ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެންޕެއިން ހަރަކާތްތައް 90 ދުވަހުގެ މުއްދަތަށް މެދުކަނޑާލައިފި އެވެ.
އުމަރު ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ. އުމަރު ވިދާޅުވީ އޭނާ މިނިސްޓަރު އޮފް ހޯމްއެފެއާރޒްގެ މަގާމުގައި ހުރެ 2015 ވަނަ އަހަރު ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ފޮނުވަން ނިންމަވާފައިވާކަން މިއަދު ވަނީ އޭސީސީން ވަނީ އަންގާފައެވެ.
އުމަރުގެ މައްޗަށް ދައުވާކޮށްދޭން އެދުނީ 2015 ވަނަ އަހަރު ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުމަރު ނަސީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.
ނަމަވެސް އެ މައްސަލާގައި ގޯހެއް ހައްދަވާފައިނުވާނެ ކަމަށް ވިދާޅުވިއެވެ. މި މައްސަލައާ ގުޅޭ އިލެކްޓްރޯނިކް-ޓެގް ގެ ޕްރޮޖެކްޓް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އާއި އެއްގޮތްވާގޮތުގެ މަތިން އާންމުކޮށް އިއުލާން ކޮށްގެން ހުޅުވާލެވިފައިވާ ބިޑެއްގައި އެންމެ ކުޑަ އަގުހުށަހެޅި ފަރާތަށް ކަަމަށް އުމަރު ވިދާޅުވިއެވެ.
"މި މައްސަލައިގައި ދައުލަތުން ވަކި ފައިސަލާއެއް ކުރެއްވުމަށް 90 ދުވަހުގެ މުއްދަތަށް އަޅުގަޑުގެ ރިޔާސީ ކެމްޕޭން ވަގުތީގޮތުން މެދުކަޑާލައިފިން. ދިވެހި ދައުލަތުގެ މަތީ މަގާމު ތަކަށް އަންނަ މީހުންނަކީ ފަސްބައިގައި އެއްވެސް ކިލަބު ކަމެއްނެތް މީހުންނަށް ވާންޖެހޭނެ ކަމަށް އަޅުގަޑު އަބަދުވެސް ދެކެން،" ރިޔާސީ ކެންްޕެއިން މެދުކަނޑާލި ސަބަބާއި ގުޅޭގޮތުން އުމަރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުމަރު ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ. އުމަރު ވިދާޅުވި ގޮތުގައި އޭނާ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާނެ އެވެ. އަދި 2023 ގައި އެއްވެސް ބޭފުޅެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ އެވެ.
ސިޔާސީ މަސައްކަތަށް އުމަރު ވަނީ "ދިވެހި ނޭޝަނަލް އެކްޝަން" ގެ ނަމުގައި ހަރަކާތެއް ވުޖޫދުކޮށްފައެވެ.