ތާރީހު

ޝާހީ އިންޑަސްޓްރިއަލް ވާދީއެއް ހަޒާނާތަކާއެކު ހޯދައިފި

ގަދިމާ ޒަމާނުގެ ޝާހީ ގަނޑުވަރުތަކުގައި ހިމެނޭ ތަކެއްޗަކީ މީހާރު ވެސް އަގުހުރި ތަކެއްޗެވެ. ގިނަ ފަހަރާ މިފަދަ ތަކެތި މިއުޒިއަމްތަކުގައި ރައްކާ ކޮށްފައި ބެހެއްޓިއަސް އަތްލުމުގެ ފުރުސަތެއް ނުލިބެ އެވެ.

ހަމައެކަނި ބަލާލެވޭނީ އެވެ. ޝާހީ ގަނޑުވަރުގެ އިއްޒަތްތެރިންނަށް ނިސްބަތްވާ މުދާތައް މިއުޒިއަމްގައި ބަހައްޓަނީ ބިއްލޫރި ފޮށި ފޮށީގެ ތެރެއަށް ލައި ބޭރުން ރިބަން ދަމައި ލޭބަލްކޮށްގެނެވެ. މިތެކެތީގެ އަގު ބޮޑެވެ. އަދި ވަކި ދުވަސް ވަރަކަށް އަގު މައްޗަށް ޖައްސައެވެ. އާންމު ގޮތެއްގައި މިގޮތަށް އަގު އުފުލިގެން ދަނީ ރަނުން ހަދާފައިވާ ތަކެއްޗެވެ، އެއީ ރަނުގެ އަގު ބާޒާރުގައި ހުންނަ ގޮތަށް ބަލައިގެނެވެ.

އިހު ޒަމާނުގެ މިފަދަ ތަކެތި އެންމެ ގިނައިން ފެންނަނީ މިސްރުންނެވެ. މިސްރުގެ އެކި ހިސާބުތަކުގައި މިފަދަ ގިނަ މުދާތަކެއް ފޮރުވިފައިވާ ކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ. އަދި އެއީ ހަގީގަތްވެސް މެއެވެ. އެގޮތަށް ގަބޫލު ކުރާ ބަޔަކު ކުރި މަސައްކަތެއްގައި މިސްރުގެ ގާދިމީ ޒަމާނުގެ ރަސްކަލުންނާއި އެބޭފުޅުންގެ އާއިލީ ބޭފުޅުންނަށް ނިސްބަތްވާ މުދާތަކެއް އަނެއްކާވެސް ވަނީ ހޯދާފަ އެވެ.

މިސްރުގެ މިނިސްޓްރީ އޮފް އެންޓިކިއުޓީސް އިއްޔެ ބުނީ، ގާދިމީ ޒަމާނުގެ ޝާހީ ގަނޑުވަރުގެ ބޭފުޅުން ބޭނުން ކުރައްވާ މުދާތައް ތައްޔާރުކުރާ 30 ވޯކްޝޮޕެއް އާކިއޮލިޖިސްޓުންނަށް ފެނިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކުން ފެނުނު ތަކެތީގެ އަގު 20 މިލިއަން ޑޮލަރާ ގާތްކުރާ ކަމަށެވެ.

އެ ސަރަހައްދުން ފެނިފައިވަނީ ގަނޑުވަރުގެ ބޭފުޅުންނަށް ހާއްސަކޮށްގެން ތައްޔާރު ކުރަމުންދިޔަ އަނގޮޓި އާއި ފެންބޯ ތަށީގެ އިތުރުން ކާ ބޭނުންކުރާ ތައްޓެވެ. މީގެ އިތުރުން 24 ކެރެޓުގެ ރަނުން ހަދާފައިވާ ބަރުދަނުގައި ފަސް ކިލޯ ހުރި ފެން އަޅާ ޖަގެއް ވެސް ފެނިފައި ވެއެވެ. ވޯކްޝޮޕްތަކުން ފެނުނު ޒީނާތްތެރިވާން ބޭނުންކުރާ ގަހަނާ ތަކަކީ އަލުން ހަދަން ދީފައިވާ ތަކެތި ކަމަށް ވޯކްޝޮފްތަށް ހޯދުމުގެ މަސައްކަތުގައި އުޅުނު ޒަހީ ހައްވާސް ވިދާޅުވެފައި ވެއެވެ.

ޒަހީ ހައްވާސް މި ވޯކްޝޮޕްގެ މައުލޫމާތު ދެމުން ވިދާޅުވީ، ފެނުނު 30 ވޯކްޝޮޕަކީ ވެސް 75 މީޓަރު ނުތަށް 246 ޕޫޓު ދިގު މިނުގައި ހުންނަ ވޯކްޝޮޕްތައް ކަމަށެވެ. އަދި އެއީ ސީދާ ގަނޑުވަރުގެ ބޭފުޅުން ބޭނުންވާ ތަކެތި އުފެއްދުމަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ވޯކްޝޮޕްތައް ކަމަށް ވެސް ޒަހީ ހައްވާސް ވިދާޅުވި އެވެ.

މިއީ މިސްރުން މިހާ ގިނަ އަދަދެއްގެ ގާދިމީ ވޯކްޝޮޕްތައް ފެނުނު ފުރަތަމަ ފަހަރެވެ. ޒަހީ ހައްވާސް ވިދާޅުވި ގޮތުގައި މި ވޯކްޝޮޕްތައް އިތުރަށް ދިރާސަ ކުރުމުގެ މަސައްކަތުގެ ތެރެއިން އިހު ޒަމާނުގައި ރަނުގެ މަސައްކަތް އެހާ ފުރިހަމަކޮށް ކުރާ ގޮތް ދެނެގަނެވޭނެ އެވެ.

ވޯކްޝޮޕްތައް ފެނިފައި ވަނީ މިސްރުގެ އައްސޭރި ހިސާބަކުންނެވެ. އެހިސާބު ފުންކޮށް ކޮނުމަށްފަހު ވޯކްޝޮޕް ހޯދުމުގެ ގޮތުން 3000 ވުރެ ގިނަ ބޮޑެތި ހިލަ ނެގުމުގެ މަސައްކަތް ޒަހީ ހައްވާސްގެ ޓީމުން ކުރަން ޖެހުނެވެ. އެ ހިލަތައް އަޅައި ވޯކްޝޮޕް ފޮރުވާފައިވަނީ ގަނޑުވަރުގެ ބޭފުޅުންގެ މުދާ ރައްކާ ކުރުމަށް ކަމަށް ވެސް ޒަހީ ހައްވާސް ވިދާޅުވި އެވެ.