ކަންކަމާމެދު އެކި މީހުން ދެކޭނީ އެކިގޮތަށެވެ. ކުރެހުމެއް އަދި މަންޒަރެއް ވިޔަސް އެއާމެދު ދެކޭގޮތް އެކި މީހުންގެ ތަފާތެވެ. ފެންނަަ ގޮތާއި ކުރެވޭ އިހުސާސާއި ތަޖުރިބާ ކުރެވޭ ގޮތް ވެސް ވަރަށް ތަފާތެވެ. އައިޝަތު ހުދާއަކީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެކެވެ.
އޭނާގެ "ދަ ބާޑް އެންޑް ފްލައިން ފިޝް" ނެޝަނަލް އާޓް ގެލަރީގައި އަތުރައި ހުޅުވާލާފައިވާ އިރު އެ އެގްޒިބިޝަންގައި ދައްކާލަނީ އޮއިލް އާއި ޗާކޯލް އަދި ޗައިނީޒް އިންކް ބޭނުން ކޮށްގެން އޭނާ ގެނެސްދީގައިވާ ކްރިއޭޓިވް ޕެއިންޓިންތަކެކެވެ. "ދަ ބާޑް އެންޑް ފްލައިން ފިޝް" މާދަމާގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައި އޮންނާނެ އެވެ. ބަލައިލަންދާށެވެ. ތަފާތެއް ފެންނާނެ އެވެ.
އެންމެ ކުޑައިރުން ފެށިގެން ހުދާއަށް ތަފާތު އިހުސާސެއް ކުރެވެ އެވެ. އެއީ ކުރެހުމަށް ޝައުގުވެރިވަނީ އެވެ. އެހެންވެ ހުދާ އެ މަސައްކަތް ކުރާތާ މިހާރު ގާތްގަނޑަކަށް 20 ވަރަކަށް އަހަރު ވެދާނެ އެވެ. އެ އިހުސާތަކަށް ސީރިއަސް ވެގެން ކުރަހަން ފެށީ ހުދާގެ ފުރާވަރުގަ އެވެ. ފަހުން އާމްދަނީ ހޯދާ މަސައްކަތަކަށް ހެދީވެސް އާޓެވެ.
އިސްކަންދަރު ސްކޫލްގައި އާޓް ޓީޗަރެއްގެ ގޮތުގައި ހަތަރު އަހަރު ހޭދަ ކުރުމަށްފަހު ފައިން އާޓްގެ ދާއިރާއިން ހުދާ މަތީ ތައުލީމް ހާސިލް ކުރީ ޗައިނާގަ އެވެ. ޗައިނާގައި ކިޔަވަން އުޅުނު އިރު ފުރަތަމަ އެއް އަހަރު ދުވަސްވަންދެން ޗައިނީސް ޕެއިންޓިން އާއި ކެލިގްރެފީ ކިޔަވަން ޖެހުނެވެ. އެއީ ވަރަށް ތަފާތު އާޓެކެވެ.
"އެ ދުވަސްވަރު ޗައިނީސް އިންކްގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިގެން ދިޔަ. ކުރީގެ ކުރެހުމަަށް ވަރަށް ބޮޑު ތަފާތު ކަމެއް އައި އޭގެ ސަބަބުން. ވަރަށް ބޮޑަށް މީހާގެ ކޮންޝަންސް ބޭނުން ކުރެވެން ވެސް ފެށުނު... މެޑިޓޭޝަން ކަހަަލަ އެއްޗެއް ޕެއިންޓިންއަކީ ވެސް."
ހުދާގެ ތީސިސް ހާއްސަ ކުރީ ކްރިއޭޓިވިޓީ އާއި މެންޓަލްއިލްނެސް އާއި ހުރި ގުޅުމުގެ މައްޗަށެވެ. އަދި އޭނާގެ އެ ޕްރޮޖްކްޓް ވެގެން ދިޔައީ އެވޯޑް ވިނިން ޕްްރޮޖެކްޓަކަށެވެ.
"މާލެ އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެޙީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގޮސް އެތާގައި އާޓްގެ މަސައްކަތް ކުރިން ރިސާޗަށް. ފައިނަލް ޕްރޮޖެކްޓް ގޮތުގައި ހެދީ މެންޓަލް އިންސްޓިޓިއުޓެއްގެ ކޮޓަރިއެއް ދައްކުވައިދޭ އިންސްޓޮލޭޝަން އެއް" ވަނަ ހާސިލްކުރި ޕްރޮޖެކްޓާބެހޭ ގޮތުން ހުދާ ބުނެދިނެވެ.
ތަފާތެއް ގެނެސްދީފައިވާ "ދަ ބާޑް އެންޑް ފްލައިން ފިޝް" އެއީ ފުރިހަމަ އިންސްޕިރޭޝަނެކެވެ. ތަފާތު ނަމެއް ތަފާތު ތީމެކެވެ. ހުދާ ބުނާ ގޮތުގައި އެކި މީހުން ދެކޭ ގޮތް ހުރިހާ ކަމެއްގައި ވެސް ތަފާތުވެ އެވެ. އެ ތަފާތު "ދަ ބާޑް އެންޑް ފްލައިން ފިޝް" ގައި ހުންނާނެ އެވެ.
"ކޮންމެ ކަމެއްގައިވެސް ދެކޭގޮތް ތަފާތުވޭ! ކޮންމެ ތަނެއް ނުވަތަ ކަމެއްގެ ވެސް ހުންނާނެ ބައިވަރު ސައިޑްސް. ފެންނަ މަންޒަރާއި އިހްސާސްތައް ވެސް ތަފާތުވޭ އެމީހެއްގެ ޕާސްޓް އެކްސްޕީރިއަންސް އަދި އެވަގުތަކު ހުންނަ ތަނެއްގެ ގޮތުން" އޭނާ ބުންނެޏެވެ.
"އެއްތަނެއް، ބިންމަތީގައި ހުރެފައި ބަލައިލާއިރު، ނުވަތަ ބާރަށް ދުއްވާ އެއްޗެއްގައި އިންނ އިރު ބަލާއިރު ފެންނަ ގޮތާއި، މަތިންދާ ބޯޓެއްގައި އިނދެ ބަލާއިރު ފެންނަ ގޮތް މުޅިން ތަފާތު. ދޫންޏަކަށް ފެންނާނެ ވަރަށް ބައިވަރު ޕާސްޕެކްޓިވްސް. ސްޕީޑްގެ ގޮތުން ވެސް މި ބަދަލުވާނެ. ފްލައިން ފިޝް އަކީ މޫދުން މައްޗަށް އަރާއިރު ވަރަށް ބޮޑަށް ސްޕީޑް ބޭނުން ކުރާ އެއްޗެއް. މިއީވެސް އެގްޒިބިޝަނަށް މި ނަން ދެވުނު ސަބަބެއް"
ހުދާގެ "ދަ ބާޑް އެންޑް ފްލައިން ފިޝް" ގައި އޮއިލް ޕެއިންޓާއި ޗާކޯލް އަދި އިންކް ބޭނުން ކޮށްގެން ފުރިހަމަ ކޮށްފައިވާ ޖުމްލަ 17 ޕެއިންޓިން އާއި އެއް ވީޑިއޯ ޕްރޮޖެކްޝަން އިންސްޓޮލޭޝްން ދައްކާލާފައި ވެއެވެ.
މުޅި އެގްޒިބިޝަންގައި ފާހަގަ ކޮށްލެވުނު މުހިންމު އަދި ތަފާތު އެއް ޕެއިންޓިން އަކަށްވީ "ސައުންޑް އޮފް ބްލެކް ބާޑްސް ތުރޫ ތަނޑާ ސްޓޯމްސް" ގެ ނަމުން ނަން ދީފައިވާ ކުރެހުމެެކެވެ.
ހުދާ ބުނިގޮތުގައި އެގްޒިބިޝަނަށް ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެ ޕެއިންޓިން ކަމުދިޔައީ ތަންޑާ ސްޓޯމެއްގައި ބްލެކްބާޑްސްގެ އަޑު ހެޑްފޯނުން އަހާލުމުގެ ފުރުސަތު އޮތުމުން މި ޕެއިންޓިންގް ބަލާލާ އިރު އިތުުރަށް އޭގެ ތެރެއަށް ވަދެވޭތީ އެވެ. ތަފާތަކީ އެއީ އެވެ.