މީހުން

މާޔާ ގެނެސް ދެނީ މުޅި ގޭގެ ރޫހު!

ޑްރީމްހައުސް ހުންނާނެ ގޮތް އަބަދު ބޮލުތެރޭގައި އިނދޭ ހެއްޔެވެ؟ ހާސިލު ވިޔަސް ނުވިޔަސް މިއީ ކޮންމެ މީހެއްގެ ސިކުނޑީގައި ވެސް އިންނާނެ އެއްޗެކެވެ. އެކަމަކު އަމިއްލަ ބޮލު ތެރޭގައި ޑްރީމް ހައުސްއެއްގެ ކުރެހުން އޮތަސް ޕްރޮފެޝަނަލް ޑިޒައިނަރެއްގެ އެހީއަށް އެދެން ޖެހެ އެވެ. އެއީ ސިކުނޑީގައި އޮތް ޑިޒައިން ކަރުދާހަށް ތިރި ކުރުމުގައި ފޭލިވެދާނެތީ އެވެ.

އެހެންވީމާ ބޭނުންވާ ގޮތަށް މުޅި ގޭގެ ރޫހު ގެންނަން އަދި މުޅި ޑްރީމް ހައުސްގައި ރޫހު ދިރިގެން ދާ ގޮތަށް ގެއެއް ޑިޒައިން ކުރަން ދާންވީ "ކާފަގެ ޒިކުރާ" ގެ ނަމުގައި ކާފަ، ހާޖާރާ މުހައްމަދު ތައުފީގުގެ ހަނދާނުގައި "މުޅި ގޭގެ ރޫހޭ ދިޔައިމާ..." ލަވައިން މުޅި ރާއްޖެ ރޮއްވާލި ރީތި ލަވަ ކިޔައިދިން ލަވަ ކިޔުންތެރިޔާ / މިހާރުގެ އިންޓީރިއާ އާކިޓެކް މާޔާ ނާސިހު ކައިރި އަށެވެ. މިހާރު އޭނާ ގޭގެ ޑިޒައިން ކޮށްދީ ގޭގެއަށް ރޫހު ގެނެސް ދެނީ އެވެ.

ކުރިން މާޔާ ނާސިހަކީ ލަވައިގެ ދުނިޔޭގައި ވިދާލި ބްރޭންޑަކަށް ވިޔަސް މިހާރު އެއީ އިންޓީރިއާ އާކިޓެކްގެ ދާއިރާގައި އޮފް ގަދަ ބްރޭންޑެކެވެ. އިންޓީރިއާ އާކިޓެކްގެ ދާއިރާގައި 10 އަހަރު ތަޖުރިބާ މާޔާއަށް ލިބިފައިވާއިރު މާޔާގެ މަސައްކަތް ފައްތާފައި ވަނީ "މާޔާނާސިހު" އެ ބްރޭންޑްގެ ތެރެއަށެވެ. މި ބްރޭންޑާއެކު މާޔާ މަސައްކަތް ކުރަނީ ފްރީލާންސް ޑިޒައިނަރެއްގެ ގޮތުގައި އަމިއްލަ ޕްރޮޖެކްޓްތަކުގަ އެވެ. ކާމިޔާބު ކަމާއެކު ގިނަ ޕްރޮޖެކްޓް ނިންމައިދީ ގިނަ ބަޔަކަށް ހިނިތުން ގެނެސްދީފައި ވެއެވެ.

މިހާ ދުވަސް ފަހުން މިހެން ދިމާވުމުން މާޔާ ގާތުގައި މިހާރު ލަވައިގެ ވާހަކަ ވެސް އަހާލަން ވެސް ރަނގަޅެވެ. މާޔާ ބުނާ ގޮތުގައި ލަވަ ކިޔުމުގައި މިހާރު އޭނާއަކީ އެހާ ހާއްސަ މީހެއް ނޫނެވެ. އެކަމަކު "ބާތްރޫމް ސިންގާ" އެކެވެ.

"ނަމަވެސް 2013 ގައި 'ކައިވެނީގެ އަމާޒް' ޝިއުޒްއާއި އެއްކޮށް ރިކޯޑިން ހަދާފައި ވާނެ. އަދި އިތުރު ލަވައެއްގެ ގޮތު 'ހިނދުކޮޅު' ގެ ނަމުގައި އައްޕިއާއެކު ރިކޯޑިން އެއް ހެދިން،." އޭނާ ބުންޏެވެ.

މާޔާ ނާސިހުގެ އިންސްޓިގްރާމް ފީޑް

މާޔާ ބުނާ ގޮތުން ލަވަކިޔުމުގެ އާއިލާއެއްގެ ތެރެއިން އޭނާއަށް ނުކުމެވުނަސް އޭނާގެ ޝައުގުވެރި ކަމަކަށް އަދި ލޯތްބަކަށް ވެސް ލަވައަށްވުރެ ބޮޑަށް ވެގެން ދިޔައީ ޑިޒައިން ކުރުމެވެ.

މާޔާގެ މިހާރުގެ މަސައްކަތަކީ އަދި ކުރިޔަށްދާން ހިޔާރު ޑިޒައިން ކުރުނެވެ. ގެއެއް ހަތަރު ފާރު ރާނާ ހިސާބުން ވެރިފަރާތް ބޭނުންވާ ގޮތަށް ކުރަހާލައި ޕްލަމްބިން އާއިު ލައިޓިން އަދި ކަރަންޓް ވަޔަރު ކުރާނެ ގޮތާއި، ވެންޓިލޭޝަން އޮންނާނެ ގޮތުގެ ޕްލޭނެއް މާޔާ ހަދާލައިދީ ޑްރީމް ހައުސް އަށް ރޫހު ގެނެސް ދެއެވެ.

ގެއަށާ އެހެންވެސް ހުސް ތަންތަނަށް ކެރެކްޓާ ގެންނަ ފިނިޝިން ގައި ބޭނުން ކުރާނީ ކޮންކަހަލަ ފިކްސްޗާސް އަކާ ފިޓިންއެއްތޯ އަދި އެ ތަނަކާއި އެންމެ ގުޅޭނީ ކޯންޗެއްތޯ ކިޔައި ދެނީ ކުރިން އަހަރެމެނަށް ލަވަ ކިޔައިދިން މާޔާ އެވެ.

ޑްރީމް ހައުސް ފުރިހަމަ ކޮށްލުމަށް ރާއްޖެއިން އެއްޗެހި ހޯދާނެ ގޮތާއި އަދި ބޭރުން އެއްޗެހި ގެންނާންވީ ތަންތަނާއި ފަހުގެ ޒަމާނީ ގޮތްގަނޑު ނޫނީ ވެރިފަރާތް ބޭނުންވާ ތީމަކާ ގުޅޭނެ ކަލާ ކޮންސެޕްޓަކީ ކޮބައިކަން ބުނެ ދެނީ މާޔާ އެވެ.

"ބޮޑު ވެގެން އައިއިރު ބޭބެއަކީ ރިއެލް އެސްޓޭޓްގައި މަސައްކަތް ކުރި މީހެއް. ތަންތަން ރީފާބިޝްކޮށް ރިނޮވޭޓްކޮށް ކުއްޔަށް ދީ ހަދާ. އެތަން ގާތުން ފެނިފައި ހުރީ... މިީގެ އިތުރުން ރާއްޖެއިން ބޭރަށް ދެވޭ ކޮންމެ ފަހަރަކު ރީތި ތަނެއް ނުވަތަ އިމާރާތެއް ހުރިއްޔާ ވަރަށް އަޅައިގަނޭ އެތަނަކާއި އެކަހަލަ ތަންތަނަށް ފުރިހަމަކަން ގެނެސްފައި ހުންނަ ޑީޓެއިލްއަށް ވެސް ބެލޭ. ސްކޫލްގައި އުޅުނު އިރު ވެސް އެނގިއްޖެ މި ކަމަށް ޝައުގުވެރި ވެވިއްޖެކަން."

އިންޓީރިއާ ޑިޒަައިނަރެއްގެ ކެރިއާ ފަށަން މަޔާ ޑިޒައިން ކިޔެވީ ސިންގަޕޫރުގަ އެވެ. މާޔާ ބުނި ގޮތުގައި އޯލެވެލް ނިންމާލި ގޮތަށް އޭނާ ވަނީ ސިންގަޕޫރުގެ ބޯޑިން ސްކޫލަކަށެވެ، އަދި އެއަށްފަހު ޑިޒައިންގެ ދާއިރާއިން ބެޗްލާސް ފުރިހަމަ ކުރީ އެވެ

"ކިޔަވަން އުޅެފައި މާލެއައިސް ލިބޭ ފުރުސަތުގައި ގެޑޯ އާކިޓެކްޗާ ގައި މަސައްކަތް ކުރީ. ބެޗްލާސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު ފުރަތަމަ ވަނީ ވެސް ގެޑޯ އާކިޓެކްޗާއަށް. އެތާނގައި ތިން އަހަރު މަސައްކަތް ކުރިން... ސިންގަޕޯރަކީ ވަރަށް ސްޓްރިކްޓް ތަނެއް. އެ މީހުން ޓައިމްލީ ވާނެ. އެފިޝަންޓް ވާނެ. އެގޮތަށް އުޅެންޖެހުނީމަ ވަރަށް ގިނަ ކަންކަން ދަސްވެފައި ހުރީ." މާޔާ ބުންޏެވެ.

މާޔާ މާސްޓާސް ފުރިހަމަ ކުރީ މާސްޓާސް އޮފް ކޮމާސް އިން ޑިޒއިން މެނޭޖްމަންޓުންނެވެ. އޭގެ ފަހުން ފުރަތަމަ މަސައްކަތް ފަށައިގަތީ ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ ގޮތު އެވެ. އިތުރުން ދާއިރާއާއި ގުޅޭ ފަންނީ ތަޖުރިބާ ހޯދަން އިޓަލީގެ ސްޓޭޓް އޮފް އާޓް އެކަޑެމީން އިތުރު ތަމްރީނު ފުރިހަމަ ކުރި އެވެ. އެ ތަޖުރިބާތަކާއެކު "މާޔާނާސިހް" ބްރޭންޑް ކްރިއޭޓްވީ އެވެ.

"އޭރުވެސް ލިބޭ ކުދިކުދި ޕްރޮޖެކްޓް ނަގަމުން އައީ. އަބަދުވެސް އޮތް ގޯލެއް އެއީ އަމިއްލައަށް އިންޑިޕެންޑެންޓްކޮށް މަސަައްކަތް ކުރަން،"

މަޔާ އަކީ މިހާރު މަންމައެކެވެ. އޭނާ ބުނި ގޮތުގައި މަސައްކަތުގައި ބޮޑަށް ފްރީލާންސް ވާން ބޭނުންވީ މަންމައަކަށް ވުމަށްފަހު އެވެ. އެހިސާބުން އަމިއްލަ ޝެޑިއުލެއްގައި އިންޑިޕެންޑަންޓްކޮށް މަސައްކަތް ކުރުމުގެ ފްލެކްސިބިލިޓީ ހޯދުމަށް ބޭނުންވީ އެވެ.

"އަބަދުވެސް ޕްލޭނެއް ފްރީލާންސްކޮށް މަސައްކަތް ކުރުމަކީ. އިންޑިޕެންޑެންޓްކޮށް މަސައްކަތް ކުރަން ފްރީލާންސަށް ބޮޑަށް ދާން ބޭނުންވީ ވޯކް ފްލެކްސިބިލިޓީ ހޯދަން. މިހާރު މި ނަގަނީ ޕްރޮޖެކްޓްސްތައް އަމިއްލައަށް ކޮމިޓްމެންޓް ދެވޭ ވަރަށް. ޝެޑިއުލްކޮށް އަބަދުވެސް ޓާސްކް ލިސްޓެއް ގެންގުޅެން. އަދި މިގޮތަށް މަސައްކަތް ކުރުމުން ޓްރެވެލް ކުރަން ފުރުސަތު ލިބޭ."

ދެހާސް ނުވަ ވަނަ އަހަރު މާޔާ ފުރަތަަމަ އަމިއްލަ ޕްރޮޖެކްޓް ގޮތުގައި ހެދީ ޓޯޓަލް ފިޓްނަސް ގުރޫޕުން މާލޭގައި ހިންގި ޖިމެވެ. ތަފާތު ގޮތަކަށް އެ ޑިޒައިން ނިންމާލިއިރު އެއީ މާލޭގެ އެންމެ ހައިއެންޑް އެއް ޖިމެވެ. އޭގެ ފަހުން ތަޖުރިބާއާއެކު އިތުރު ޕްރޮޖެކްޓްތައް ނަގަމުން ހަރުފަތަކަށް ފަހު ހަރުފަތްގަނޑެއްގައި މައްޗަށް އަރައިގެން ދިޔައީ އެވެ. އަމިއްލަ ބްރޭންޑާއެކު ފައިމައްޗަށް ތެދުވީ އެވެ.

މާޔާގެ ޑިޒައިން ޕޯޓްފޯލިއޯގައި ނިމިފައިވާ މަސައްކަތް ތަކުގެ ތެރޭގައި މުލީއާގޭގައި ރައީސް ދިރިއުޅުއްވަން ހިންގި ރީފާބިޝްމަންޓް ޕްރޮޖެކްޓް ހިމެނެ އެވެ. މީގެ އިތުރުން ވެސް އޮފީސް ސްޕޭސް އާއި މާލޭގެ މަޝްހޫރު ކެފޭތަކާއި މާލޭގައި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކާއި ރަށްރަށުގައި މީހުން ޗުއްޓީއަށް ގޮސް ތިބޭ "ހޮލިޑޭ ހޯމްސްގެ" މަސައްކަތްކޮށްފައި ވެއެވެ.

މިފަހުން މާޔާ ޑިޒައިން ކޮށްފައިވާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި މެރިއެޓް މާލެ އޮފީހާއި ޕްރިމިއާ ޗެމްބާސް އާއި ބްލަަޑްއޮރެންޖް އާއި ޝާހު ހުސެއިން އެންޑް ކޯ އޮފީސް ސްޕޭސް އާއި އަލަށް ހުޅުވާ ޕެއިން ކްލިނިކް ފަދަ ތަންތަން ފާހަގަ ކޮށްލެވެ އެވެ. އެނޫނަސް މުހިންމު ތަންތަން ހިމެނެ އެވެ.

މާޔާ ބުނި އެންމެ ޝައުގުވެރިކަން ހުންނަނީ އޮފީސްތަކާއި ކެފޭގެ އިތުރުން ދިރިއުޅެން ހަދާ ތަންތަން ޑިޒައިން ކުރާށެވެ.

"ކޮންމެ ތަނެއް ޑިޒައިން ކުރާއިރު ވެސް ވަރަށް ބޮޑަށް އެތާނގައި ދިރިއުޅޭ ބަޔަކާއި އެމީހުންގެ ޕާސަނަލްޓީ ހޯދަން. މިސާލަކަށް ބައެއް މީހުން ބުނާނެ ތިމަންނަ މާ ބޮޑު ކޮޓަރިއެއް ބޭނުމެއް ނުވެއޭ. ބޭނުންވަނީ ލިވިން ރޫމް ބޮޑުވެފައި ކޮމްފޮޓަބަލް ކޮށޭ. އެޕާޓްމަންޓް ތަކުގައި ބޭނުންކުރާ ކުލަތަކާއި ލައިޓްސް ވެސް ކްލައިންޓް އެންމެ ހިތްހަމަޖެހޭ ގޮތަށް ގެންނަނީ. ވަރަށް ތަފާތު ގޮތަކަށް ހަދަން ވެސް ބުނޭ. ވަރަށް ފަހުން ނިންމި ތަނެއްގައި ކްލައިންޓް ބޭނުންވަނީ ހުސް އާޓިފިޝަލް ލައިޓް ހުންނަން. އެއްވެސް ބޮތްކެއް ނުލައި ހަމައެކަނި އިންޑައިރެކްޓް ލައިޓިންގް ހުންނަން. އެގޮތަށް ވެސް ހަދައި ދިނިން. ނިމޭއިރު ކޮންމެ ތަނަކީވެސް ވަރަށް ޔޫނީކް ހިތްހަމަޖެހޭ މަސައްކަތެއް" މަޔާ ބުންޏެވެ.

މާޔާ މިހާރު ފާހާނާގައި ލަވައެއް ކިޔައިލިއަސް ޕްރޮފެޝަނަލްކޮށް ދެން ލަވައެއް ނުކިޔާނެ އެވެ. އޭނާ ކުރިޔަށް ދާނީ އަލަށް ނުކުމެވިފައިވާ އެނާގެ ފުރިހަމަ ލޯތްބެތް އޮތް ދާއިރާގަ އެވެ. އެ ދާއިރާގައި އެންމެ ބޮޑު ހިތްވަރަކީ މަންމަ އާއި އޭނާގެ ފިރިމީހާ އުމަރެވެ. އަދި މާޔާ ބޭނުންވަނީ މުސްތަގުބަލުގައި ޑިޒައިންގެ އިތުރު ހަރުފަތަކަކުން އުހަށް އަރާށެވެ. އޭނާގެ މަސައްކަތު މީހުންގެ މުޅި ޑްރީމް ހައުސް އަށް ރޫހު ގެނެސްދޭށެވެ.