އޭސީސީ

ބިޑަށް ނުލާ މަޝްރޫއުތައް ދޭތީ އޭސީސީގެ ކަންބޮޑުވުން

Oct 24, 2019
4

ބިޑަށް ނުލައި ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލު ކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިއަދު ބުނީ ބިޑް ކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލު ކުރުމަކީ، އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށެވެ.

"އަދި، މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ރޫހާ ހިލާފަށްކުރާ، ކޮރަޕްޝަންގެ ހިރާސް [ގެއްްލުން] އޮތް ކަމަކަށްވާތީ، މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އޭސީސީން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

އަދި ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށްފެންނަ، ހާމަކަންބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.

އޭސީސީން މި ގޮތަށް ކަންބޮޑުވުން ފާޅުކޮށްފައިމިވަނީ، ބިޑަށް ނުލައި ދާދި ފަހުން ބޮޑު ދެ މަޝްރޫއެއް ހަވާލު ކޮށްފައި ވަނި ކޮށެވެ.

ބިޑް ނުކޮށް މަޝްރޫއުތައް ހަވާލު ކުރުމަކީ މިދިޔަ ސަރުކާރުން ވެސް ކުރި ކަމެވެ. މި ސަރުކާރުން ވެސް ވަނީ އާ އުސޫލެއްގެ ދަށުން މަޝްރޫއުތައް ހަވާލު ކުރަން ފަށާފަ އެވެ. މި މަޝްރޫއުތައް ދެނީ އިކޮނޮމިކް ކައުންސިލުން ބެލުމަށްފަހު އެވެ.

މިހާތަނަށް މި ސަރުކާރުން މިގޮތަށް ހަވާލު ކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ ގުޅިފަޅު ބިން ހިއްކަން 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ކުންފުންޏަށް ދިނުމެވެ. އަދި އިއްޔެ ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް ކުންފުންޏަށް 37.5 މިލިއަން ޑޮލަރަށް ހަވާލުކުރި މަޝްރޫ އެވެ.

ބިޑްނުކޮށް، ހިންގަން ސަރުކާރަށް 130 އަށް ވުރެ ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި، މީގެތެރެއިން 20 މަޝްރޫއެއް ފަށަން މަޝްވަރާ ކުރަމުންދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.