ކުޅިވަރު

ވީއޭއެމްގެ އާ އިންތިހާބު މިމަހު 24 ގައި

ވޯލީބޯޅަ އެސޯސިއޭޝަންގެ އާ އިންތިހާބު މި މަހު 24 ވަނަ ދުވަހު ބާއްވާން، ސްޕޯޓްސް ކޮމިޝަނަރު އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން އިއުލާން ކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި، ވީއޭއެމްގެ ކުލަބުތަކުގެ ކޮންގްރެސްއިން ވަނީ، އަސާސީ ގަވާއިދު އިސްލާހް ކުރުމަށް ފަހު، އިންތިހާބު ތާރީހް ފައިނަލު ކޮށްފަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީން ވީއޭއެމްގެ ކޮންގްރެސް ބާއްވާފައި ވަނީ އެ ކޮންގްރެސް ފަސް ކޮށްދިނުމަށް އެދި، ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފު އޮލިމްޕިކް ކޮމިޓީގައި އެދިފައި ވަނިކޮށެވެ.

ވީއޭއެމްގެ ކޮންގްރެސްއަށް ޝަރުތު ހަމަވާ ކުލަބުތައް، ނޯމަލައިޒޭޝަން ކޮމިޓީން ކަނޑައެޅީ މިދިޔަ ހަތަރު އަހަރު ތެރޭ ވީއޭއެމުން ބޭއްވި އިންޑޯ ވޯލީބޯޅަ މުބާރާތްތަކުގައި ތިން އަހަރު ވަންދެން ވާދަ ކޮށްފައިވާ ކުލަބުތަކަށެވެ. އެގޮތުން ކޮންގްރެސްގައި ވޯޓް ދިނުމަށް ޝަރުތު ހަމަވަނީ އަށް ކުލަބަކުންނެވެ. އެއީ ޕޮލިސް ކުލަބާ، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، ގުޑީސް ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ސިޓީ، ޔޫތު ނިއު ޖެނަރޭޝަން، ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)، ސްޕޯޓްސް ކުލަބު ހޯކްސް އަދި ކުލަބު ހާފުލައިން ލިންކޭޖެވެ. ވީއޭއެމުން ބުނީ، ޑީއެސްސީ އާއި ހޯކްސް ފިޔަވައި އަނެއް ހަ ކުލަބުން ކޮންގްރެސްގައި ބައިވެރި ވެފައިވާ ކަމަށެވެ.

އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހް އަންނަ އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަބްދުﷲ އާމިރު ވިދާޅުވި އެވެ. ވީއޭއެމްގެ އިންތިހާބު ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީން އިއުލާން މި ކުރީ، ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނަ ކަމަށާއި ވީއޭއެމްގެ ހިންގުން އަލުން ލަތީފު އާ ހަވާލު ކުރުމަށް ދުނިޔޭގެ ވޮލީގެ މައި އިދާރާ އެފްއައިވީބީން އަންގާފައި ވަނިކޮށެވެ.

އެފްއައިވީބީން އެންގި ގޮތަށް، ވީއޭއެމް ލަތީފުގެ އެކްސްކޯއާ ހަވާލު ކުރުމަށް އެދި ވީއޭއެމްގެ ލެޓާ ހެޑްގައި ލަތީފު ވަނީ ސްޕޯޓްސް ކޮމިޝަނަރަޝާއި ޔޫތު ސްޕޯޓްސް މިނިސްޓްރީއަށް ސިޓީ ފޮނުއްވާފަ އެވެ. ލަތީފު ފޮނުއްވި ސިޓީއަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް ދެއްވި ޖަވާބުގައި ވިދާޅުވީ ވީއޭއެމްގެ ލޯގޯ އާއި ލެޓާ ހެޑް ބޭނުން ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ލަތީފަށް މިހާރު ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ތަކުރާރު ކޮށްފިނަމަ ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްކަށް މައްސަލަ ފޮނުވާނެ ކަމަށްވެސް ހީނާ ވިދާޅުވެފައި ވެއެވެ.

ވީއޭއެމްއާ ގުޅޭގޮތުން ހުށަހެޅުނު ގިނަ މައްސަލަތަކާއެކު ސްޕޯޓްސް ކޮމިޝަނަރު ވަނީ، ލަތީފުގެ އެކްސްކޯ އުވާލުމަށް ފަހު ފަސް މެންބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީއެއް މިދިޔަ ޖޫން މަހު އައްޔަން ކުރައްވާފަ އެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރު އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނަ ކަމަށް އެފްއައިވީބީން ބުނެފަ އެވެ.