ޓީޗަރުންގެ ދުވަސް

ޓީޗަރެއް ބިނާ ކުރަން ލީލާ ކުރެއްވި ތަޖުރިބާ!

މުޖުތަމައެއް ހަމަ މަގަށް އަޅުއްވައިދޭ މުހިންމު އެއްބަޔަކީ ޓީޗަރުންނެވެ. ދަރިވަރުންގެ ކިބައިގައި އަހުލާގީ ރީތީ ސިފަ އަށަގަންނުވާ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހަދައިދޭ ބަޔަކީ ވެސް ޓީޗަރުންނެވެ. ހެޔޮ ބަދަލެއް މުޖުތަމައުއެއް ގެންނަ އެއްބަޔަކީ ވެސް ޓީޗަރުންނެވެ. ޓީޗަރުން ބިނާކޮށް އަދި ތަމްރީން ދޭ ލެކްޗަރާއިން އަދި ވަކިން ހާއްސައެވެ.

މިތާނގައި މިއޮތީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ބެޗްލާސް އޮފް ޓީޗިންގް ޕްރައިމަރީ ކިޔަވައި ދެއްވާ ލީލާ އަހުމަދު އޭނާގެ ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮޖެކްޓެއް ކަމުގައިވާ "ގުޑްޑީޑް" ޕްރޮޖެކްޓްގެ ވާހަކަ އެވެ.

ލީލާ ވިދާޅުވި ގޮތުގައި ބެޗެލާ އޮފް ޕްރައިމަރީ ޓީޗިން ކިޔަވާ ކުދިންގެ ޔުނިޓެއްގައި އޮންނަނީ ލިޓްރޭޗާއަށް އަހުލުވެރި ކުރުމާއި ދަރިވަރުންގެ ކެރުންތެރިކަން އިތުރު ކުރަން ކުދިން ކިޔާފައި އޮތް ފޮތެެއް ނުވަތަ އާޓިކަލެއްގައިވާ އެއްޗެއް ކްލާހަށް ގޮސް ކިޔައި ދިނުމެވެ.

އެއަަށް އިތުރު ބޮޅެއް ލާން ވެގެން ލީލާ ކުރެއްވި ކަމަކީ ކޮންމެވެސް ކަހަލަ ރަނގަޅު ކަމަކަށް ވޮލަންޓިއާކޮށްފައި ގޮސް ވޮލަންޓަރީ ބޭސްކޮށް ކުރި އެ ކަންތައް ކްލާހާ ހިއްސާ ކުރެއްވީ އެވެ. އެ ގޮތުން ދަރިވަރުންނާ ހަވާލު ކުރެއްވީ ނުދަންނަ މީހަކަށް އެހީތެރި ކަމެއް ފޯރުކޮށްދީ، އެހެން މީހަކަށް އުފާވެރިކަމެއް ގެނެސްދޭނެ ކަހަލަ ކަމެއް ކުރުމަށްފަހު ކްލާހާ ހިއްސާ ކުރާށެވެ. އޭގެ ބޭނުމަކީ ދަރިވަރުންނަކީ އެކަކު އަނެކަކަށް އޯގާތެރިވާ، އެހީވާ ބަޔަކަށް ހެދުމެވެ. އަދި މުޖުތަމައަށް ކޮންމެވެސް އެއްޗެއް ހިލޭ ސާބާހަށް ދޭ ބަޔަކަށް ވެސް ހެދުމެވެ. ދަރިވަރުން ގްރެޖުއޭޓްވެ ކްލާސް ރޫމަަކަށް ދާއިރު ހުލްގު ހުރި ހެޔޮ ލަފާ ބައެއްގެ ގޮތުގައި ފެނުމެވެ.

"ދަރުމައަށްޓަކާ ކުރާ ކަންކަން ނުފެނޭ މި ސޮސައިޓީއަކުން އެކަން ގިނަ ކުރަން ތަމްރީންކުރާ ޓީޗަރުންނަށް މިކަން ކުރާނަމަ ވަރަށް ބައިވަރު މީހުން މިކަން ކުރާނެ. މިއީ ވަރަށް ރަނގަޅު ކަމެއް ކުރަން. ނެރެން މަސައްކަތް ކުރަނީ މުޖުތަމައުއަށް އެހީތެރިވާ ޒިންމާދާރު ބައެއް،" ލީލާ ވިދާޅުވި އެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ބައެއް ދަރިވަރުން އެ މީހުންގެ ތަޖުރިބާ ހިއްސާކުރިއެވެ. ނުދަންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކްލާހުގެ 13 ދަރިވަރަކު ހިންގި "ގުޑްޑީޑް" ޕްރޮޖެކްޓް ކިޔައި ދިނެވެ.

ކަނަމަދު ފެޅުމުން ފެށުނު އެކުވެރިކަން | އަންފާލާ އަލީ

އަންފާލާ އަލީ ހުކުރު ދުވަހު ހެނދުނު ހޭލައިގެން އާދައިގެ މަތިން މޫދަށް ދަނިކޮށް ގެއެއްގެ ކައިރީން ފެންނަނީ އުމުރުން ދުވަސްވީ އަންހެނަކު ކަނަމަދު ފަޅާތަނެވެ. ރަށުގައި ވެސް ކަނުމަދު ފަޅާ އުޅޭތީ އެކަމަށް ޝައުގުވެރިކަން ހުރެއެވެ. އެހެންވެ އެ ދައްތައާ ސުވާލުކޮށް އޭނާއަށް މަދެއް ފަޅާލައި ދޭން އެދުނީ އެވެ. އެ ދައްތަ ގެއިން ފުރޮއެއް ހިފައިގެން ނުކުމެ ކަަނަމަދު ފަޅަން ހަވާލު ކުރިއެވެ. އެ މަސައްކަތަކަކީ އެ ދައްތަ އާމްދަނީ ހޯދަން ކުރާ ކަމަކަށްވެފައި، އޭނާގެ ދަރިފުޅު ނިދާފައި އޮތުުމުން މިކަން ކުރިއަށް ނުގެންދެވިފައިވާ އޮތީކަން އެނގުނެވެ. ދައްތަ އާއި ވާހަކަ ދައްކާ ކަނަމަދު އަވީލާން އެހީތެރިވީ އެވެ. އަދި ސްމާޓް ފޯނުން ފޯނެއް ކުރަން ނޭނގޭ ވާހަަކަ ހިއްސާ ކުރުމުން ފޯނު ބޭނުން ކުރަން ދަސްކޮށް ދިނީ އެވެ. އަދި އޭގެ ފަހުން އެހެން ދުވަހަކު ބައްދަލުކޮށް ކަނަމަދުން ހަދާ ފޮނިއެއްޗެއް ދައްތަ ހަދިޔާއަކަށް ދިނެވެ. ފަހުން ދެމީހުން ރަހުމަތްތެރިވެ ހުކުރު ދުވަހު ފަތަން ދަނީ އެކުގަ އެވެ.

ސާފުކުރުމުގެ އެހީތެރިޔާ | ތަމްސީރާ އަހުމަދު

ރަސްފަންނުގައި ތަމްސީރާ އަހުމަދު ދަރިފުޅު ގޮވައިގެން މޫދަށް އެރެން ގޮސް ވެމްކޯގެ އުމުރުން ދުވަސްވީ މުވައްޒަފަކު ގޮނޑުދޮށް ކުނިކަހާ ސާފުކޮށް ނިންމާލި މަންޒަރު ބަލަން އިނެވެ. އެވަގުތު ޒުވާން އަންހެން ކުދިންތަކެއް ޕެކެޓާއި ޗޮކުލެޓް ކައިފައި ކުނިކަހާ ނިންމި ތަނަށް އެޅުމުން ކުނިކަހާ ސާފު ކުރަން ހުރި ދައްތަގެ މޫނަށް ވެރިވެގެން ދިޔަ މޮޅިވެރިކަން ފެނުނެވެ. އެ މަންޒަރު ބަލަން އުދަނގޫވެގެން އެ ދައްތައަށް އެހީތެރިވީ ދަރިފުޅު ވެސް ގޮވައިގެން ގޮހެވެ. ދައްތައާއެކު ވިއްސަކަށް މިނެޓަށް އެ ސަރަހައްދު ސާފުކުރީ އެވެ.

"ކޮއްކޯ. މިހާރު ތިކަހަަލަ ކުދިން ވަރަށް މަދުވާނެ! މިހާރު ދިވެހިންގެ ތެރޭގައި ވެސް އިންސާނިއްޔަތެއް މީހަކަށް ރަހުމެއް ކުލުނެއް ނުހުރޭ!" އެދައްތަ އެ ދުވަހު އެހެން ބުނި ކަމަށް ދަރިވަރު ބުންޏެވެ.

އަވަށްޓެރިޔާގެ އެހީތެރިޔާ | އައިމިނަތު މަލްސާ

މި ދަރިވަރުގެ ވާހަކަވެސް ތަފާތެވެ. ގޭ ކައިރީ އުމުރުން ދުވަސްވީ އަވަށްޓެރިޔަކު ބާޒަރު ކޮށްގެން ކޮތަޅުތައް ހިފައިގެން ހަވަނަ ބުރިއަށް ނޭރިފައި ހުރުމުން އެހީތެރިވީ ކޮތަޅުތައް މައްޗަށް ގެންގޮސް ދޭށެވެ.

އަވަށްޓެރިޔާ ބުނިގޮތުގައި ގެއިން ދަރިފުޅަށް ގުޅައިގެން އެއްޗެހި އަރުވައި ދޭން ފޭބުމަށް ގުޅާ ފޯނު ނުނެގުމުން މަޑުކޮށްލައިގެން ހުރީ އެވެ. ދައްތައަށް އެހީތެރިވެ ދިނުމުން އެ ގެއިން ސައިބޯން ވަނުމަށް ދައުވަތު ދީ ހެދި އެވެ. އަދި އެހެން ދުވަހަކު އެ ދައްތަގެ ދަރިފުޅު ސަގާފީ ހެދުމެއް ލާން ޖެހިގެން ތައްޔާރު ކޮށްދިނުމަށް އެހީތެރިވެވުނެވެ. މި ޕްރޮޖެކްޓާއި އެކު އަވަށްޓެރިޔާ އާއި ގުޅުން ބަދަހިވެ އެކުވެރިކަން އުފެދުނީ އެވެ.

އެހެން ދަރިވަރަކު ބުނި ގޮތުގައި ޓީޗަރުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ އެ މަސައްކަތުގެ ސަބަބުން މީހަކަށް ކުޑަ ނަމަވެސް ރަނގަޅު ކަމެއް ކޮށްދިނުމުން ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް ގެނެސްދެ އެވެ. އެހީތެރިކަމެއް ބޭނުން ވެފައިވާ މީހަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދިނުމުން ތަފާތު އުފާވެރިކަމެއް ލިބެ އެވެ. އަދި މިކަން ދަމަހައްޓާ ޗެއިން ރިއެކްޝަނެއް އުފެދުމަކީ އެންމެ ބޮޑު އުއްމީދެވެ.

"ޓީޗަރުންނަށްވެ ތިބެ ކްލާހެއްގެ 30 ކުދިން ލައްވާ މިކަން ކުރެވެންޏާ ވަރަށް ރަނގަޅު މަގަކަށް ދެވޭނެ.
ކޮމިއުނިޓީ ވޯކް ކުރުމަށް ކޮންމެ ހަފުތާއެއްގެ ވަގުތު ކޮޅެއް ސޮސައިޓީއެއް އަނބުރާ ކޮންމެވެސް އެއްޗެއް ދޭނެ ވަގުތެއް ހޯދާށޭ. އެވަގުތު ކޮޅު އަޅުގަނޑުމެންގެ ސޮސައިޓީ ވަރަށް މުއްސަންދިވާނެ" އެއީ ލީލާގެ މެސެޖެވެ.