ޓީޗަރުންގެ ދުވަސް

ޝައުނާ: ހިތް ރޮއްވާފައި ވަކިވި މުދައްރިސު!

"ޝަހީދީ އަލްވަދާއުން ދިވެހި އުންމަތް ގިސްލަމުން މިދަނީ، ރަހީމީ ހަޒްރަތަށް ހެޔޮ މާތް ދުވާތައް އުފުލެމުން މިދަނީ،" މިއީ އައިޝަތު ޝައުނާގެ ޓީޗަރު އަދި ބަސް އެކަޑަމީގެ މެންބަރެއް ކަމަށްވާ އާދަމް ނަސީރު އިބްރާހީމް، ޝައުނާގެ ހަނދާނުގައި ހައްދަވާފައިވާ ޅެމެއްގެ ބައެކެވެ.

މީގެ ދެހަފުތާ ކުރިން މާލޭގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުން ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. އެ ހާދިސާގެ ހަނދާންތައް އަދިވެސް ދިވެހިންގެ ހިތްތަކުގައި ވަރަށް ތާޒާ އެވެ. އެތަކެއް ގެއްލުން ލިބިގެންދިޔަ އެ ހާދިސާގައި ދިވެހިންގެ އަގުހުރި ދަރިއަކު ވެސް މި ދުނިޔެއަށް އަލްވަދާއު ކިޔެވެ. ރޯވި އަލިފާންގަނޑުގައި އެ ގުދަނާ ކުރިމައްޗަށްވާ ގޮތަށް ހުރި ރަނދުވާނިއާގޭގަ ރޯވުމުން އެގޭގައި ދިރިއުޅޭ ހަ މީހަކު ގޭރޭގައި ތާށިވި އެވެ. އޭގެ ތެރެއިން އަލިފާނުން ސަމާލަތް ނުވެވި، ތާއަބަދަށް ވަކިވެގެންދިޔައީ ތ. ބުރުނީއަށް އުފަން އުމުރުން 49 އަހަރުގެ އައިޝަތު ޝައުނާ އެވެ.

ޓީޗަރުންގެ ދުވަހަކީ ކޮންމެ ޓީޗަރަކަށް ވެސް ވަރަށްވެސް ހާއްސަ ދުވަހެކެވެ. ޓީޗަރުން ކޮށްދޭ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަން ޖެހެ އެވެ. މިއަދަކީ އެކަމަށް ހާއްސަ ދުވަހެވެ. މިފަދަ މުނާސަބު ދުވަހެއްގައި ޝައުނާ ފަދަ އަގުހުރި ޓީޗަރެއްގެ ހަނދާން އާކުރުން ވެސް މުހިންމެވެ.

ޝައުނާއަކީ ވަރަށް ގިނަ ކުދިންނަށް ގުރުއާން ކިޔަވައިދިން މުދައްރިސެކެވެ. ގޭގެއަށް ގޮސް ކުދިންނަށް އުގަންނައިދިން އެދުރެކެވެ. ޝައުނާ ވަނީ ގުރުއާން ކިޔަވައި ދިނުމުގެ ދައިރާއިން ބެޗެލާސް ޑިގްރީ ވެސް ހާއްސިލްކޮށްފަ އެވެ. އެއީ ދެވަނައެއް ނެތްފަދަ މުދައްރިސެއް ކަމަށް ދަންނަ ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވެ އެވެ.

ޝައުނާގެ ފަރާތުން ގުރުއާން ކިޔަވަން ދަސްކުރި ދަރިވަރެއްގެ މަންމަ ބުނި ގޮތުގައި ޝައުނާއަކީ ވަރަށް ހުލްގު ހެޔޮ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ހިތްހެޔޮ ޓީޗަރެކެވެ. އަދި ގުރުއާނުން އެތައް ކުދިންނަކަށް ޓިއުޝަން ދެމުން ދިޔަ ވަރަށްވެސް ހިތްވަރު ގަދަ އަންހެނެކެވެ.

ޝައުނާގެ އަހުލާގާއި މަޑުމައިތިރި ކަމާއި ކިޔަވައިދިނުމުގައި ނަމޫނާ ވަރަށް ގިނަ ފަރާތްތަކުން ފާހަގަ ކޮށްފައިވެ އެވެ. ހަމައެކަނި ދަރިވަރުންނެއް ވެސް ނޫނެވެ. އޭނާއަށް ކިޔަވައި ދިން ޓީޗަރުންވެސް ވަނީ ޝައުނާގެ ކިޔަވައިދިނުމާއި އުގެނުމުގައި ހުރި މޮޅު ކަން ފާހަގަކޮށްފަ އެވެ.

އާދަމް ނަސީރު އިބްރާހީމް ވިދާޅުވި ގޮތުގައި ޝައުނާއަކީ ކިޔެވުމަށް ޝައުގުވެރި ހިންމަތްތެރިއެކެވެ. ހުލްގް ހެޔޮ ވިސްނުން ތޫނު ކަނބަލެކެވެ.

ނަސީރުގެ ތައުރީފުގެ ބަސްްތައް ނިމުނީއެއް ނޫނެވެ. ޝައުނާގެ ހަނދާނުގައި އޭނާ ވަނީ ޅެމެއް ވެސް ދޫކޮށްލާފަ އެވެ. އަސަރުން ފުރިފައިވާ އެޅެމުގައި ވަނީ މި ދުނިޔެއިން ޝައުނާ ވަކިވުމާއެކު ލިބިގެންދިޔަ ހިތާމައިގެ ވާހަކަތަކެވެ.

ނަސީރުގެ އިތުރުން ޝައުނާ ކިޔެވި އިސްލާމިކް ޔުނިވާސިޓީން ވެސް ވަނީ ޝައުނާގެ އުނގަންނައިދިނުމާއި ހިތްހެޔޮ ކަމަކީ އަގު ނުކުރެވޭނެ ފަދަ ހިދުމަތްތަކެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އެއީ އެތައް ކުދިންނެއްގެ ހިތް ފަތަހަކޮށްފައިވާ އޯގާތެރި މުދައްރިސެކެވެ.

"ޢާއިޝަތު ޝައުނާއަކީ ޢިލްމު އުނގެނުމުގެ އެފަދަ ދެވަނައެއް ނެތް މިސާލެއް، ޢުމުރުގެ ދޮށީ ކަމަށް ފަރުވާލެއް ނެތި، ލިބުނު ފުރުސަތުގެ ބޭނުން ހިފާ، ގުރުއާން ކިޔަވައި ދިނުމުގެ ދާއިރާއިން ބެޗްލަސް ޑިގްރީ ހާސިލް ކުރި، ޝައުނާއަކީ އެތައް ދަރިވަރުންތަކަކަށް ކީރިތި ޤުރުއާން އުނގަންނައިދިން އެދުރެއް، އެތައް ކުއްޖެއްގެ ހިތްތަށް ފަތަހަކޮށްފައިވާ އޯގާތެރި މުދައްރިސެއް، އުނގަންނައިދިނުމުގެ ދާއިރާގައި ގިނަ އަހުރަތަކެއް ވާންދެން މަސައްކަތްކުރެއްވި ހިދުމަތްތެރިއެއް،"

ޝައުނާގެ ހަނދާންތައް އަދިވެސް ދިވެހިންގެ ހިތްތަކުގައި ހަރުލާފައިވަނީ އިއްޔެ ހިނގައިދިޔަ ހާދިސާއެއް ފަދައިންނެވެ. މިދުނިޔެ ދޫކޮށް ވަކިވެގެންދިޔަ ޝައުނާގެ އެންމެ ފަހު ވަގުތުވެސް އެދުނީ އެންމެ ކަމަކަށެވެ. އައިޝަތު ޝައުނާގެ އެންމެ ފަހު ފޯނު ކޯލްގައި އޭނާ ބުނި ވާހަކަ އަކީ "އަލިފާންގަނޑާ ހެދި ނުނުކުމެވިގެން މި އުޅެނީ، ހެޔޮ ދުއާކޮށްދީ،" މިއެވެ.