ފެން ބޮޑުވުން

ފެންބޮޑުވެ އައްޑޫގެ އާންމު ހާލަތު ބަދަލުވެފައި!

އައްޑޫ ސިޓީގެ ރަށްތަކުގައި ފެން ބޮޑުވެ ގެއްލުން ލިބި، އާންމު ހާކަތަށް ބަދަލު އައިސްފައިވާތީ ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓް | އަވަސް

ހުޅަނގު މޫސުމާއި ދިމާކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ވިއްސާރައިގެ އަސަރު އެންމެ ބޮޑީ ދެކުނުގެ އަތޮޅުތަކަށެވެ. ދެކުނުން ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫއަށް ވަނީ ވަރަށް ބޮޑަށް ވިއްސާރައިގެ އަސަރުކޮށްފަ އެވެ.

އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ އައްޑޫ ސިޓީގެ ރަށްތަކަށެވެ. މިދިޔަ ހަފުތާ ބަންދުގައި ވާރޭ ވެހެން ފެށި ގޮތަށް އެ ސިޓީގެ ހުރިހާ ރަށެއްގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން ގޮސް ހޮނިހިރު ދުވަހުގެ ހަވީރާއި ހަމަޔަށް ހުއްޓާ ނުލާ ވެހުނު ވާރޭގައި ހިތަދޫ އާއި މަރަދޫ އަދި މަރަދޫފޭދޫ އާއި ފޭދޫ އިތުރުން ހުޅުދުއާ މީދޫގައި ވެސް ފެންބޮޑުވި އެވެ.

ވިއްސާރައިގައި އެ ރަށްތަކުގެ ބައެއް ގޭގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުފަދަ ސާމާނަށް ގެއްލުންވެފާއިރު އެ ރަށްރަށުގެ އާންމު ހާލަތާއި ދިރިއުޅުމަށް ވަނީ ބުރޫއަރާފަ އެވެ. އައްޑޫގެ 142 ގެއަކަށް ފެން ވަދެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫގެ 50 ގެއަކާއި މަރަދޫގެ ހަތަރު ގެއަކާއި މަރަދޫފޭދޫގެ 12 ގެއަކާއި ފޭދޫގެ 43 ގެއަކާއި ހުޅުދޫގެ 10 ގެއެއް އަދި މީދޫގެ 27 ގެއެކެވެ، ދިރި ނޫޅެވޭވަރު ވެގެން ނުވަ ގޭބީސީއަކުން މީހުން ބަދަލުވާން ޖެހުނެވެ.