މޫސުން

އެންމެ ބޮޑު ގެއްލުމެއްވީ އައްޑޫއާއި ފުވައްމުލަކަށް: އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑޫއާއި ފުވަމުލަކަށް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރިޕޯޓްކޮށްފައިވާ ގެއްލުންތަކަށް ބަލާއިރު އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑޫ އާއި ފުވައްމުލަކަށް ކަމަށެވެ.

އައްޑޫ އިން 176 ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާއިރު ފުވައްމުލަކުން 270 ގެއަކަށް ގެއްލުން ވެގެން ރިޕޯޓުކޮށްފައިވެ އެވެ.

މިހާރު ކުރަމުން މިދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ވަނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފަ އެވެ. އަދި ބައެއް ރަށްތަކަށް ވަނީ އުދަ ވެސް އަރާފަ އެވެ. އުދައަރައިގެން މައިގަނޑު ގޮތެއްގައި ގެއްލުންތައް ލިބިފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގައިވާ އަތޮޅު ތަކަށެވެ.

އުމަރު ވިދާޅުވީ މިހާރު ރާއްޖެ އަށް ކުރާ ވިއްސާރައިގައި ރޭ 10:00 ހަމައަށް ރާއްޖޭގެ 35 ރަށަކުން އެކި ވަރުގެ ގެއްލުން ލިބިގެން އެންޑީއެމްއޭ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން ރަށަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހަދާ ވީހާ ވެސް އަވަހަށް އެންޑީއެމްއޭ އަށް ފޮނުވުމަށް ހުރިހާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް މިހާރު ވަނީ އަންގާފަ. އެގޮތުން ލިބިފައިވާ ގެއްލުންތައް ބަލައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށް ދޭނެ،" އުމަރު ވިދާޅުވި އެވެ.

މިވިއްސާރައިގައި އުތުރުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހއ. ހޯރަފުއްޓާއި، ހއ. ދިއްދޫއާއި، ހދ. ކުޅުދުއްފުށީގެ އިތުރުން ޅ. ނައިފަރަށެވެ. ހޯރަފުއްޓަށް އުދައަރައި އަދި ފެންބޮޑުވުމުގެ ސަބަބުން އެރަށު އެއާޕޯޓަށް ދާން އޮންނަ ހައިވޭ އާއި ރަންވޭއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި އެއާޕޯޓްގެ އޮޕަރޭޝަން މިވަގުތަށް ވަނީ ހުއްޓާލާފަ އެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އަކީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާތީ ކުރަމުންދާ ވިއްސާރައެއް ކަމަށާއި ނަމަވެސް ތޫފާނުގެ ބޮޑު ނުރައްކަލެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ ޢިދާރާއިން ބުނެފައިވެ އެވެ. އެކަމަކު ރަށްރަށަށް އުދައަރައި، ފެން ބޮޑުވުމާއި ގުޅިގެންނާއި އަދި ވައިގަދަވެ ލިބުނު ގެއްލުންތަކާއި ގުޅިގެން ބައެއް ރަށްތަކުގެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފަ އެވެ.