ޓީޗަރުންގެ ދުވަސް

ޖައްވަށް ދާން ފުރުސަތު ލިބުނު ފުރަތަމަ ޓީޗަރު

Oct 5, 2019

ޖައްވީ މިޝަންތަކަށް އާންމުކޮށް ގޮސް އުޅެނީ ސްޕޭސް އިންޖިނޭރުންނެވެ. ނޫނީ ދިރާސާކުރާ މީހުނެވެ. ސްޕޭސް ސެންޓަރުންތަކުގައި ކިޔަވައިދޭން ޓީޗަރުން އުޅުނު ނަމަވެސް އެމީހުނަކަށް ޖައްވަށް ދިޔުމުގެ ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން ޓީޗަރަކު ޖައްވީ މިޝަނެއްގައި ބައިވެރިވުމަކީ ހުރިހާ ޓީޗަރުންނަށް ލިބޭ ޝަރަފެކެވެ. އަދި އެމީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭނެ ބޮޑު ހަދިޔާ އެކެވެ. މި ޝަރަފު ޓީޗަރުންނަށް ވަނީ ލިިބިފަ އެވެ.

ކްރިސްޓާ މެކް އައިލިފީ އަކީ އެމެރިކާގެ ޔުނިވާސިޓީއެއްގައި ކިޔަވައި ދެމުން ދިޔަ އުމުރުން 38 އަހަރުގެ ޓީޗަރެކެވެ. ނަމަވެސް ކްރިސްޓާ މެކް އައިފިލީ އެހެން ޓީޗަރުންނާ ތަފާތު ވެގެން ދިޔައީ އެމެރިކާގެ ޖައްވީ މިޝަނެއްގައި ބައިވެރުިވުމުގެ ފުރުސަތު ނަސާގެ ފަރާތުން އޭނާއަށް ލިބުމުންނެވެ. ކްރިސްޓާ މެކް އައިލިފީ އަކީ ވެސް އެމެރިކާގެ ރައްޔިތެކެވެ.

ކްރިސްޓާއަށް ޖައްވީ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ 1985 ގަ އެވެ. އޭރު އޭނާ ވަނީ ޓީޗިން ދާއިރާއިން މާސްޓާ ޑިގްރީ ހާސިލްކޮށް ކޮންކޯޑް ޔުނިވާސީޓީގައި މަސައްކަތް ކުރަން ފަށާފަ އެވެ.

ޖައްވީ މިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއެކު ކްރިސްޓާ އެންމެ ބޮޑަށް ފިކުރު ބޮޑުވީ އޭނާގެ ދަރިވަރުންނާ މެދުގަ އެވެ. އެއާއެކު ދަރިވަރުންގެ މަސައްކަތް ވީހާވެސް ގާތުން ބަލައި އެކްސްޓްރާ ކްލާސްތައް އިތުރުކޮށް ދަރިވަރުންނާއެކު ވަގުތު ހޭދަ ކުރަން ފެށި އެވެ. ސަބަބަކީ އޭރު ޖައްވީ މިޝަންތަކުގެ ރައްކާތެރިކަން ޔަގީންކަން ނުކުރެވޭތީ އަނބުރާ ދުނިޔެ ނާދެވިދާނެތީ ދަރިވަރުންނަށް ވީހާވެސް ގިނަ ފިލާވަޅު ދަސްކޮށް ދިނުމުގެ ބޭނުމުގަ އެވެ.

ކްރިސްޓާއަކީ އަބަދުވެސް ޖައްވަށް ދަތުރު ކުރަން ބޭނުންވާ މީހެކެވެ. ޖައްވަށް ދާން ޓީޗަރުންނަށް ހުޅުވާލި ފުރުސަތުގައި 11،000 ޓީޗަރުން ޖައްވަށް ދާން އެދި ހުށަހެޅި އެވެ. އެ އެންމެންގެ ތެރެއިން ވެސް ހޮވުނީ ކްރިސްޓާ އެވެ. ކްރިސްޓާ މެކް އައިލިފީ ޖައްވީ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުކަން އެންގީ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއާއެކު ކްރިސްޓާ ވެގެން ދިޔައީ އެމެރިކާ ޓީވަރުންގެ ހީރޯ އަށެވެ. ޖައްވީ ދަތުރުގައި ބައިވެރިވާން ކްރިސްޓާ އެންމެ ބޮޑަށް ބޭނުންވީ، ދަތުރު ނިންމާލުމަށްފަހު ޖައްވާއި ބެހޭގޮތުން އޭނާގެ ދަރިވަރުންގެ މައުލޫމާތު މުއްސަދި ކުރުމުގެ ބޭނުމުގަ އެވެ. ކްރިސްޓާ އޭނާގެ މުޅި ހަޔާތް ހޭދަކުރީ ދަރިވަރުންގެ މުސްތަގުބަލު އުޖާލާ ކުރާށެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރު ކްރިސްޓާ ޖައްވީ މިޝަނުގައި ބައިވެރިވުމުގެ ގޮތުން ސްޕޭސް ޝަޓާއަށް އެރި އެވެ. އެ މަންޒަރު ބަލައިލުމުގެ ގޮތުން އޭނާގެ އާއިލާއާ، ދަރިވަރުން އަދި އެމެރިކާގެ އިތުރުން އެހެން ގައުމުތަކުގެ ޓީޗަރުން ވެސް ދިޔަ އެވެ.

ޝައުގުވެރިވާނެ އެތަކެއް ވާހަކަތަކާއެކު އަނބުރާ ދުނިޔެ އަންނާނެ ކަމަށް ބެލެވުނު ކްރިސްޓާ ހުވަފެންތަކުގައި ކުލައެއް ނުޖެހުނެވެ. ދަރިވަރުންނަށް ޖައްވުގެ ވާހަކަތައް ހިއްސާކުރާނެ ކަމަށް ބެލެވުނު ދަތުރަށް ފެށިތާ ދެ މިނިޓުގެ ތެރޭގައި ކްރިސްޓާ މަރުވީ އެވެ. ސްޕޭސް ޝަޓާ އުދުއްސާލިތާ ދެ މިނިޓު ފަހުން އަލިފާން ރޯވެ ގޮވީ އެވެ. އޭނާގެ ދަތުރުގެ ބައިވެރިން ވެސް މަރުވީ އެވެ.

ޖައްވީ އެ މިޝަން ފެއިލްވި ކަމުގައިވިޔަސް ނާސާއިން ބޭނުންނީ ކްރިސްޓާގެ ޝަރަފުގައި ބޮޑު ކަމެއް ކުރާށެވެ. އެހެންކަމުން ކޮންގްރޭޝިނިއަލް ސްޕޭސް މެޑަލް އޮފް ހޯނާ މެޑަލް ކްރިސްޓާއަށް ނާސާއިން އެރުވި އެވެ. މީގެ އިތުރުން ޖައްވުގައި ދަތުރު ކުރާ އެސްޓްރޮއިޑަކަށް "ކްރިސްޓާ މެކް އައިލިފީ" ގެ ނަމުން ނަން ދިނެވެ. ސަބަބަކީ އޭނާއަކީ ގިނަ ޓީޗަރުންތަކެއްގެ ލޯބި ލިބިފައިވާ ޓީޗަރަކަށް ވާތީ އެވެ. މީގެ އިތުރުން ކްރިސްޓާގެ ހަނދާނުގައި ޔުނިވާސިޓީއެއް ގާއިމް ކުރި އެވެ.