އިނގުރައިދޫ

އިނގުރައިދޫ މީހާގެ ފައި ކަށިމަތިން ބުރިކޮށް އޮޕަރޭޝަންކޮށްފި

ފަޅު ރަށެއްގެ ފަޅު ތެރޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި ކުޑަ ހުޅާ ހަމައިން ފައި ބުރިވި ރ. އިނގުރައިދޫ މީހާގެ ފައިގެ އެބައި ގުޅުވެން ނެތުމުން ކަށިމައްޗާ ހަމައިން ފައި ބުރިކޮށްލައި އޮޕަރޭޝަންކޮށްފި އެވެ.

އިނގުރައިދޫ ކައިރީ އޮންނަ ކޮއްޓަފަރު ފަޅުތެރެއިން ދުއްވި ޑިންގީއެއް ގައި ޖެހިގެން ފައި ބުރިވެފައިވަނީ އިނގުރައިދޫ، އަބްދުﷲ ހަލީމް 27، އެވެ. ޑިންގީ އެ ފަޅުތެރެއިން ދުއްވި އިރު ހަލީމް އޮތީ ފަޅުތެރޭގައި މަސް ހިފާށެވެ. ޑިންގީ ދުއްވި އިރު ހަލީމްގެ ފައިގައި ޖެހިފައި ވަނީ އެ ޑިންގީގެ ބުރަފައްޗެވެ.

ބުރަފަތިން ޖެހި ހަލީމްގެ ވާތު ފައި ބުރިވެ ވަކިވީ ކުޑަހުޅާ ހަމައިންނެވެ. އަދި ބުރަފަތިން ޖެހި އޭނާގެ ވައަތުފައިގެ ފަލަމަސްގަނޑު ވެސް ވަރަށް ބޮޑަށް ޒަހަމްވެފައި ވެއެވެ.

އޭނާގެ އާއިލާއިން ބުނީ ހާދިސާގައި ބުރިވި ވާތު ފައިތިލަ ގުޅުވެން ނެތުމުން ކަށިމައްޗާ ހަމައިން ފައި ބުރިކޮށްލުމުގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރީ ޑޮކްޓަރުން އެގޮތަށް އިރުޝާދު ދެއްވުމުން ކަމަށެވެ.

"ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އެކަން ކުރީ، ތުރު އެހެން ގޮތެއް ނެތުމުން. ޑޮކްޓަރުން ދެއްވާ ޔަގީން ކަމަކީ ޕްލާސްޓިކް ފައެއް ޖެހޭނެއޭ އެގޮތަށް ބުރިކޮށްލުމުން." ހަލީމްގެ އާއިލާގެ މެންބަރު ބުންޏެވެ.

ހަލީމަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އޭގެ ފަހުން ލޯންޗެއްގައި މާލެ ގެންނަނިކޮށް ބ. އަތޮޅު ކައިރިން ލޯންޗަށް މައްސަލައެއް ދިމާވުމުން ބ. ކަމަދޫއަށް މަޑު ކުރި އެވެ. އޭނާ މާލެ ގެނައީ ސިފައިންގެ އެހީތެރިކަމުގައި ކޯސްޓްގާޑުގެ ލޯންޗެއްގައި ރޭގެ ވަގުތެއްގަ އެވެ.

ހަލީމަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގަ އެވެ. ނަމަވެސް ފައި ބުރިކޮށްލަން އޮޕަރޭޝަން ކުރަން ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ އެވެ. އޭނާ މިހާރު އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.

އާއިލާއިން ބުނީ ހަލީމްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އޭޑީކޭއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރާއްޖޭގެ ޑިންގީން ޖެހިގެނާއި ޑިންގީ އާއި ލޯންޗާއި ދޯނި ފަހަރުގެ ބުރަފަތިން ޖެހިގެން މީހުނަށް ބޮޑެތި އަނިޔާތައް ލިބުން މަދެއް ނުވެ އެވެ.