު ޖަރީމާއެއް. އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން. އެކަމަކު މިއަދާ ހަމަޔަށް ވެސް އެކަން އޮތީ އެހެންއާތިފް އަބްދުލް ހަކީމް | އެސޯސިއޭޝަންގެ ރައީސް
އާތިފް ވިދާޅުވި ގޮތުގައި ޓީޗަރުންނަކީ ރާއްޖޭގައި ޑޮކްޓަރުންނާއި ލޯޔަރުން ފަދަ ބޮޑެތި ޕްރޮފެޝަންތައް ވަރުގެ އަގު ހުރި ބަޔަކަށް ހަދަން މަސައްކަތް ކުރަން ޖެހެ އެވެ. އަދި އެ ދާއިރާ އިން ޒުވާނުން ކުރި އަރައިގެން ދާ ހިތްވާ ވަރުގެ އުޖޫރައެއް ދީ ދަތިތައް ނައްތާލަން ޖެހެ އެވެ. އޭރުން ޓީޗިން ކިޔަވަން ދާ ކުދިން ގިނަ ވާނެ އެވެ. ދާއިރާއަށް މޮޅެތި ކުދިން ކުރިމަަތިލާނެ އެވެ. މުސްތަގުބަލުގައި ޒުވާން މޮޅެތި ޓީޗަރުން ތިބޭނެ ދާއިރާއަކަށް ވާނެ ކަން ކަށަވަރެވެ.
މުސާރައާ ނުބައްދަލު މަސައްކަތް: "އަަގެއް ނެތް"
ޓީޗިންގައި 20 އަހަރު ހޭދަ ކުރުމަށް ފަހު ކެތް ނުވެގެން ރިޓަޔާ ކުރި ޓީޗަރަކު އަވަސްއަށް ވިދާޅުވި އެވެ؛ އާއިލާއަކަށް ވަގުތެއް ނުދެވެ އެވެ. ދިރިއުޅުމުގެ އެހެން ކަމެއް ނޯވެ އެވެ. ތިބެން ޖެހޭނީ ސްކޫލުގައި ހަތަރު ފާރުގެ ތެރޭގަ އެވެ. ގެއަށް ދެވުނަސް ބައެއް ދުވަސްތަކާ ދިމާކޮށް ނުނިދާ ހޭލާ ހުރެ ކުދިންގެ އެއްޗެހި ތައްޔާރު ކުރަން ޖެހެ އެވެ. އެހާ ބުރަކޮށް މަސައްކަތް ކުރާ އިރު ޕްރެޝަރު ވެސް އެހާ ބޮޑެވެ. އެކަމަކު މަސް ނިމިގެން ގެޔަށް ގެންދަން ލިބެނީ އެ ސްކޫލުތަކުގައި މެނދުރު 2:00 ގައި މަސައްކަތް ނިންމާލައިގެން ގެއަށް ދާ އެޑްމިން މުއައްޒަފުންނަށް ވުރެ މަދުންނެވެ.
"މުސާރައިން ދެކޮޅު ޖައްސާލެވޭ ދުވަސްކޮޅެއް ވެސް ދިޔަ. އެކަމަކު މިހާރު މާލޭގައި ތަކެއްޗާއި ދިރިއުޅުމުގެ އަގު އެހާ ބޮޑު. އެކަމަކު ޓީޗަރުންގެ މުސާރަ މި އޮންނަނީ އޮތްތަނުގައި. އެންމެ ކުޑަ މިނުން މި ކުރާ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ލިބޭ ނަމަވެސް ރަނގަޅު އެއްޗެއް ލިބޭނެ. އެކަމަކު އަޅުގަނޑުމެންނަށް ލިބެން ޖެހޭ ހައްގެއް ނުލިބި މި އޮތީ. އެ ސްކޫލަކުން ބޭނުންވާ ގޮތަކަށް އެކަން އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
މާލޭގެ މަޝްހޫރު ޕްރީ ސްކޫލެއްގައި ކިޔަވާ ދޭ އެހެން ޓީޗަރަކާ ވާހަކަ ދައްކާލުމުން ވެސް ހުރީ ހަމަ އެފަދަ ކަންބޮޑުވުމެކެވެ. މަސައްކަތް ކުރަން ޖެހެނީ ހަމަ އެހާ ބުރަކޮށެވެ. ގޭގައި އަމިއްލަ ދަރިންނަށާއި ފިރިމީހާއަށް ވަގުތެއް ނުދެވެ އެވެ. އެތަށް ކަމެއް އަތުން ދޫވެފައި އޮވެމެ ވެސް ސްކޫލު ކުދިންނަަށް ރަނގަޅަށް ކިޔަވާ ދެވޭތޯ މަސައްކަތް ކުރަނީ އެވެ. އެކަމަކު މުސާރަ 8000 ރުފިޔާއަށް ވެސް ނާރާ ކަމަށް އެ ޓީޗަރު ވިދާޅުވި އެވެ.
"މިފަދަ ވާހަކައެއް ދެއްކީމަ ވާނީ ގޯސް. ޓީޗަރަކަށް ވީތީ އޮންނަ ޒިންމާއެއް ކަމަށް ސްކޫލުތަކުން ބުނަނީ. ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ހާސިލްކޮށްދެވޭތޯ މަސައްކަތް މި ކުރަނީ. އެކަމަކު ޓީޗަރުން މި ދަނީ ގެއްލެމުން. ވަރަށް ބޮޑަށް މަދުވަމުން. ދެން ޖެހޭނީ އަނެއްކާ ވެސް ބިދޭސީން ގެންނަން،"
ނަން ހާމަ ނުކުރަން ޝަރުތުކޮށް އެހެން ޓީޗަރަކު ވިދާޅުވި ގޮތުގައި ގިނަ ޓީޗަރުން ކިޔަވާދެނީ އާއިލާ އާއި ދަރިން ގުރުބާކޮށްފަ އެވެ. އެކަމަކު އެތަނެއް އެއްވެސް ސަރުކާރަކަށް ނުވަތަ އެހެން ބަޔަކަށް ވެސް ނުފެނެ އެވެ. އަގު ވަޒަނެއް ނުކުރެ އެވެ. މިސާލަކަށް ސްކޫލެއްގައި ގޮނޑި އާއި މޭޒު ފަދަ ތަކެތި އުފުލުމާއި އެފަދަ އެތަށް މަސައްކަތެއް ވެސް ޓީޗަރުން ލައްވާ ކުރުވަ އެވެ. އެއީ އެ މީހުންނަށް އެއްވެސް ގަދަރެއް ނުކުރާތީ އެވެ. އަގެއް ނެތީމަ އެވެ.
"ޓީޗާސް ޑޭގައި ވަރަށް ގިނަ ބޮޑެތި ހަރަދުތައް ކުރޭ ފާހަގަ ކުރަން. އެކަމަކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވާހަކައަކީ އެންމެ ދުވަހެއްގައެއް ނޫނޭ ޓީޗަރުންނަށް އިހުތިރާމް ލިބެން ޖެހެނީ. އެ މީހުންނަށް ދިމާވެފައި ހުރި އަސްލު މައްސަލަތަކަށް ވެސް ބަލައިލަން ޖެހޭނެ. އެ ނޫނީ ދާއިރާ ވެއްޓި ނިކަމެތި ވެދާނެ،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ގައުމެއްގައި ވެސް އާ ޖީލެއް ކޮޅަށް ޖަހާ ފައްކާ ކުރާ ބަޔަކީ ޓީޗަރުންނެވެ. ގައުމެއްގެ ވެރިއެއް ވަޒީރެއް ޑޮކްޓަރެއް ނުވަތަ އިންޖީނިއަރެއް ވެސް އުފައްދަނީ ޓީޗަރުންނެވެ. މިސާލަކަށް މެލޭޝިޔާ އާއި ޓައިވާން އަދި ޗައިނާ ފަދަ ގައުމުތަކުގައި ޓީޗަރުންނަކީ ގައުމުގެ އެންމެ ބޮޑު ރައުސްމާލެވެ. އެއީ އެންމެ މަތީ ފެންވަރުގެ ދާއިރާއެވެ. އަދި އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ސްޕެއިންއާ، ކެނެޑާ އާއި ސައުތު ކޮރެއާ ފަދަ ތަހުޒީބުވެ ކުރިއަރާފައިވާ ގައުމުތައް އެންމެ މުސާރަ ބޮޑު އެއް ބަޔަކީ ޓީޗަރުންނެވެ.
ރާއްޖެއިން ވެސް އަމާޒު ހިފަނީ ޔުނިސެފްގެ ޝިއާރާ އެއްގޮތަށް މުސްތަގުބަލުގައި މޮޅެތި ޒުވާން ޓީޗަރުން ތިބޭ ވަރުގަދަ ދާއިރާއަކަށް އެ ދާއިރާ ހެދުމެވެ. އެހެންކަމުން ސިސްޓަމުގައި ހުރި މައްސަލަތައް ބަލައި އެކަންކަން ރެގިއުލޭޓް ކުރެވެން އެބަ ޖެހެ އެވެ. ޓީޗަރުންގެ ހައްގުތައް ރައްކާތެރި ކުރެވެން ޖެހެ އެވެ.