ހަބަރު

އައްޑޫ ސިޓީގައި ފެންބޮޑުވެ ގޭގެއަށް ގެއްލުން

މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑު އަތޮޅަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގެ ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ވެސް ފެން ވަދެ ގެއްލުން ވެއްޖެ އެވެ.

އައްޑޫ ސިިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުކުރީ އަވަސް އަށް ވިދާޅުވީ އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ގުޅިފައި ހުރި ރަށްތަކަށް ކަމަށާއި އެގޮތުން މަރަދޫ ފޭދޫ އާއި ހިތަދޫގެ ގެތަކަށް ވެސް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އައްޑޫ އަށް މިއަދު ވެސް ވާރޭވެހެމުން ދާއިިރު، ފޭދޫގެ ގޭގެއަށް ފެން ވަދެ ބައެއް ފަރުނީޗަރާއި ހިފައިގެންގެންގުޅޭ ސާމާނުތަކަށް ވަނީ ގެއްލުން ވެފަ އެވެ. ގޭގެއަށް ފެން ވަންނާތީ ބައެއް ގޭގެ މީހުން ވެލި ބަސްތާ ޖަހާ އަމިއްލަ އަށް ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ފަށާފަ އެވެ.

ރޭ ދަންވަރުން ފެށިގެން އައްޑު އަށް ބޯކޮށް ވާރޭވެހެމުން އަންނަ އިރު، މޫސުމާ ބެހޭ އިދާރާ އިން ވަނީ ރޭ 1:00 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ.