ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ދެކުނުގެ ދެ ސިޓީ، އައްޑޫ އަދި ފުވައްމުލަކަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ސިޓީގެ ރަށްތަކުގެ ތެރެއިން 104 ގެއަކަށް މިހާތަނަށް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އިއްޔެ ހަވީރުއްސުރެ އައްޑޫއަށް ކުރި ވިއްސާރައިގައި އެންމެ ގިނަ ގެއްލުން ލިބިފައި ވަނީ މަރަދޫ ފޭދޫގެ ގެތަކަށެވެ. އެ ރަށުގެ 50 ގެއަކަށް ގެއްލުންވެފައިވާއިރު ތިން ގެއެއްގެ ފާރު ވެއްޓުނެވެ. އަދި 41 ގެއެއްގައި ފެންބޮޑުވެފައިވާއިރު ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި ދެ ގެއެއްގެ ފެން ތާންގީ ވަނީ ފަޅައިގެން ދިޔަ އެވެ. މީގެ އިތުރުން ހިތަދޫން 14 ގެއެއް، މަރުދޫން 20 ގެއަކާއި މީދޫން އަށް ގެއަކަށް ގެއްލުން ލިބުނެވެ.
ފޭދޫން 12 ގެއަކަށް ގެއްލުން ވެފައިވާއިރު ތިން ގެއެއްގައި މިވަގުތު ދިރި ނުޅެވޭ ވަރަށް ގެއްލުންވެފައި ވެއެވެ. އެ ތިން ގޭގެ މީހުންނަށް މިއަދު ހެނދުނުގެ ނާސްތާ ފޯރުކޮށްދީފައި ވަނީ ކައުންސިލުންނެވެ.
ސިޓީ ކައުންސިލުން ބުނީ އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށައި ގެއްލުން ރިޕޯޓް ކުރަން ހޮޓްލައިނެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ދެކުނުގެ ފުވައްމުލަކު ސިޓީގެ ގިނަ ގޭގެއަށް ވެސް ފެން ވަދެ، ބައެއް ގޭގޭގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުން ލިބިފައި ވެ އެވެ. ފުވައް މުލަކުގެ 90 ގެއަކުން ފެން ހިންދަން ޖެހުނެވެ. ފެން ބޮޑުވުމުގެ ސަބަބުން ދުވަސްވީ މީހަކު ވެސް ގެއެއްގައި ތާށިވެފައި ވަނިކޮށް ފުލުހުން ވަނީ އެމީހާ ވަނީ ސަލާމަތް ކޮށްފަ އެވެ.
އެ ސިޓީގައި ވެސް ލިބުނު ގެއްލުންތައް ރެކޯޑް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މުސޫމާބެހޭ ގައުމީ އިދާރާގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑު އަތޮޅު ގަމަށެވެ. އެއީ 166.3 މިލިލީޓަރުގެ ވާރެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ ގއ. ގެމަނަފުއްޓަށެވެ. އެއީ 106.4 މިލިލީޓަރުގެ ވާރެ އެވެ. އައްޑު އަތޮޅު ހިތަދޫއަށް 91.8 މިލިލީޓަރަށް ވާރޭ ވެހުނެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.