ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވާ، ޕޯސްޓް ސީޒަން ބާސްކެޓްބޯޅަ މުބާރާތުގައި ވާދަ ކުރަން ރާއްޖޭގެ ރެޑްވިންގްސް ބާސްކެޓްބޯޅަ ކުލަބުން ތައްޔާރު ވެއްޖެ އެވެ.
މި މަހު 25 ން ނޮވެމްބަރު މަހު ފަހަކަށް ބާއްވާ އެ މުބާރާތަކީ ކޮލަމްބޯގެ ބާސްކެޓްބޯލް އެކެޑެމީން ބާއްވާ މުބާރާތެކެވެ. ކޮލަމްބޯގައި ބާއްވާ މުބާރާތަށް އެ ސިޓީއަށް ނިސްބަތްވާ ކުލަބުތަކަށް ވެސް ވަނީ ދައުވަތު ފޮނުވާފަ އެވެ.
މި މުބާރާތަށް ދިއުމަށް، ރެޑްވިންގްސްއިން ތައްޔާރު ވަމުންދާއިރު މި އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖޭގެ ޓޮޕް ޑިވިޝަންގެ ކުލަބު ލެވެލްގެ އެއްވެސް މުބާރާތެއް ބާއްވާފައެއް ނުވެ އެވެ.
ރެޑްވިންގްސްގެ ކެޕްޓަން މުހައްމަދު އަޝްމަލް ބުނީ، ރާއްޖެއިން ބޭރުގެ މުބާރާތެއްގައި ވާދަ ކުރަން ފުރުސަތު ލިބުމަކީ އެ ޓީމުގެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
"ހީއެއް ނުވޭ މިކަހަލަ ޗާންސެއް ކޮންމެ ކޮންމެ ފަހަރަކު ލިބޭނެހެނެއް، އެހެންވެ ކުޅުންތެރިން ތިބީ މި އޮޕަޗިނިޓީ ބޭނުން ރަނގަޅަށް ހިފަން ތައްޔާރަށް،" އަޝްމަލް ބުންޏެވެ. "މި މުބާރާތުގެ ސަބަބުން މި ޓީމުގެ ކުޅުންތެރިން އިތުރަށް މެޗުއާ ވާނެ، ކޮންމެގޮތެއްވިޔަސް ކުޅޭނީ ފެންވަރު ރަނގަޅު ޓީމުތަކާ ދެކޮޅަށް އެއީ ވަރަށް ބޮޑު އެކްސްޕީރިއަންސަކަށް ވާނެ."
ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ޒީދާން ޒައީމް ބުނީ ޑޮމެސްޓިކް މުބާރާތްތައް ނެތް އިރު ވެސް ބޭރުގެ މުބާރާތަކަށް ދާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ އަންނަ އަހަރުގެ މުބާރާތްތަކަށް ތައްޔާރުވާއިރު ލަންކާގެ މުބާރާތުން ގިނަ ކަންކަމެއް ދަސްވެގެން ދާނެ ކަމަށެވެ.
"ޑޮމެސްޓިކް އެއްވެސް މުބާރާތެއް ނުބާވާތާ ގިނަ ދުވަސްތަކެއް ވީއިރު މިހަލަ ފުރުސަތެއް ލިބުނީމަ ވަރަށް ބޮޑަށް އެގްޒައިޓް ވެއްޖެ،"
ރެޑްވިންގްސްގެ ކޯޗް މުހައްމަދު ނަޒީފު ބުނީ، މި މުބާރާތަށް އޭނާގެ ޓީމު ދިއުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް ބާސްކެޓްބޯލް އެސޯސިއޭޝަނުން ކޮށްދިން މަސައްކަތް ޝުކުރުވެރި ކަމާއެކު ފާޙަގަ ކުރާ ކަމަށެވެ. މުބާރާތަށް ކުޅުންތެރިން ރިލީޒް ކޮށްދިނުމަށާއި ޓީމަށް ދިން އެއްބާރުލުމަށް އެމްބިއޭގެ އެކްސްކޯ މެންބަރު އަދި ހަޒާންދާރު އާދާމް މުހައްމަދު (އެޑަމް) ކޮށްދިން މަސައްކަތް ނަޒީފު ފާހަގަ ކުރި އެވެ.