ލައިފްސްޓައިލް

ގުޅިފައިވާ ދެބެން ކަމަށްވާ އަބީ އާއި ބްރިޓްނީ ޓީޗަރުންގެ ވަޒީފާގައި

އަބީ އާއި ބްރިޓަނީ ހެންސެލް އުފަންވީ މެއި 7، 1900 ގައެވެ. މި ދެބެން ދުނިޔެއަށް ލޯ ހުޅުވާލި ފުރަތަމަ ދުވަހުން ފެށިގެންވެސް ދުނިޔޭގެ މީޑީއާގެ ބޮޑު ސަމާލުކަމެއް ދެބެންނަށް ލިބެމުން ދިޔަ އެވެ. ސަބަބަކީ ދެބެންނަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެބެންނަށް ވާތީ އެވެ.

މިއީ އާދައިގެ ގޮތަކަށް ގުޅިފައިވާ ދެބެންނެއް ނޫނެވެ. ދެބެންގެ ދެ ބޯ އިނަސް ދެބެންގެ ހަށިގަނޑުގެ ގިނަ ބައިތަކަކީ ދެބެން ހިއްސާކުރަން ޖެހޭ ބައިތަކެވެ.

މި ދެބެންގެ ވާހަކަ އެންމެ ބޮޑަށް މަޝްހޫރުވީ 1996ގެ އޭޕްރީލްގައި "އޯޕްރާ ވިންފްރީ ޝޯ"ގައި ބައިވެރިވީމަ އެވެ. އޭގެ ފަހުން ލައިފް މެގަޒިންގައިވެސް މި ދެބެންގެ ވާހަކަ ލިޔެފައި ވެއެވެ.

މިދެބެންގެ ޓީންއޭޖް ދުވަސްވަރު އެމީހުންގެ އަމިއްލަ ރިއަލިޓީ ޝޯއެއް ޓީއެލްސީ ނެޓްވޯކުން ފޮނުވާފައި ވެއެވެ. މިއީ ދުނިޔޭގައި އުޅޭ ޚާއްސަ ސިފަތައް ލިބިގެންވާ މީހުންގެ ހަޔާތުގެ ވާހަކަތަކާއި އެމީހުންގެ ދިރިއުޅުން ހުންނަ ގޮތް ގެނެސްދޭ ރިއަލިޓީ ޝޯ އެކެވެ.

ދެބެންގެ ވާހަކަ ކިޔައިދޭ ވީޑިއޯއެއް

މި ޝޯގައި ދެބެން ބައިވެރިވެ އެކުދިންގެ ދިރިއުޅުމުގެ ހާލަތާއި ދިމާވާ ސިއްހީ މައްސަލަތައް އަދި ސްކޫލާއި ކޮލެޖުގައި ކިޔެވި ދުވަސްވަރުގެ ވާހަކަތައް ސީރީޒް އެއްގެ ސިފައިގައި ހުށަހަޅާދީފައި ވެއެވެ. އަދި މި ޝޯ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވެސް ލިބިފައި ވެއެވެ.

މި ޝޯ ދެއްކިތާ ވެސް މިހާރު 10 ވަރަކަށް އަހަރު ވެފައިވާއިރު އަބީ އާއި ބްރިޓަނީ ވަނީ އެންމެންގެ ލޯތަކަށް ފިލާފަ އެވެ. އެހެންވެ އެ ދެބެން ކޮބައިތޯ ބެލުމުގެ ޝައުގުވެރިކަން ގިނަ ބަޔެއްގެ ހިތުގައި އޮވެ އެވެ.

މި ޝޯގެ ފަހުން އަށް އަހަރު ފާއިތުވީއިރުވެސް ދެބެން ދިރިއުޅެމުންދިޔައީ ދުނިޔޭގެ ލޯތަކަށް ސިއްރުންނެވެ. ދެބެންގެ ނަމުގައި ހުޅުވާފައިވާ އިންސްޓަގްރާމް އެކައުންޓަށްވެސް އެންމެ ފޮޓޮއެއްވެސް ދެބެން މި މުއްދަތުގައި ނުލަ އެވެ.

އުމުރުގެ ކުރީކޮޅު މާބޮޑަށް މީހުންގެ ސަމާލުކަން ލިބުމުން ތަންކޮޅެއް ބޮޑަށް ޕްރައިވެޓް ދިރިއުޅުމެއް އުޅެން ދެބެން ބޭނުންވީ އެވެ. މިހާރު ދެބެންނަކީ އެލެމެންޓްރީ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންނެވެ. ދެބެން ވެސް ކިޔަވައިދެނީ ގްރޭޑް 5 އަށެވެ. އެ ދެބެންގެ ދަރިވަރުން ދެބެން ދެކެ އިންތިހާއަށް ލޯބިވެ އެވެ.

ދެބެން ނަގާފައިވާ ޑިގްރީތައް ތަފާތެވެ. އަދި ކިޔަވައިދިނުމުގެ ލައިސަންސް ވެސް ދެބެންގެ އަތުގައި ވަކިވަކިން އޮވެ އެވެ. ނަމަވެސް ދެބެންނަށް ލިބެނީ އެކެއްގެ މުސާރަ އެވެ. ސަބަބަކީ ވަކިވަކި ދެ ޓީޗަރުންގެ ގޮތުގައި ދެބެންނަށް ކިޔަވައިދެވޭނެ ގޮތެއް ނެތީމަ އެވެ.

އެހެންވެ މުސާރަ ޖެހެނީ ދެބެންނަށް އެއްވަރަށް ބަހާށެވެ. އެގޮތަށް އުޅެން ޖެހުނަސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން އުފާވެރި ދިރިއުޅުމެއް ދެބެން ވެސް ދަނީ އުޅެމުންނެވެ.

ގުޅިފައިވާ ކުދިން އުފަންވުމުން އެކުދިން ވަކިކުރަން މައިންބަފައިން އެކި ސާޖަރީތައް ހަދަ އެވެ. ނަމަވެސް މި ދެބެންގެ ވާހަކަ މުޅިން ތަފާތެވެ. އެކުދިންގެ އެތެރެހަށީގެ ގިނަ ގުނަވަންތައް ދެ ކުދިން ޝެއާ ކުރާތީ އެވެ. އެގޮތުން ފުރަމޭ، ބްލެޑާ، ދަރިމައިވުމުގެ ނިޒާމް، ހަޖަމުކުރުމުގެ ނިޒާމު، ކުޑަގޮހޮރު، ބޮޑު ގޮހޮރު ފަދަ ބައިތައް ދެބެން ޝެއާ ކުރެ އެވެ. އެހެންކަމުން މި ދެބެން ވަކިކުރަން މަސައްކަތް ކޮށްފިނަމަ ކޮންމެވެސް އެއް ކުއްޖަކު ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހުމަކީ ގާތްގަނޑަކަށް ޔަގީންވާ ކަމެކެވެ. އެހެންވެ އެކުދިން ވަކިކުރަން ސާޖަރީ ހެދޭނެ ގޮތެއް ނެތީ އެވެ.

ދެބެންގެ ތެރެއިން ކޮންމެ މީހަކުވެސް ކޮންޓްރޯލް ކުރަނީ އެއް ފަޔާއި އެއް އަތެވެ. އެހެންކަމުން ހިނގުމާއި ދުވުން އަދި ވެހިކަލް ދުއްވުމުގައި ވެސް ދެބެންގެ ދައުރު އެއްވަރަކަށް އޮވެ އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މި ދެބެންނަށް އެއްވެސް ކަމެއް ނުކުރެވެ އެވެ.