އައްޑޫ ސިޓީ

އަބްދުﷲ އަހުމަދު ފައުންޑޭޝަނުން އައްޑުއަށް 100،000 ރުފިޔާ

May 16, 2020
2

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ރަށްރަށަށް ބޮޑެތި ގެއްލުންތައް ވުމާއި ގުޅިގެން އެ ސިޓީގެ ރައްޔިތުންނަށް އެހީތެރިވެ ދިނުމަށް އަލްމަރްހޫމް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން ފައިސާގެ އެހީއެއް ވެދީފި އެވެ.

މިދިއަ ބުރާސްފަތި ދުވަހު އައްޑު އަތޮޅަށް ކުރި ވިއްސާރާގައި އެ އަތޮޅުގެ ރަށްރަށުގެ ވަރަށް ގިނަ ގޭގެއަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އަދި އޭގެ ފަހުން އިއްޔެ ވެސް އައްޑޫގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި 151 ގެއަކަށް ގެއްލުން ވެފައި ވެއެވެ.

އެ ގެއްލުންތަކާއި ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިވުމަށް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން ވަނީ 100،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ. އެ ފައުންޑޭޝަނުން ރޭ ވަނީ އެ ފައިސާ ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އެކައުންޓަށް ޖަމާ ކޮށްދީފަ އެވެ.

އައްޑޫ ސިޓއާ ކައިރި ފުވައްމަލަކު ސިޓީއަށް ނިސްބަތްވާ އެ ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވީ މި އެހީތެރި ކަމަކީ އައްޑު އަތޮޅުގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބުނު މި ވަގުތު ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށް ދިނުމުގެ ގޮތުން ވެދިން އެހީއެއް ކަމަށެވެ.

ވިއްސާރާގައި އައްޑޫއަށް ބޮޑެތި ގެއްލުންތަކެއްވެފައި ވަނީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް އިގްތިސޯދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އާންމުންނަށް ވަރަށް ދަތި ދުވަސްތަކެއް ދިމާވެފައިވާ ވަގުތެއްގަ އެވެ.

އައްޑޫ ސިޓީގެ ފޭދޫގެ 98 ގެއަކަށާއި މަރަދޫން 11 ގޭގެ އިތުރުން މަރަދޫފޭދޫން 19 ގެ އަދި ހިތަދޫން 28 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އެ ގޭގޭގެ ފަރުނީޗަރުތައް ހަލާކުވެ، ހިފާ ގެންގުޅޭތަކެއްޗަށް ވެސް ވަނީ ބޮޑެތި ގެއްލުން ލިބިފަ އެވެ.

ރަށްތަކުގައި ބޮޑުވި ފެންގަނޑު ހިންދުމުގައި ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.