ޕޮލިޓިކްސް

އެންމެން ވައި ކުޑާގައި ޖޭޕީއަށް، ކޮންކަމެއް؟

މިދިއަ ރިޔާސީ ތިން އިންތިޚާބުގައި ވެސް ޖޭޕީއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރި ޕާޓީ އެކެވެ. ދެހާސް އަށެއް އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ޖޭޕީގެ ނިންމުމަކީ ކޮބައިތޯ ބަލަން މުޅި ގައުމު ހުއްޓިލައި އިންތިޒާރުގައި މަޑުކޮށްލަން ޖެހުނެވެ. ޖޭޕީގެ ތާއީދު ހޯދަން އިންތިހާބުގެ ފުރަތަމަ ބުރުން އެއް ވަަނަ އަދި ދެވަނަ ހޯއްދެވި ކެންޑިޑޭޓުން މަސަައްކަތް ކުރެއްވި އެވެ.

ހަމަ އެހެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުވެގެން ދިޔައީ ވެސް ޖޭޕީ އަދާ ކުރި ތަފާތު ސިޔާސީ ދައުރެއްގެ ސަބަބުންނެވެ. އެއަކީ ޝައްކު ހިނގާ ކަމެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މިކަން މި މަގަށް ހިނގައިދާތީވެ ޖޭޕީގެ މެންބަރުންގެ ނަޒަރުގައި އެ ޕާޓީ އަކީ، ވަކީން ހާއްސަކޮށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ "ކިންގް މޭކަރެ" ކެވެ.

މީގެ ތެރެއިން ދެ ރިޔާސީ އިންތިޚާބެއްގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ގާސިމް ވާދަކުރެއްވި ނަމަވެސް އިންތިޚާބެއްގައި ކާމީޔާބީ ހޯއްދެވޭ ހިސާބަށް ވަޑައިގެންނެވިފައެއް ނުވެއެވެ. އެހެންވެ ދެވަނަ ބުރުގައި އެ ޕާޓީގެ ތާއީދު މުހިންމު ވަނީ އެވެ. އެ ގޮތަށް ޖޭޕީން އެހީ ވެދީގެން ގެންނަ ސަރުކާރުތަކާއެކު މަސައްކަތް ކުރުމުގައި ވެސް ޖޭޕީއަށް އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނެތެވެ. ޖޭޕީ އޮވެގެން ގެނައި ފުރަތަމަ ދެ ސަރުކާރުގެ ވަރަށް ކުރީކޮޅު ސަރުކާރުގެ ތެރެއިން ޖޭޕީ ނަގާ ހޫރާލި އެވެ. ގާސިމްގެ ބަހުންނަމަ "މަގުމަތި" ކޮށް ލައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޓެކްނިކަލީ އެމްޑީޕީގެ ސަރުކާރަކަށް ވިޔަސް ސިޔާސީ ގޮތުން ބަލާއިރު މި ސަރުކާރަކީ "ޖޭޕީގެ ބަނޑުން ވިހޭ" ދަރިއެކެވެ. އެކަމަކު ލެޖިޓިމޭޓް ޓެކްނިކަލް ބައިންޑިންގައި ކޯލިޝަނެއްގައި އޮތް އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ޕްރޯސެސް ފޮރޮޅިގެން ދަނީ އެވެ.

މި އަންނަ މަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރަށް އަހަރެއްވާން ދާއިރު، ސަރުކާރާއި ޖޭޕީގެ ގުޅުން ގޯހެކޭ ނުދެންނެވޭނެ އެވެ. "ޖޭޕީ އޮންނާނީ ސަރުކާރު ހިމާޔާތް ކުރުމުގައޭ" ގާސިމް ދުލުން ވިދާޅުވުން ފިޔަވައި ގުޅުން ރަނގަޅެކޭ ވެސް ނުބުނެވޭނެ އެވެ. އޭގެ ބަދަަލަށް ޖޭޕީ ނޫނީ ގާސިމް މަސްލަހަތު އިސްވާ ކޮންމެ ހާލަތެއްގައި އެ ގުޅުން "ރޯލާ ކޯސްޓާ ސިޓުއޭޝަނަކަށް" ބަދަލުވެ އެވެ. އެއަށްވުރެ ބޮޑުވަރު ކޮށްލުމަށް ބައެއް ފަހަރު "އިމޯޝަނަލް ރޯލާ ކޯސްޓާ ސިޓްއޭޝަނަ" ކަށް ހާލަތު ގެންދެ އެވެ. އާންމު އިންތިހާބުގެ ތެރޭގައި ސަރުކާރަށާއި އެމްޑީޕީއަށް ވަށިވަށީން ދެމުން ނާށިގަނޑު ހިފައިގެން ރައީސް އަބްދުﷲ ޔާމީން އަރިހަށް ގާސިމް ވަޑައިގެންނެވުން އެއީ އޭގެ ފުރިހަމަ މިސާލެކެވެ. އެއީ ސީދާ "އިމޯޝަނަލް ރޯލާ ކޯސްޓާ ސިޓުއޭޝަނެ" ކެވެ.

ރައީސް ސޯލިހު ވެސް ޖޭޕީގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭ ކަމަށް ވިދާޅުވުން ފިޔަވައި ކޯލިޝަނެއް އޮތް ކަމަށް މާ ބޮޑަށް ދައްކަވައިގެން އުޅުއްވާތަނެއް ނުފެނެ އެވެ. އެހެންވީމާ ކޯލިޝަން އެބަ އޮތޭ ކިޔަމާ ހެއްޔެވެ؟

ޖޭޕީގެ ލީޑަރު ހުންނެވީ ސަރުކާރާއެކު އެވެ. މި އިބާރާތް ގާސިމް މިދިއަ މަހެއްހާ ދުވަހުގެ ތެރޭ ތަކުރާރުކޮށް ހައެއްކަ ޖަލްސާގައި ވިދާޅުވެފައި ވެއެވެ. އެއީ "ސަރުކާރު ދަމަހައްޓަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނަ"މޭ އެވެ. އެއާ ގާތް ކުރާ މިންވަރަށް ދެން ގާސިމް ކުރެއްވި ކަމަކީ ޓްރާންސްޕޯޓް މިނިސްޓަރު އަދި އަނބިކަނބަލުންގެ ދިފާއުގައި ވާހަކަފުޅު ދެއްކެވުމެވެ. -- އެއަކު މައްސަލައެއް ވެސް ނެތެވެ.

މިހާ ހިސާބުން އަތްބައި ފުށުން ޖަހާލާމާ ހިނގާށެވެ. ސަރުކާރުގެ "މައި ހިއްސާ" އޮތް އެމްޑީޕީގެ އިސް ބޭފުޅުންނާއި މަޖިލީސް މެންބަރުންނާއި، އާންމު މެންބަރުންގެ ނަޒަރުގައި ޖޭޕީ އެ އޮތީ ފިސާރި ގޯސް ހަދައިގެނެވެ. އެ މީހުން އެތިބީ "ކުށްވެރިވެފަ" އެވެ. އެހެންވީމާ "އެމްޑީއެން އުވާލަން ޖެހޭހާ ސާފުކޮށް" ސަރުކާރު ކޯލިޝަނުން ޖޭޕީ ބޭރުކޮށް ނަގައި ހޫރައިލަން ޖެހެއެވެ.

"އޭގެ ސަބަބަކީ މިދިއަ ދުވަސްތަކުގައި ޖޭޕީގެ ވިސްނުމާއި އަމާޒު ބަދަލުވެގެން ދިއުން. އެކަމަށް އެންމެ ބޮޑަށް ހެކި ލިބޭ ކަމަކީ ރައީސް ޔާމީންގެ އަރިސް އެތައް ބޭފުޅުންނެއް ޖުމްހޫރީ ޕާޓީއާއި ގުޅެމުން ދިއުން. މިހިނގަނީ ކޮންކަމެއް؟" އެމްޑީޕީގެ މިޑިއާ ވިންގުގައި އިސްކޮށް މަސަތްތަ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

އެކަން އޭނާ ސިފަ ކުރައްވަނީ ޕީޕީއެމްގައި ގޮތް ހުސްވެފައި ތިއްބެވި ސިޔާސީ ހަރަކާތުގެ ރަނގަޅު ބޭފުޅުން ރަނގަޅު ދަނޑިވަޅުގައި "ގަނެލައި އުފުލާލައިގެން" ގެން ގޮސް "ސިޔާސީ ހޮސްޓެޖް" ކުރުމެއްގެ ގޮތު އެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވައިކުޑާގައި ޖޭޕީއަށް

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިވެ، ވެރިކަން ބަދަލުވުމާއެކު އިހުއްސުރެ އެމަނިކުފާނުގެ އަރިހުގައި "ފުޅަލަށް އަތް އުއްކަވާފައި ހިންގެވި" ބޭފުޅުން ހަމަބިމަށް ތިރިވި އެވެ. ވަރަށް ގިނަ ބޭފުޅުން ކުއްލިއަަކަށް ގެއްލުނެވެ. އަދި ވަރަށް ގިނަ ބޭފުޅުން ހަމަ ކުއްލިއަކަށް މޮބައިލް ފޯނުގެ ބިލަށް އަރާ ފައިސާކޮޅު ނުދެއްކޭހާ "ފަގީރު" ވެއްޖެ އެވެ. ރައީސް ޔާމީން ހުކުމެއްގައި ބެދި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމަށް ގަބޫލު ފުޅު ކުރެއްވިއްޖެ އެވެ. ވީމާ "ސިޔާސީ ނިމަ" ނަގާނެ ކޮންމެ ވެސް ގޮތެއް ހޯދަން ޖެހެ އެވެ. އެ ބޭފުޅުންނަށް ހިނގަން ފެނި ވަޑައިގެންނެވި މަގަކީ ޖޭޕީ އެވެ.

އެ ބޭފުޅުންނަކީ އެމްޑީޕީގެ ފިކުރާ ދިމާވާ ބައެއް ނޫނެވެ. އެމްޑީޕީއަކަށް ދެވޭކަށް ނެތެވެ. އެބޭފުޅުންނަށް ސަރުކާރުތެރެއަށް ދެވޭކަށް ނެތެވެ. އެހެންވީމާ ހަމަ އެކަނި އޮތް ގޮތަކީ ޖޭޕީގެ ސަފުތަކުގައި ގާސިމް ވާހަކަފުޅު ދެއްކެވުމުން އަތް ޖައްސަވަން ތިއްބެވުމެވެ. އަދި ޕޯޓިއަމްތަކުގައި ގާސިމަށް ހުޝާމަދު ކުރެއްވުމުގައި ކުރި ހޯއްދެވުމެވެ.

ރައީސް ޔާމީންގެ އެންމެ ފަހުގެ ނާއިބު ރައީސް އަބްދުﷲ ޖިހާދާއި ރައީސް ޔާމީންގެ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި، ޕީޕީއެމްގެ ޕީޖީ ގުރޫޕްގައި ކުރިން ތިއްބެވި ބައެއް މެންބަރުންނާއި، އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގެން ބައެއް ބޭފުޅުން ވެސް ތިއްބެވީ މިހާރު ޖޭޕީގަ އެވެ. އެ ބޭފުޅުން ޖޭޕީއަށް ވަޑައިގެންނެވީ ގާސިމް ސިޔާސީ މައިދާނުގައި ދެމި ހުންނެވިހާ ދުވަހަކު ގާސިމްގެ އަރިހުގައި ތިއްބެވުމުގެ އަހުދަކާއެކު އެވެ. އޭގެ ކުރިން ރައީސް ޔާމީން އަރިހުގައި ވެސް ވެވަޑައިގެންފައި ވަަނީ އެ ފަދަ އަހުދެކެވެ.

"ގާސިމް އިބްރާހިމަކީ ނަމްބަރަށް ޝައުގުވެރި ވަޑައިގަންނަވާ ބޭފުޅެއް.. ކްރައުޑު ފެނި ވަޑައިގެންފިއްޔާ ގާސިމް ވަރަށް ވަރަށް ޝައުގުވެރިވެ ވަޑަންނަވާ. އެހެންވީމާ އެބޭފުޅުން ފުރުސަތުގެ ބޭނުން ކުރައްވައިގެން ގާސިމް އަރިހަށް ވަޑައިގަތީ،" ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އާރާއި ބާރުގައި އުޅުއްވި ބޭފުޅުން، އަދި ރައީސް ސޯލިހުގެ ސަރުކާރެއް އަޔަ ނުދޭން އެންމެ ބޮޑަށް ހުރަސްއެޅުއްވި ބޭފުޅުން މިއަދު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއާ ގުޅިވަޑައިގެން ކުރައްވާނީ ކޮން ކަމެއް ހެއްޔެވެ؟

ގައިމުވެސް އެއިން ބޭފުޅަކަށް ސަރުކާރުގެ މަގާމެއް ދެވޭކަށް ނޯންނާނެ އެވެ. އެއިން ބޭފުޅަކަށް ޖޭޕީ ޕޯޑިއަމަށް އަރާ ސަރުކާރަށް ތާއީދުކޮށް ވާހަކަ ދައްކަވާކަށް ކެރިވަޑައެއް ނުގަންނަވާނެ އެވެ. އެބޭފުޅުންނަށް ދެއްކެވޭނެ ހަމައެކަނި ވާހަކައަކީ 2023 ގައި ގާސިމަށް ރައީސްކަން ހޯދައި ދެއްވުމުގެ ވާހަކަ އެވެ. އެ ވާހަކަ ދައްކަން އަދި ތޭވީސް ކޮބައި ހެއްޔެވެ؟ އެހެންވިއްޔާ ބައި ބަޔަކަށް ނައްޓާލައިގެން ގޮސް ޖޭޕީއާ ގުޅުމުގެ މާނައަކީ ވެސް ކޮބައި ހެއްޔެވެ؟ މުސާރަ ދެނީ ހެއްޔެވެ؟ -- އެހެން ކިޔަ އެވެ. އެހެންވާކަށް ލާޒިމެއް ނޫނެވެ.

އެހެން ނޫނީ ޕާޓީއަށް މެންބަރުން ގިނަ ކޮށް ދެނީ ހެއްޔެވެ؟ އެފަދަ ސިޔާސީ ހަރަކާތް ހިންގާތީއެއް ނުފެނެ އެވެ. ދެން އޮތީ ގާސިމަށް ވެރިކަން ހޯއްދަވައި ދެއްވުމެވެ. އެކަމަކު އަރާބާރުގައި ހުންނެވި ރައީސަކު ވެރި ކަމުގައި ހުންނަވައިމެ ދެވަނަ ދައުރަކަށް ހޮވައި ނުދެވުނު މީސްކޮޅެއް ގޮސް ގާސިމަށް އަމުދުން ކޮށް ދެއްވޭނީ ކޮން ކަމެއް ހެއްޔެވެ؟

ސިޔާސީ ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ގާސިމަމަކީ "ޕްރިޑިކްޓިބަލް އިނެމީ" އެކެވެ. ރިއެކްޓް ކުރައްވާނެ ގޮތާއި ބޭނުން ފުޅުވެ ވަޑައިގަންނަވާ ގޮތާއި އެ މަނިކުފާނުގެ ސިޔާސީ ޕްލޭން ގެންގުޅުއްވާނެ ގޮތް ސިޔާސީ އެންމެނަށް އެނގެ އެވެ. އެހެންވީމާ ރަނގަޅު ދަނޑިވަޅުގައި ރަނގަޅު އައިނާ ދިމާއަށް ކުރަނގި ބައިގަނޑު ތިރިވާ ގޮތަށް ބައި ހަދާފައި ވައި ކުޑައިގައި ޖޭޕީގެ ތެރެއަށް ފުންމާލީ އެވެ.

މީގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެ އެވެ. އެގޮތަށް ގިނަ ބަޔަކު ދެކޭ ވެސް މެއެވެ. ޖޭޕީއާ ފަހުން މި ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރުވާ އެތައް އަނިޔާއެއް ދިން އިރު، ހީނ ހީނފައި "ތިވަރު އަދި ކުޑައޭ" އޮން ރިކޯޑްގައި ވިދާޅުވި ބޭފުޅުންނެވެ.

ގާސިމްގެ ރިސޯޓްތަކާއި، ވިޔަފާރިތައް ވެސް ދައުލަތަށް ނަގަންޖެހޭ ކަމަށް އެ ބޭފުޅުން ވަކާލާތު ކުރެއްވި އެވެ. އަދި އޭގެ ބައެއް ބޭފުޅުން ގާސިމަށް ޖެއްސުމަށް އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާނީ ރާއްޖޭގެ ހުރިހާ ފަޅު ގިރިތަކާއި ފަޅުރަށްތަކާއި، ރާއްޖޭގައި ތިބި ހުރިހާ އަންހެނުން ވެސް ގާސިމަށް ލިބިވަޑައިގަންނަވާ ގޮތަށް ގާނޫނެއް ހެއްދެވުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ. މިފަދައިން ފާޑުވިދާޅުވި އެތައް ބޭފުޅުންނެއް މިއަދު ކުއްލިއަކަށް ރަތް ޓައީ އަޅުއްވައިގެން ވައި ކުޑާގައި ކުނޫޒަށް ފޭބުމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއްވެއޭ ބުނެވިދާނެ އެވެ. އެކަން ޖެހޭނީ ރަނގަޅަށް އިންވެސްޓިގޭޓް ކުރާށެވެ.

ޖޭޕީގެ ހަގީގީ ލީޑަޝިޕް ފެއަށް ޖެހި ގެއްލުން

ރައީސް ޔާމީންގެ ސަރުކާރުން ގާސިމަށް ކުރިމަތިކުރުވި ކަންކަމުގެ ތެރޭ އެމަނިކުފާނުގެ ދިފާއުގައި ތިއްބެވީ ޖޭޕީގެ މިހާރުގެ ރަސްމީ ލީޑަޝިޕްގެ ބޭފުޅުންނެވެ. އެކަމަކު މިހާރު ދޭތެރެ ދޭތެރެއިން ޖޭޕީއަށް "ބޮޑެތި ބޭބޭފުޅުން" ސޮއިކުރައްވާ ރަސްމިއްޔާތު ތަކުން އެއިން އެއްވެސް ބޭފުޅަކު ފެނި ވަޑައެއް ނުގަންނަވަ އެވެ.

ޖޭޕީން މިފަހުން ފެނުނު އެންމެ ކަރެސްމެޓިކް ޕޮލިޓީޝަނަކީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމެވެ. އެކަމަކު އޭނާއެއް ނުފެނެ އެވެ. އޭނާއަކީ ރަނގަޅު ތަރުތީބަކުން ސިޔާސީ ގޮތެއް ހަދާލައިފިނަމަ ބަދަލެއް ގެނުވާފާނެ ބޭފުޅެކެވެ. އޭނާގެ ޓީމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އަބްދުﷲ ރިޔާޒް ކަހަލަ ބޭފުޅުން އެއްވެފައި ޖޭޕީއާއެކު ދުއްވައިގެންފިނަމަ ސިޔާސީ މައިދާން ފުރޮޅުމަކަށް ގެންދެވިދާނެ އެވެ. އެކަމަކު ޖަމީލް ފެންނަނީ ޔާމީން އަރިހުންނެވެ. ރިޔާޒު ހުންނަވަނީ ގޭގަ އެވެ، ނާޒިމް ހަބަރެއް ނެތެވެ. އަމުދުން ޖޭޕީގެ ރައީސް އަލީ ވަހީދު މިފަހުން އެޕާޓީގެ އެއްވެސް ހަރަކާތަކުން ފެނިފައެއް ނުވެއެވެ. ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދާއި، ޕީޖީ ގުރޫޕްގެ މެންބަރުން ވެސް ނުފެނެ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަރަށް ބިޒީ އެވެ.

ގާސިމް އަރިހުގައި ތިއްބެވީ މަޖިލީހުގެ 18 ވަނަ ދައުރުގައި ޖޭޕީ ތަމްސީލް ކުރެއްވި ދެތިން މެންބަރަކާއެކު ދެން މުޅީން ޕީޕީއެމް ތެރޭން ފުރޭނިގެން ޖޭޕީއަށް ދިޔަ މީހުނާއި ބޭފުޅުންނެވެ.

ޖޭޕީއަށް ފުލުފުލުގައި ސިޔާސީ ގޮތުން ވެއިޓް ހުރި ބޭފުޅުން ގުޅެމުންދާ އުފާވެރި ރަސްމިއްޔާތުތައް ބާއްވަ އެވެ. އެ ތަންތަނުން ޕާޓީގެ ލީޑާޝިޕް ނުފެނުމަކީ މިހާރު ކިޔާ ގޮތަށް ވަރަށް ވާހަކައެކެެވެ. އެހެން ނޫންނަމަ ހަފުތާއަކު ދެ ރޭ އެފަދަ ހަފްލާތައް އޮންނައިރު ކޮންމެވެސް އެއް ރަސްމިއްޔާތަކުން އެންމެ ބޭފުޅަކު ވިޔަސް ފެނުނީހެވެ. އެހެންވީމާ ކޮންމެވެސް މައްސަލައެެއް އެބަ އުޅެ އެވެ.

އެމްޑީޕީގެ ރުޅި ފަޅަފަޅައިގެން ދާހިސާބުގައި!

މިއީ އެމްޑީޕީގެ ވަރަށް އާދައިގެ އާންމު މެންބަރެއްގެ ހިޔާލެވެ: "އަޅުގަނޑުގެ ނަޒަރުގައި ރައީސް ޔާމީންގެ އަރިސް ބޭފުޅުން، ސަރުކާރު ހިއްސާވާ ޖޭޕީއާ ގުޅެމުންދަނީ ހިމާޔަތަށް އެދިގެން އެނޫން އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ ... ނޫނީ ސަރުކާރުގެ މަގާމުތަކާއި، މާލީ މަންފާއަށް" އޭނާ ބުންޏެވެ.

ރައީސް ޔާމީންގެ ސަރުކާރުން އޭރުގެ އިދިކޮޅު ފަރާތްތަކަށް އަދަބުތައް ދެމުން ދިޔައިރު އެއާ ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ޖޭޕީއާ ގުޅުނު ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަމަށް އެމްޑީޕީގެ މެންބަރުން ދެކެއެވެ. ރައީސް ސޯލިހު ވެރިކަމަށް ގެނައީ އެ އަނިޔާވެރިކަން ނިންމާ، ގާނޫނާ ޚިލާފުވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދާށެވެ. އެހެންކަމަށްވާއިރު ޖޭޕީގެ އަމާޒު މިހާރު ހުރީ އެ މިސްރާބަށް ނޫން ކަމަށް ވެސް އެމްޑީޕީގެ އެފަދަ މެންބަރުން ގަބޫލު ކުރެއެވެ. ބައެއް ފަހަރަށް ޖޭޕީއަށް ސަރުކާރުން ދީފައިވާ ހިއްސާ ނިގުޅައިގަންނަން އެފަދަ މެންބަރުން ސޯޝަލް މީޑިއާގައި ގޮވާލަނީ އެހެންވެ އެވެ.

މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި ޖޭޕީއަށް ވިޔަސް ޕީޕީއެމަށް ވިޔަސް އެމްޑީޕީއަށް ވިޔަސް މެންބަރުން ގެންދިއުމަކީ ޕާޓީއެއްގެ އަމިއްލަ ނިންމުމެކެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއް މިސްރާބަކަށް ދަތުރުކުރަމުން ދާއިރު، އެ މިސްރާބާ ދިމާ އިދިކޮޅަށް ދަތުރުކުރި ބަޔަކު ކޯލިޝަންގެ ޕާޓީއަކާއި ގުޅުމަކީ ވިސްނާލަން ޖެހޭނެ ކަމެކެވެ. އެއީ ސިޔާސީ ހަރަކާތާ އިދިކޮޅު ކަމެކެވެ.

ކިހިނެތްތޯ އެ ބޭފުޅުން ސަރުކާރު ނަގަހައްޓައި ދޭނީ. އެއީ މި ހުރިހާ ދުވަހަކު އެހެން މިސްރާބަކަށް ދަތުރުކުރި ބައެއް. މި ވެރިކަން އައުމަށް އެންމެ ބޮޑަށް ބޭނުން ނުވި އަދި އެކަމަށް ހުރަސް އެޅި ބޭފުޅުން. އެހެންވީމަ އެމްޑީޕީގެ ތެރޭގައި އަދި ޕާޓީގެ އާންމު މެންބަރުންގެ ތެރޭގައި އެ ކަންބޮޑުވުން އޮންނާނެ ނޫންތޯ؟
އަލީ ނިޔާޒު | ހުޅުމާލެ ދާއިރާގެ މެންބަރު

"ކިހިނެތްތޯ އެ ބޭފުޅުން ސަރުކާރު ނަގަހައްޓައި ދޭނީ. އެއީ މި ހުރިހާ ދުވަހަކު އެހެން މިސްރާބަކަށް ދަތުރުކުރި ބައެއް. މިހާރުގެ ވެރިކަން އައުމަށް އެންމެ ބޮޑަށް ބޭނުން ނުވި އަދި އެކަމަށް ހުރަސް އެޅި ބޭފުޅުން އެއީ. އެހެންވީމަ އެމްޑީޕީގެ ތެރޭގައި އަދި ޕާޓީގެ އާންމު މެންބަރުންގެ ތެރޭގައި އެ ކަންބޮޑުވުން އޮންނާނެ ނޫންތޯ؟" އަލީ ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިއަ ހުރިހާ ދުވަހަކު އެހެން ސިޔާސަތުތަކެއް ޕްރޮމޯޓް ކުރި ބަޔަކަށް މިވަރުގެ ބޮޑު ބަދަލެއް ރެއެއްގެ މެންދަމުން ބައެއްގައި ސިޔާސީ ގޮތުން ކުއްލިއަކަށް އައުމަކީ ގޯހެވެ.

"މިއީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ!" ޖޭޕީއާއި ގުޅެމުންދާ ޕީޕީއެމްގެ ކުރީގެ އިސް ބޭފުޅުންނަށް އިޝާރަތް ކުރައްވާ ނިޔާޒު ވިދާޅުވި އެވެ.

ޖޭޕީއާ ގުޅެނީ މުނިފޫހިފިލުވަން

މި ދިޔަ ދުވަސްތަކުގައި ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތުގައި ސާބިތުވެ ތިއްބެވި ވަރަށް ގިނަ ބޭފުޅުން ޖޭޕީއާ ގުޅިއްޖެ އެވެ. ޖޭޕީން ބުނާ ގޮތުން ވިއްޔާ އަދިވެސް އަންނަނީ، ހަމަ އަންނަނީ އެވެ. އޭގެ ތެރޭގައި ދުވަހަކުވެސް ރައީސް ޔާމީނާއެކު ނޫނީ ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވި ބޭފުޅުންނާއި، ރައީސް ޔާމީނަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކަށް އެންމެ ބޮޑަށް ރައްދު ދެއްވި ބޭފުޅުންނާއި މީހުން ހިމެނެ އެވެ.

އިދިކޮޅު ކޯލިޝަނުން ގިނަ ބަޔަކު ދިއުމަކީ އިދިކޮޅަށް އޮތް ދެރައެކެވެ. ސިޔާސީ ހަރަކާތަށް ވެސް ލިބޭނެ ހީނަރު ކަމެކެވެ. ނަމަވެސް މިހާރު މި ބައިބަޔަށް މީހުން އިދިކޮޅުން ޖޭޕީއަށް ދާއިރު ރައީސް ޔާމީން ވިދާޅުވަނީ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ޖޭޕީއަކީ ސިޔާސީ މަސައްކަތެއް ކުރަން ދާން ހެޔޮ ވާވަރު ޕާޓީއެއް ނޫނެވެ. އަދި ރައީސް ޔާމީން ދޫކުރައްވާ ވަޑައިގެން ބޭފުޅުން ވެސް އެ ވަޑައިގެންނެވީ ސިޔާސީ މަސައްކަތެއް ކުރައްވާކަށް ނޫނެވެ. އެ އެބޭފުޅުން ވަޑައިގެންނެވީ މުނިފޫހިފިލުވާށެވެ.

އަނެއްކޮޅުން ޖޭޕީން ބުނާ ގޮތުގައި އެފަދަ ވާހަކަތައް ދައްކަމުން ދަނީ ކުރާ އަސަރެއްގެ ބޮޑު ކަމުންނެވެ. އެކަމަކާ ފަރުވާލެއް ނެތެވެ.

"ޖޭޕީގެ ސިޔާސީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ބަޔަކު ޒާތީ ވެގެން ބަސްތައް ރައްދު ކުރަނީ މި ޕާޓީއަށް ހަގީގަތުގައި ވެސް އެ ބޭފުޅުންގެ ފަރާތުން ކުރިއެރުން ލިބިދާނެތީ ހިތަށް ކުރާ އަސަރެއްގެ ބޮޑުކަމުން." ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވި އެވެ.

2023 ގައި ޖޭޕީގެ ކެންޑިޑޭޓެއް ނެރުން އިއުލާންވުން

މިއީ ކޮން ކަހަލަ ވާހަކައެއް ހެެއްޔެވެ؟ އަދި މިއުޅެނީ ރިޔާސީ ދައުރެއްގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ.

އެމްޑީޕީގެ ބައެއް މެންބަރުންގެ ނަޒަރުގައި މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ސަރުކާރާ ވާދަވެރި ޕާޓީގަައި ތިއްބެވި އެތައް ބޭފުޅުންނެއް ޖޭޕީއަށް ގެންގޮސް އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ހާމަ ކުރުމަކީ ނުބައެކެވެ. ޕީޕީއެމުން، ޖޭޕީއާ ގުޅޭ ބޭފުޅުން އެންމެ ގިނައިން ދައްކަނީ ވެސް ގާސިމް ވެރިކަމަށް ގެންނަންޖެހޭ ވާހަކަ އެވެ. ގާސިމްގެ އޯގާތެރިކަމާއި އިހުސާންތެރި ކަމުގެ ވާހަކަ އެވެ. އަދި އެމަނިކުފާނަށްވުރެ ގައުމުގެ ރައީސް ކަމަށް ވަޑައިގަތުމަށް އައުލާކަން ބޮޑު ބޭފުޅެއް ނެތްކަމުގެ ވާހަކަ އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އިސް ބޭފުޅަކު ރޭ ވިދާޅުވި ގޮތުގައި ރައީސް ސޯލިހު މިހާރު ޖޭޕީއާ މެދު ފާރަވެރިވާން ޖެހޭނެ އެވެ. ސަރުކާރު ދެމެއްޓުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެކަމަށް ގާސިމް ވިދާޅުވާއިރު، އެކަން ގާސިމްގެ އަމަލަކުން ނުފެނެ އެވެ.

"މިހާރު މި އިވެނީ އިންތިޚާބުގައި ވާދަކުރާނެ ވާހަކަ. އަދި އިންތިޚާބު ކޮބައިތޯ؟ އެއީ މީގެ ހަތަރު އަަހަރު ފަސް.. އަނެއް ކޮޅުން ޖޭޕީއާ ގުޅޭ ޕީޕީއެމްގެ މެންބަރުންނަށް ވަޒީފާ ހޯދަން ގާސިމް ދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުން! ދެން އެކަންކަން ނުވީމަ ސަރުކާރު ގޯސްކޮށްފައި ނިކުންނަންވީ! މިއީ ކޯލިޝަންގެ އިޚްލާސްތެރި ބައިވެރިއެއްގެ ކިބައިން ފެނިގެން ވާނެ ކަމެއް ނޫން!" ނަން ހާމަ ނުކުރުމަށް އެދި އެ މެންބަރު ވިދާޅުވިއެވެ.

ޖޭޕީއަށް ދެން ވާނީ ކިހިނެތް؟

ޖޭޕީއަށް މެންބަރުން އިތުރު ކުރަން ކުރާ މަސައްކަތުގެ ތެރެއިން ސިޔާސީ އެތައް ބޭފުޅުންނެއް އެ ޕާޓީއާއި ގުޅެނީ އަލަކަށް ނޫނެވެ. އެހެން ކަމުން މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޕާޓީގެ މުސްތަގުބަލާ ދޭތެރޭ ސުވާލު އުފެދެއެވެ.

އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންގެ ނަަޒަރުގައި ސަރުކާރަށް ޖޭޕީން ދޭ އެއްބާރުލުމެއް ވެސް ނެތެވެ. މަޖިލީހުގައި ގާސިމްގެ ފަރާތްޕުޅުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުމެއް ވެސް ނުލިބެ އެވެ. ކޮންމެހެން ނުލިބުނަސް މައްސަލައަކަށްވާނެ ސަބަބެއްވެސް ސުޕަ މެޖޯރިޓީއެއް އޮތުުމުން ނެތެވެ. މިހާރަށް ބެލިއަސް އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ވަނީ މިހާރުވެސް ޖޭޕީއާ މެދު ގޮތެއް ނިންމުމަށް ރައީސް ސޯލިހަށް މަޖިލިސް ތެރޭގައި ގޮވާލާފަ އެވެ. އަދި އެކަމާމެދު ގޮތް ނިންމައިދިނުމަށް އެދި ރަސްމީކޮށް ހުށައަޅަން ޖެހިދާނެ ކަމުގެ އިންޒާރެއް ވެސް ފޮނުވާލާފައި ވެއްޖެ އެވެ.

ދެން އޮތީ ޖޭޕީ މިހިސާބަށް ގެނައި އަސްލު ޓީމު މިހާރު ދުރުގައި އޮތް މައްސަލައެވެ. ޖޭޕީގެ ގައުމީ ޖަލްސާގެ ކުރިން ޕާޓީގެ ގޮފިތައް އުފައްދާ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ގައުމީ ޖަލްސާގައި ޕާޓީގެ މުހިންމު މަގާމުތަކުގެ ކޮންޓްރޯލް ފަހުން ޖޭޕީއާ ގުޅުނު މެންބަރުން ނެންގެވުމަކީ ވަރަށް އެކަށީގެންވާ ކަމެވެ. އެހެން ވެއްޖެ ނަމަ ޖޭޕީގެ އަމާޒު މުޅީން ބަދަލުވާނެ ކަން ޔަގީނެވެ. ޖޭޕީގައި މިހާރު ތިއްބެވި ގިނަ ބޭފުޅުން ވެސް އެކަން އެގޮތަށް ގަބޫލުކުރެ އެވެ. ވައިކުޑައި ޖޭޕީއަށް މީހުން ފުންމާލާ ސިއްރަކީ މިއީ އެވެ. އެކަމަކު ޖޭޕީއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ރަނގަޅު ޕާޓީއެކެވެ. ގާސިމަކީ ހެވީ ވެއިޓް ޕޮލިޓީޝަނެކެވެ. ތަފާތަކީ ސިޔާސީ ގޮތުން އެއީ "ޕްރިޑިކްޓިބަލް އިނެމީ" އަކަށްވުމުން ބޭސްލައިނެއް ނެތުމެވެ.