މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެން ބޮޑުވެ، އެ ރަށްރަށުގެ ބައެއް ގޭގައި ދިރި ނޫޅެވޭވަރު ވުމުން އެފަދަ ގޭގެއިން މީހުން ހުސްކޮށްފި އެވެ.
ސިޓީ ހިތަދޫ އާއި މަރަދޫ އަދި މަރަދޫ ފޭދޫ އާއި ފޭދޫ އާއި ހުޅުދޫގެ އިތުުރުން މީދޫގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. ސިޓީ ކައުންސިލުން ބުނީ ވިއްސާރައިގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫ އާރާފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ މަސައްކަތްތައް ހުއްޓި އާންމު ހާލާތު ބަދަލުވެފައިވާ ކަމަށެވެ.
އަދި ބައެއް ގޭގޭގައި ދިިރި ނޫޅެވޭ ވަރަށް ފެން ބޮޑުވެފައިވާތީ އެ ގޭގެގެ މީހުން ވަނީ އެހެން ގޭގެއަށް ބަދަލުވެފަ އެވެ. އެހެންވެ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ވަނީ ފަށާފަ އެވެ.
ފުލުހުން ބުނީ ވިއްސާރާގައި އެ ސިޓީގެ ރަށްރަށުގައި ފެން ބޮޑުވެފައިވާއިރު 140 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިތަދޫގެ 44 ގެއަކާއި މަރަދޫގެ ހަތަރު ގެއަކާއި މަރަދޫފޭދޫގެ 12 ގެއަކާއި ފޭދޫގެ 43 ގެއަކާއި ހުޅުދޫގެ 10 ގެއެއް އަދި މީދޫގެ 27 ގެއެއް ހިމެނެ އެވެ.
"މިހާތަނަށް އެހީތެރި ކަމަށް އެދިފައިވާ 28 ގެއަކަށް އެހީތެރިކަން ފޯރުކޮށް ނުދެވި ވާކަން ފާހަގަ ކުރަން. އެ ގޭގެއަށް ވެސް އެހީތެރިކަން ފޯރުކޮށް ދޭން ފުލުހުން ދަނީ މަސައްކަތް ކުރަމުން." ފުލުހުން ގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސިފައިން ވެސް ބުނީ އައްޑޫ ސިޓީގެ ރަށްތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އައްޑޫގެ އިތުރުން މިއަދު ހަވީރާއި އިރު އޮއްސުނު ވަގުތު މާލެއަށް ވެސް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެ، އާންމު ދިރިއުޅުމަށް ބުރުއާރާފައިވެ އެވެ. އެހެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން މިރޭ ވަނީ ކޮށްފައެވެ.
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައި ވެއެވެ. އެ އޮފީހުން ލަފާގައި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ.
އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ހުޅަނގު މޫސުމުގެ ހިތަ ނަކަތުގެ އާންމު ވިއްސާރަ ކުރަމުން ދާއިރު މޫސުމާބެހޭ އިދާރާ އާއި ކޯސްޓްގާޑުން ވަނީ މޫސުމަށް ބަލައިގެން ދަތުރަށް އަރަށް އިލްތިމާސްކޮށްފައެވެ. މި ވިއްސާރަ ކުރަމުން ދަނިކޮށް އިއްޔެ ކެޔޮޅު ކަމު ނުކުމެ އުޅުނު ލޯންޗަކަށް ވަނީ ހޮނުވެސް އަޅާފަ އެވެ.