ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު ދައުވާކޮށްދިނުމަށް ނިންމާފައިވާ އަށް މީހުންގެ ތެރޭގައި އެކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެ އެވެ.
ކޮރަޕްޝަން މައްސަލައިގައި ދައުވާކުރަނީ
- ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް
- ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު
- ކައުންސިލްގެ އޭރުގެ މެންބަރު އަހުމަދު ސަމޫހު
- ކައުންސިލްގެ މެންބަރު މުޙައްމަދު ޝާމް
- ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް
- ކައުންސިލްގެ މެންބަރު އާމިނަތު ސަލާޙު
- ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހް
- ދުވާފަރު ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު ޢަލީފުޅު
މި އެންމެންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުންނެވެ. އެ ގޮތުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް ވަނީ އެދިފަ އެވެ.
އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު ހާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ދެ މަސްދުވަސްތެރޭގައި މައްސަލައިގެ ތަހުގީގު ނިންމާ ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފަ އެވެ.
އޭސީސީ އިން ބުނި ގޮތުގައި ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕީޖީ އޮފީހުން އިސްލާހުކުރުމަށް އެންގިކަންކަން އިސްލާހު ކުރުމަށްފަހު އެވެ.