އޭސީސީ

މާލޭ ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް މުޖްތަބާއަށް ދައުވާކުރަން ފޮނުވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކުރީގެ ސީއީއޯ މުޖްތަބާ ޖަލީލުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ ސެކެރެޓަރީ ޖެނެރަލް މުޖްތަބާގެ މައްޗަށް ދައުވާ ކުރަނީ އެންސްޕާގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އުސޫލުތަކާ ހިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގަ އެވެ.

އެންސްޕާގެ ބޭނުމަށް 2015 ވަނަ އަހަރު ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީއީއޯ މުޖްތަބާ ސޮއިކޮށް އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި އެވެ.

އެ ސިޓީއާއެކު އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖްތަބާއާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށައަޅާފައިވާ ކޯޓޭޝަންތަކެއްކަން މި މައްސަލައިގެ ތަހުގީގަށް ހާމަވެފައިވާ ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.

މި މައްސަލައިގަ މުޖްތަބާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނު ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.