ކުޅިވަރު

ޓީމުން ޖާގަ ނުލިބުން ބަލައިގަންނަން އުނދަގޫ: ޖިރޫ

ޗެލްސީގެ ޓީމުން އޭނާއަށް ޖާގަ ނުލިބޭތީ އެކަން ބަލައިގަންނަން އުނދަގޫ ކަމަށް އެ ޓީމުގެ ފޯވަޑް ފްރާންސްގެ އޮލިވާ ޖިރޫޑް ބުނެފި އެވެ.

ޔޫރޯ ކޮލިފިކޭޝަންގައި ހުކުރު ދުވަހުގެ ރޭ އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސް މޮޅު ކޮށްދިން ލަނޑު ޕެނަލްޓީން ކާމިޔާބު ކުރި ޖިރޫޑް ބުނީ، ޗެލްސީގެ ޓީމުން އޭނާއަށް ފުރުސަތު ނުލިބޭތީ މާޔޫސްވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން ކޯޗް ފްރޭންކް ލަމްޕާޑަށް ފާޑު ކިޔަން ބޭނުން ނުވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ ސްޓައިކަރު މި ސީޒަންގައި ކުޅެފައި ވަނީ ލީގްގެ ތިން މެޗެވެ. އަދި ފުރަތަމަ 11 ގައި އޭނާ ކުޅެފައި ވަނީ އެއް މެޗެވެ. އޭނާ ބުނީ ކޯޗްގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށާއި ކޯޗް ނިންމާ ނިންމުމެއްގެ ސަބަބުން ފާޑު ކިޔަން ބޭނުން ނުވާ ކަމަށެވެ.

"އެކަމަކު އަހަރެންގެ އަމިއްލަ ނަފުސަށް ބަލަންޏާ އެކަން ބަލައިގަންނަން އަހަންނަށް ވަރަށް އުނދަގޫ،" ޖިރޫ ބުންޏެވެ. "އަހަންނަށް އެނގޭ ދަނޑުމަތީގައި އަހަންނަކީ ކިހާވަރެއްގެ ކޮލިޓީއެއް ހުރި ކުޅުންތެރިޔެއްކަން، މިދިޔަ އަހަރު އަހަންނަށް ގަބޫލު ކުރެވުނު އަހަންނަށް ފުރުސަތު ލިބެންޖެހޭނެ ކަމަށް، އެހެންވެ އަހަރު އަހަރެން އެހިން ކޯޗް [މައުރީޒިއޯ ސާރީ] ގާތު އަހަންނަށް ތަފްސީލު ދިނުމަށް."

ޖަނަވަރީ 2018 ގައި، އާސެނަލް ދޫކޮށް ޗެލްސީއަށް ބަދަލުވި ފަހުން ޖިރޫޑް ފުރަތަމަ 11 ގައި ކުޅަފައި ވަނީ 14 މެޗުގަ އެވެ. އަދި ފަސް ލަނޑު ޖެހި އެވެ. މިިދިޔަ ސީޒަންގެ ޔޫރޮޕާ ލީގް ކާމިޔާބު ކޮށްދިނުމަށް ޖިރޫޑް ވަނީ ފައިނަލުގައި އާސެނަލް ކޮޅަށް ލަނޑު ޖާހަފަ އެވެ.

އޭނާ ބުނީ، މިދިޔަ ސީޒަންގައި އަލްވާރޯ މޮރާޓާ އާއި ގޮންޒާލޯ ހިގުއައިން އަކީ ޗެލްސީގެ ފޯވަޑްލައިންގައި އޭނާގެ ވާދަވެރިން ކަމަށެވެ. އެހެން ނަމަވެސް އެ ކުޅުންތެރިން ކުލަބު ދޫކޮށް ދިޔައިރު ވެސް އޭނާ ޓީމުގައި ހުރެ މުހިންމު މެޗުތަކެއް ކުޅުނު ކަމަށެވެ.

"އެހެން ކުޅުންތެރިންތެރިން ޓީމުން ދިޔައިރު އަހަރެން ހުރީ، 2018 ގެ އެފްއޭ ކަޕް ފައިނަލުގައި ކުޅުނިން، 2019 ގައި ޔޫރޮޕާ ލީގުގެ ފައިނަލުގައި ވެސް ކުޅުނީ އަހަރެން." ޖިރޫޑް ބުންޏެވެ.

އަނެއްކާވެސް މިސީޒަންގައި ޖިރޫޑްއަށް ޓީމުން ފުރުސަތު ލިބުމުގައި އުނދަގޫ ވެއްޖެ އެވެ. އެނާ ބުނީ އެކަމުން އޭނާ އަށް މާބޮޑު އަސަރެއް ކުރިމަތި ވިޔަސް އަރައިގަންނަށް މަސައްކަތް ކުރާނެ ކަމަށެވެ. ޗެލްސީގެ އެންމެ އިސް ސްޓައިކަރެއްގެ ގޮތުގައި މި ސީޒަންގައި ފުރުސަތު ދެނީ ޒުވާން ފޯވަޑް ޓެމީ އަބްރަހަމް އަށެވެ.