ބިޑަށް ނުލައި ދޭ މަޝްރޫއުތައް

ބޮސްކާލިސްއަށް ދިން މަޝްރޫގައި ހިޔާނާތެއް ނޯންނާނެ

Oct 24, 2019
6

ބިޑު ކުރުމަކާ ނުލައި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ ހަވާލު ކުރި ނަމަވެސް އެ މުއާމަލާތުގައި އެއްވެސް ވަރަކަށް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމުތަކުގައި ވެސް ބިޑު ކުރުމަކާ ނުލައި އަންސޮލިސިޓެޑް ޕްރޮޖެކްޓުތައް ސަރުކާރުތަކުން އެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ އިތުރުން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ހިންގަން ބޭނުންވާ މަޝްރޫއުތައް ނަމަ އެ ފުރުސަތު އޮންނަ ކަމަށެވެ.

ބިޑަކާ ނުލައި ހަވާލު ކުރާނަމަ ހިޔާނާތަށް މަގުފަހިވާ ކަމަށާއި އެހެންކަމުން ސަރުކާރާ ހަވާލުވުމަށް ފަހު ފުރަތަމަ ކަމަކަށް ބިޑު ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތުގެ އުސޫލެއް ގެޒެޓުކޮށްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އެގޮތަށް މިހާތަނަށް ހަވާލުކޮށްފައި ވާނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކަމަށާއި އެ މަސައްކަތް ކުރީ ރަނގަޅަށް އިވެލިއޭޓުކޮށްގެން ކަމަށެވެ. އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ރައްޔިތުންގެ މަޖިލީހުން ބަލަން މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެ މަޝްރޫއު ހަވާލު ކުރުމުގައި ހިޔާނާތަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ ޔަގީންކަން ދެން މި ޕްރޮސެސް ހިނގާފައިވާ ގޮތުގެ އިންޓަގްރިޓީ ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ކަމެއްކޮށް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން އެބަދެން،" އަމީރު ވިދާޅުވި އެވެ.

ގުޅީފަޅުގައި ޕޯޓު އެޅުމަކީ ޑަޗްގެ އައިއެންޖީ ބެންކުގެ ފައިނޭންސިން ވެސް ލިބިގެން ހިންގަން ބޭނުންވާ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ބެންކުން ހުށަހަޅަނީ އެ ގައުމުގެ ކުންފުންޏަކަށް އެ މަޝްރޫއު ހަވާލު ކުރުން ކަމަށާއި ބޮސްކާލިސްއަށް އެ މަޝްރޫއު ދިނީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ބޮސްކާލިސްއަށް މަޝްރޫއު ހަވާލު ކުރުމަށް އިކޮނޮމިކް ކައުންސިލް އިން ދިރާސާ ކުރި އިރު އެމްޓީސީސީއަށް ވުރެ ވެސް އަގު ހެޔޮކޮށް އަދި އަވަހަށް އެ މަޝްރޫއު ނިންމަން ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޕޯޓް ސިޓީގެ މަޝްރޫއު އަވަހަށް ނިންމަން ސަރުކާރުން އަމާޒު ހިފާފައިވާ އިރު އެ ކުންފުންޏާ ހަަވާލުކޮށްގެން ދައުލަތުގެ މާލިއްޔާތަށް ގެއްލުމެއް ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިގްތިސާދު ކުރިއަރުވަން މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އެންމެ ޕްރައިއޯރިޓީ އޮތް މަޝްރޫއަކީ ކޮމާޝަލް ޕޯޓު ބަދަލު ކުރުން. ބަދަލުކޮށްގެން އިތުރު އިގްތިސާދީ ހަރަކާތްތައް ގެނައުން. އެހެންވެ އަސްލު ހަގީގަތުގައި އަޅުގަނޑުމެންނަށް މަޑު ކުރެވޭކަށް ނެތް ދެ އަހަރުން މަސައްކަތް ނިންމާފައި އަނެއްކާ އޭގެ ދެ އަހަރު ފަހުން އެ މަސައްކަތް ފަށަން،" އަމީރު ވިދާޅުވި އެވެ.

ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްފައި ވަނީ ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށެވެ. އަދި 53 މިލިއަން ޑޮލަރަށް އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 180 ދުވަސް ތެރޭގައި ހިއްކުމަށެވެ. އެހެން ނަމަވެސް ބިޑު ނުކޮށް އެ މަޝްރޫއު ހަވާލު ކުރި މައްސަލަ އޭސީސީ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.