އާ ހަޔާތެއް ހޯދައިދޭން ހިތުގެ ފުނުން!

މިއީ އިމާދުއްދީން ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވައިދޭން އުޅޭ ޓީޗަރަކަށް ދިމާވި ހާދިސާއެކެވެ. ތަބީއަތުގައި ކަންކަމާ އަވަހަށް ރުޅި އަންނަ ކުއްޖެއްގެ ފަރާތުން އެ ޓީޗަރަށް ލިބުނީ ބޮޑު އަނިޔާއެކެވެ. ދަރިވަރު ރުޅި އައިސް ޓީޗަރު ގައިގާ ތަޅައިގަތީ އެވެ. ކޮނޑުހުޅި ނެއްޓި ބޮޑު އަނިޔާއެއްވި އެވެ. މުޅި އުމުރު އެ އަނިޔާއެއްގެ ވޭން ހަށިގަނޑުގައި އަޅާނެ އެވެ. އެކަމަކު އޭނާގެ މޫނު މަތިން މަސައްކަތާމެދު ކުޑަ ވެސް ޝައުގުވެރި ކަމެއް ނުގެއްލެ އެވެ. އަދިވެސް ހަމަ އެ ދަރިވަރުންގެ ކައިރީގައި އެ އިނީ އެ ޓީޗަރެވެ. ސާބަހެވެ!

އިމާދުއްދީން ސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ ނުވަތަ ހާއްސަ އަޅާލުން ބޭނުންވާ 98 ކުއްޖަކު ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ. އެ ކުދިންނަށް ވަކި ހާއްސަ ކްލާސް ރޫމްތަކެއް ހުންނައިރު ކުދިންނަށް ތަމްރީނާއި ތައުލީމް ދިނުމަށް 28 ޓީޗަރަކު އުޅެ އެވެ. ދެ ދަންފަޅިއަށް ޖުމްލަ އަށް ކްލާހުގައި މި 28 ޓީޗަރުން ކިޔަވައިދޭއިރު އެމީހުންގެ މަސައްކަތް ވަރަށް ގާތުން ބަލާލުމަށް ފުރުސަތު ލިބުނެވެ. ހައިރާންވެ އަނތަރީސްވާހާ އެ ޓީޗަރުންގެ ކެތްތެރިކަމާއި އޯގާތެރިކަން ބޮޑެވެ.

އަވަސްގެ ނޫސްވެރިން މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު އިމާދުއްދީން ސްކޫލްގެ ސެން ކުލާހަކަށް ވަންއިރު އެ ކުދިން ތިބީ ވަށް ބުރެއް ހަދައިގެން އެކަކު އަނެކަކަށް ތައާރަފުވުމުގަ އެވެ. އަމިއްލަ ނަމާއި މަންމަ އާއި ބައްޕަ ނަން ބުނެދޭން މަސައްކަތް ކުރަނީ އެވެ. އެޑްރެސް ވެސް ހަނދާން ކުރެވޭތޯ މަސައްކަތް ކުރެ އެވެ.

އޭގެ ތެރެއިން ބައެއް ކުދިންނަކީ ވަރަށް އުނދަގުލުން ނޫނީ ބަހެއް ވެސް ނުބުނެވޭ ކުދިންނެވެ. އެ ކުދިންގެ އަތުގައި ހިފައިގެން ހިތްވަރަކަށް ތިބީ ޓީޗަރުންނެވެ. ކޮންމެ ކުއްޖެއްގެ މަންމަ އާއި ބައްޕަ އަދި އެޑްރެސް ވެސް އެ ޓީޗަރުން ހިތު ދަހެވެ. އެ ކުދިންގެ ކޮންމެ އިޝާރާތަކީ ޓީޗަރުންގެ ހިތުގައި ބިންވަޅު ނަގާފައިވާ އިޝާރާތްތަކެވެ.

ޖެހިގެން ހުރި ކްލާހަށް ވަތްއިރު ކުދިންގެ ހަރަކާތަކީ ކުޅިވަރުގެ ތެރެއިން ކަސްރަތު ކުރުމެވެ. މި ކްލާހުގައި ރީއްޗަށް ވާހަކަ ދައްކާލަން އެނގޭ ކިޔެވުމުގައި ވެސް ތޫނުފިލި ކުދިން ތިއްބެވެ. ކްލާހަށް އަހަރެމެން ވަނުމާއެކު ސަލާން ވެސް ގޮވާލި އެވެ. ބައެއް ކުދިން ސަލާމްކޮށްލަން އަތް ވެސް ދިއްކޮށްލި އެވެ. ކެމެރާތައް ފެނުމުން އުފާވެސްވި އެވެ. ތަފާތު ވަސީލްތަތް ބޭނުން ކޮށްގެން ޓީޗަރުން ކުދިން ލައްވާ ކަސްރަތު ކުރަމުން ދިޔައިރު އެ ކުއްޖަކަށް އެކަމެއް ކުރެވޭނެ މިންވަރާއި ނުކުރެވޭނެ މިންވަރު ޓީޗަރުންނަށް އެނގެ އެވެ.

އެހީގެ އަތް ދިއްކޮށްލަންވީ ވަގުތާއި އަމިއްލަ ފައިމައްޗަށް ދޫކޮށްލަންވީ ވަގުތު އެމީހުންނަށް އެނގެ އެވެ. ގޮވައިގެން ދާންވީ ވަގުތާއި އެކުގައި ފެމެންވީ ވަގުތު ވެސް އެމީހުންނަށް އެނގެ އެވެ. ކޮންމެ ކުއްޖަކަށް ވަކި ގޮތެކެވެ.

ތިންވަނައަށް ވަން ކްލާސް ރޫމަކީ ވަކިން ހާއްސަ ކްލާސް ރޫމެކެވެ. ކޮންމެ ކުއްޖަކަށް ޓީޗަރެކެވެ. އެންމެ ސިވިއާ ކުދިން ގެންދަނީ އެ ކުލާހަށެވެ. ކުއްޖާގެ ކޮންމެ ހަރަކާތެއް ކޮންމެ ޝަކުވާއެއް އަޑުއަހާ ބަލަން ޓީޗަރު އަބަދު ގާތުގައި އިނދެ އެވެ. އެ ކުލާސް ރޫމުގައި ހޭދަކުރި 15 ވަރަކަށް މިނެޓުން ވެސް މި ޓީޗަރުންވާ ގުރުބާނީ އެ ބުރަ މަސައްކަތް ކޮންމެ ވެސް ވަރަކަށް ވަޒަންކޮށްލެވުނެވެ. ކުއްލިކުއްލިއަށް އަންނަ ރުޅިއަށް ޓީޗަރު ސަމާލުވެ އިންނައިރު އެ ކުދިންގެ އަމިއްލަ އަތުން ކަންކަން ކުރުވުމަށް ވެސް ޓީޗަރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެތައް ފަހަރަކު ކިޔައިދެ އެވެ. ފޫހިކަމެއް ވަރުބަލި ކަމެއް އެ ޓީޗަރުންގެ މޫނު މަތިން ނުދައްކަ އެވެ. އެއީ ހިނިތުންވުމާއި އޯގާތެރިކަމުގެ 28 މޫނެވެ.

"ގިނަ ދުވަސް ދުވަހު ޓީޗަރުން އަޅައިގެން އަންނަ ބުރުގާ ވެސް އަނެއް ދުވަހު އަޅަން ނުވާ ވަރުވެފަ އޮންނަނީ،" ޓީޗަރަކު ބުނެލި އެވެ.

އިމާދުއްދީން ސްކޫލްގެ ސެން ކުލާހުގައި ކިޔަވައިދިނުމަށް އުޅޭ 28 ޓީޗަރުންގެ ތެރެއިން 26 ޓީޗަރުންނަކީ އަންހެން ޓީޗަރުންނެވެ. ދެ ފިރިހެން ޓީޗަރުން އުޅޭއިރު އެ ދާއިރާއަށް ފިރިހެނުންގެ ޝައުގުވެރިކަން ކުޑަކަން ސްކޫލުން ފާހަގަ ކުރެ އެވެ. ނަމަވެސް ސްކޫލަށް ލިބިފައިވާ އެ 28 ޓީޗަރުންނަކީ ވެެސް "ޖަވާހިރު" ންގެ ގޮތުގައި ސްކޫލް މެނޭޖްމެންޓުން ފާހަގަކުރެ އެވެ.

އަމިއްލަ ދަރިންގެ ގޮތަށް ހާއްސަ ކުދިންނަށް ހާއްސަ އޯގާތެރިކަން އެ ޓީޗަރުން ދެމުންދާއިރު އެ ވަރުން އެމީހުން ފުއްދައެއް ނުލަ އެވެ. ކުދިންނަށް އެންމެ ރަނގަޅު ގޮތްތަކާއި އެންމެ ރަނގަޅު ތަކެތި ހޯދަން އަބަދުވެސް މަސައްކަތް ކުރެ އެވެ. ސަރުކާރުން ނޫނީ މިނިސްޓްރީގެ ތެރެއިން ތަކެތި ލިބެންދެން މަޑުނުކޮށް އަމިއްލައަށް ޕްރޮޕޯސަލްތައް ހަދައިގެން ތަކެތި ހޯދުމަށް ޓީޗަރުން ބޭރު ތެރެއަށް ނުކުމެ އެވެ. ސްކޫލްގެ އެ ކުލާސް ރޫމްތަކަށް ކުދިން ހިތްފުރޭ ވަރަށް ތަކެތި ވައްދާފައި އެ ހުރީ ހަމަ އެފަދަ އެތައް މަސައްކަތުންނެވެ.

ސެން ކުލާހެއްގެ ޝެޑިއުލް، ބްރޭކެއް ނެތް

ސެން ކުލާހެއްގެ އެއް ދުވަސް ހޭދަވާ ގޮތަށް ހަ އަހަރު ވަންދެން ސެންގައި ކިޔަވައިދެމުން އަންނަ ނާޒިޔާ ހާލިދު ވާހަކަ ހިއްސާކޮށް ދިނެވެ. އޭނާ ކިޔައިދިން ގޮތުގައި ކޮންމެ ދަރިވަރަކަށް ވެސް ޓީޗަރު ވަކި ޝެޑިއުލެއް ހަދައި ކުއްޖާއަށް ފެންނަ ގޮތަށް އެ ޝެޑިއުލް ބަހައްޓަ އެވެ. ކޮންމެ ދުވަހު ވެސް ކުދިން އައުމުގެ ކުރިން ޓީޗަރު އެ ޝެޑިއުލް ތައްޔާރު ކުރާނެ އެވެ.

އާންމު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް އެންމެ ފުރަތަމަ އޮންނަނީ ކަސްރަތު ގަޑި އެވެ. ކަސްރަތު ގަޑިއަށް ފަހު ކުދިން އަރާމް ކޮށްލުމަށްފަހު ސާކަލް ގަޑިއަށް ތައްޔާރުވެ އެވެ. އޭނާ ބުނި ގޮތުގައި އެ ގަޑިއަކީ ކުދިންގެ ސޯޝަލް ސްކިލް ކުރިއަރުވަން ބާއްވާ ގަޑިއެކެވެ. އެ ގަޑީގައި އެހެން މީހުންނާ ވާހަކަ ދެއްކުމާއި އެކުގައި އުޅުމަށް ދަސްކޮށްދެ އެވެ.

އިންޓަވަލް ގަޑިއަކީ ވެސް ވަރަށް މުހިންމު ގަޑިއެކެވެ. ކޮންމެ ކުއްޖަކަށް ވެސް ވަކި ކާނާ އެކެވެ. އެކި ކުދިންނަށް ކެވެނީ އެކި ކާނާ އެވެ. ނަމަވެސް ޓީޗަރުންގެ މަސައްކަތަކީ ކުދިންނަށް ވީހާވެސް ގިނަ ވައްތަރެއްގެ ކާނާ ތައާރަފުކޮށް އެ ކާނާތައް ކުދިންނަށް ކާން ދިނުމެވެ. އިންޓަވަލް ގަޑިއަށްފަހު ކޮންމެ ވެސް ފިލާވަޅެއް ކޮންމެ ދުވަހަކު ވެސް ނަގައިދެ އެވެ. އަދި ތަފާތު ހުނަރުތައް ދަސްކޮށްދެ އެވެ.

ދެން އޮންނަ ގަޑިއަކީ "ވަން އޮން ވަން" ގަޑި އެވެ. އެ ގަޑީގައި ކޮންމެ ކުއްޖަކާއެކު ވެސް ޓީޗަރަކު އިންނާނެ އެވެ. ކޮންމެ ކުއްޖަކަށް ވަކިން ހުނަރުތައް ދަސްކޮށްދީ ރީތި އަހުލާގުތައް ބުނެދެ އެވެ.

ނާޒިޔާ ކިޔައިދިން ގޮތުގައި ބައެއް ކުދިން އެކި ދުވަހު އެކި މޫޑް ހުންނާތީ ޝެޑިއުލް އެކި ދުވަހަށް ތަފާތު ކުރަން ވެސް ޖެހެ އެވެ. އެ ކުއްޖަކު އެންމެ ގަޔާވާ ކަހަލަ ކަންކަން ޝެޑިއުލްގައި ހިމަނަން ޓީޗަރު އިސްކަންދެ އެވެ. ކޮންމެ ކުލާހެއް ނިމުމުން ކޮންމެ ކުއްޖެއްގެ އުޅުމަށް އަންނަ ބަދަލުތައް ޓީޗަރުން މަޝްވަރާކޮށް ދިރާސާކުރެ އެވެ. އަދި ދެން އެ ކުއްޖަކު އެއަށްވުރެ ކުރިއަރުވަން ކުރަންޖެހޭ ކަންކަން ނިންމަ އެވެ. މިއީ ކޮންމެ ދުވަހަކު 12:15 އިން ފެށިގެން 5:00 އާ ހަމައަށް ބްރޭކެއް ނެތި އެ ޓީޗަރުން އުޅޭ ޝެޑިއުލެވެ.

އެންމެ ބަހެއް ބުނެލިޔަސް އުފަލުން ފޮޅޭ

ނާޒިޔާ ބުނި ގޮތުގައި ކިޔަވައިދޭ ކުއްޖަކު އެންމެ ބަހެއް ބުނެލިޔަސް އެއީ އެންމެ އުފާވާ ވަގުތުކޮޅެވެ. ކުލާހަށް ގެންނައިރު އެއް ގޮތަކަށް ވެސް ވާހަކަ ނުދެއްކޭ އެތައް ކުދިންނެއް ތިބޭއިރު އެ ކުދިންނަށް އެތައް ފަހަރު ކިޔައިދީގެން އޭގެން އެންމެ ލަފުޒެއް ބުންޏަސް އުފަލުން ރޮވެ އެވެ.

އެ މަންޒަރު ނާޒިޔާގެ ކުލާހުގައި އިން ކުއްޖެއްގެ ފަރާތުން ފެނުނެވެ. އެ ކުއްޖާއަކީ އެ ކުލާހަށް ގެންދިޔައިރު އެއް ގޮތަކަށް ވެސް ވާހަކަ ނުދައްކާ ކުއްޖެކެވެ. މިހާރު ވެސް މާބޮޑު ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އަހަރެމެން ކުލާހަށް ވަނުމާއެކު ސަލާން ގޮވާލި އެވެ.

އެ ކުދިން ޓީޗަރުން ދެކެ ވަރަށް ލޯބިވެ އެވެ. މަގުމަތިން ފެނުނަސް ކައިރިއަށް ގޮސް ވަރަށް އުފާކުރެ އެވެ. ހަމައެހެން އެ ކުދިންގެ މައިންބަފައިން ކިބައިން ވެސް ޓީޗަރުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެ އެވެ. އެމީހުންގެ ހާއްސަ ދަރީން، ޓީޗަރުންގެ އަތް މައްޗަށް ދޫކޮށްލަނީ ފުރިހަމަ އިތުބާރާއެކު އެވެ.

މިކަމުގައި ނާޒިޔާ ނުތަނަވަސްވާ އޮތީ ހަމަ އެންމެ ކަމެކެވެ. މިކަމަށް ޝައުގުވެރިވާ ޓީޗަރުން މަދުވުމެވެ. ނާޒިޔާގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު މިކަމަށް ނުކުމެ، މިފަދަ ކުދިންނަށް އާ ހަޔާތެއް ހޯދައިދިނުމަށް މަސައްކަތްކޮށް ދިނެވެ. އޭނާ ދެކޭ ގޮތުގައި އެންމެ ޓީޗަރެއްގެ އަޅާލުމާއެކު ވެސް ކުއްޖެއްގެ ހަޔާތް މުޅިން ބަދަލުވެ މުޖުތަމައުއަށް ފައިދާހުރި ކުއްޖަކަށް އެ ކުއްޖަކު ހެދިދާނެ އެވެ.