މިދުވަސް ވަރަކީ މިސްރުގެ މާޒީ ހާވައި ކޮނުމުގެ މަސައްކަތް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން އަނެއްކާވެސް ފަށައިގަނެގެން އުޅޭ ދުވަސްވަރެކެވެ. ބޭނުމަކީ މިސްރުގައި އަދިވެސް ވެލި އެޅި، ފަސްލެވި ފޮރުވިފައިވާ ތާރީހުގެ ބައިތައް ހޯދައި ދުނިޔެއަށް ނިއުޅާލުމެވެ. މިސްރަކީ އެންމެ މުއްސަނދި ތާރީހެއް އޮތް ގިނަ ކަންކަމާ ގުޅިފައިވާ ތަކެއްޗާއި ސައިޓުތައް ފޮރުވިފައިވާ އެއް ގައުމެވެ.
ބުނެވޭ ގޮތުގައި މީގެ އެތަކެއް ސަތޭކަ ގަރުނެއް ކުރިން މިސްރުގައި އުޅެމުން ދިޔަ މީހުން ވަނީ އެމީހުންގެ ތާރީހީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގޮތުން އެމީހުން އުޅެމުން ދިޔަ ސަރަހައްދު ތަކުގެ ބިމުގެ އަޑީގައި އެކަންކަން ފޮރުވާފަ އެވެ. މިސްރުން ތާރީހީ ތަކެއްޗާއި ތާރީހީ ސައިޓުތަށް އެންމެ ގިނައިން ފެންނަނީ އެ ގައުމުގެ އައްސޭރި ހިސާބުންނާއި ވާދީ ތަކުންނެވެ. މި ސަރަހައްދު ތަކުގައި މިހާރު މީހުން ދިރިއެއް ނޫޅެވެ.
ގާދިމީ ޒަމާނުގައި މިސްރުގެ މީހުން ވަރަށް ގިނަ އާދަޔާ ހިލާފު ކަންތައްކޮށް އުޅުނެވެ. އެކަމުގެ ހެކި ފެންނަނީ މިސްރުގެ އައްސޭރި ހިސާބުތަށް ދިރާސާ ކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ.
މިހާރު މިސްރުން ވަނީ މަމީ ކޮށްފައިވާ ޖަނަވާރުތަކެއް ފެނިފަ އެވެ. ބެލެވޭ ގޮތުގައި މިއީ 250 ގަރުނުގެ ކުރީގެ މަމީސްތަކެވެ. ހަމަ މިއަހަރުގެ ތެރޭގައި މިސްރުން ވަނީ 100 އަހަރު ކުރީގެ އިންސާނުންގެ މަމީސްތަކެއް ވެސް ހޯދައިފަ އެވެ.
އަލަށް ހޯދުނު ޖަނަވާރުތަކުގެ މަމީސްތައް ފެނިފައިވަނީ ގީޒާ ޕްރިމިޑް ކައިރިންނެވެ. މި ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާތާ މިހާރު ވަނީ އަހަރެއް ވެފަ އެވެ. އަލަށް ފެނިފައިވަނީ 75 ޖަނަވާރެއްގެ މަމީސް ހަދާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ރާމާމަކުނާއި، ކިނބޫ، ބަކަރި، ބުޅާ އަދި ކަންބަޅި ހިމެނޭއިރު، ޅަ ސިންގާ ވެސް ހިމެނެ އެވެ. ސިންގާއެއް މަމީއަށް ހަދާފައި ވަނިކޮށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
މިސްރުގެ ތާރީހީ މިނިސްޓިރީން މައުލޫމާތު ދޭ ގޮތުގައި މި ސައިޓު ފެނިފައިވަނީ މިދިޔަ ހޮނިހުރު ދުވަހު އެވެ. މިނިސްޓްރީން ބުނީ، ޖަނަވާރުތައް މަމީ ކޮށްފައިވަނީ، އެއީ އޭރުގެ މިސްރުގެ ބޮޑުން ގުރުބާނީ ކުރުމުގެ ގޮތުން މަރާލި ޖަނަވާރުތަކަށްވުމުން ކަމަށް އެކަށީގެންވާ ކަމަށެވެ. ނޫނީ އޭރުގެ ރަސްކަލުން ގެންގުޅުއްވި ޖަނަވާރުތަކަށް ވުމުން ކަމަށް ވެސް އެކަށީގެންވާ ކަމަށެވެ.
މިސްރުގެ ތާރީހުން އެނގޭ ގޮތުގައި ގާދިމީ ޒަމާނުގައި ރަސްކަލުން ގެންގުޅުއްވާ ޖަނަވާރުތަކަށް ވެސް ރަސްކަލާ އެއްވަރާ އިހްތިރާމް ކުރަން ޖެހެ އެވެ.
ޖަނަވާރުތަކުގެ މަމީސްތައް މިހާރު ވަނީ މިޔުޒިއަމެއްގައި ބަހައްޓާފަ އެވެ. އަދި މިހާރު މިޔުޒިއަމް ވަނީ ފަތުރުވެރިންނަށާ އާންމުނަށް ވަދެވޭ ގޮތަށް ހުޅުވާފަ އެވެ. މިސްރުގެ ތާރީހީ ތަންތަނާއި އެއާއި ގުޅިފައިވާ ކަންކަން ދެނެގަތުމަށް މިސްރަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.