އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްޔެ ފެން ބޮޑުވެ، އެ ރަށްރަށުގެ ބައެއް ގޭގައި ދިރި ނޫޅެވޭވަރު ވުމުން އެ ގޭގެއިން ނެރުނު މީހުނަށް އަދިވެސް އެ މީހުންގެ ގޭގެއަށް ނުވަދެވެ އެވެ.
މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫ އަދި މަރަދޫފޭދޫ އާއި ފޭދޫ އަދި ހުޅުދޫގެ އިތުުރުން މީދޫގައި ވެސް އިއްޔެ ވަނީ ފެންބޮޑުވެފަ އެވެ. އައްޑޫގެ ގިނަ ގެތަކަށް ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމަށްފަހު އާއްމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފަ އެވެ. ފެން ހިނދުމުގެ މަސައްކަތް އަދިވެސް ކުރިޔަށް އެބަދެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނީ ވާރޭގައި އައްޑޫގެ 142 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫގެ 50 ގެއަކާއި މަރަދޫގެ ހަތަރު ގެއަކާއި މަރަދޫފޭދޫގެ 12 ގެއަކާއި ފޭދޫގެ 43 ގެއަކާއި ހުޅުދޫގެ 10 ގެއެއް އަދި މީދޫގެ 27 ގެއެކެވެ.
މި ގޭގޭގެ ތެރެއިން ތެރެއިން ނުވަ ގެއަކުން މީހުން ހުސް ކޮށްފައިވާއިރު އެންމެ ބޮޑަށް ގެއްލުން ލިބުނީ ހިތަދޫ އަށެވެ. ހިތަދޫގެ ފަސް ގެއަކުން މީހުން ހުސް ކުރި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި، ގެއްލުން ލިބުނު ގެތަކަށް އަދިވެސް ނުވަދެވޭ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
"މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން ލިބުނު ގެއްލުންތައް ވެސް ބަލަމުން. ބައެއް ގެތަކަށް ވަރަށް ބޮޑަށް އަސަރު ކުރި. ނިދާނެ ގޮތެއް ނެތި ވަގުތީ ގޮތުން އެހެން ގެތަކަށް ފަސް ގެއަކުން މީހުން ބަދަލު ކުރި" ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
އައްޑޫގެ އިތުރުން އިއްޔެ މާލެއަށް ވެސް ވަނީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފަ އެވެ. އަދި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތްވެސް ރޭ ކޮށްފަ އެވެ.