ރ. ދުވާފަރު ކައުންސިލް ހިންގަން ހަވާލުކޮށްފައި ހުންނެވި ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ނާސިހް ސަސްޕެންޑްކޮށްފި އެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަމުން އަންނަ ދުވާފަރުގެ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެން ދުވާފަރުގެ ހުރިހާ ކައުންސިލަރުން ވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ.
ނަމަވެސް އެސްޖީ ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ދުވާފަރު ކައުންސިލްގެ ދެ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފެންމަތި ކުރީ ދުވާފަރު ކައުންސިލުން ހަރަދުކުރުމުގައި އަމަލުކުރި ގޮތް ބެލުމަށް އެލްޖީއޭ އިން ކުރި މަސައްކަތްތަކަކަށްފަހު އެކުލަވާލި ހާއްސަ މޮނީޓަރިން ރިޕޯޓުގަ އެވެ. މިމައްސަލައިގެ ތަހުގީގަށްފަހު ޑިއުޓީ ޕްރޮސެކިއުޝަންގައި މަޝްވަރާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ މައްސަލަ ވެސް ފޮނުވާފަ އެވެ.
މި ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ހިންގާފައިވެ އެވެ. އަދި އެ ފައިސާ ބައެއް ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެ އެވެ. މީގެތެރޭގައި ޒަކާތު ފައިސާގެ ގޮތުގައި ބަހަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ވެސް ހިމެނެ އެވެ. އެކަމަކު ޒަކާތު ފައިސާ ލިބެންޖެހޭ ދުވާފަރުގެ ރައްޔިތުންނަށް އެ ފައިސާ ބަރާބަރަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލަރުންނާއި މާލީ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ މުވައްޒަފުން ވަނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފަ އެވެ. އަދި މާލީ ހަރަދުތަކުގެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭ ގޮތަށް އެކަންވެސް ކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.