އެލްޖީއޭ

ދުވާފަރު ކައުންސިލްގެ އިންކުއަރީ ހަދަން އިދާރާތަކަށް

Jul 26, 2022

ރ. ދުވާފަރު ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނަށް ކުރެވޭ ހިޔާނާތުގެ ތުހުމަތާ ގުޅިގެން އިންކުއަރީއެއް ހަދަން ފަށައިފި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުވާފަރު ކައުންސިލް އިދާރާގެ އިދާރީ ހިންގުމާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވައްކަމާއި ކޮރަޕްޝަން ހިންގާ ކަމަށް ގިނަ ފަރާތްތަކަކުން އެ އޮތޯރިޓީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ޝަކުވާތަކާ ގުޅިގެން އެލްޖީއޭގެ ކަމާ ގުޅުންހުރި މުވައްޒަފުންގެ ޓީމެއް ދުވާފަރަށް ގޮސް ކަމާ ގުޅޭ ހާއްސަ މޮނިޓަރިން ރިޕޯޓެއް އެކުލަވާލިއިރު ފާހަގަކުރެވުނު މައްސަލަތައް ތަހުގީގުކޮށް އިހްމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ތަހުގީގީ އިދާރާތަކުގައި އެދިފައިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ދުވާފަރު ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނަށް ކުރެވޭ ހިޔާނާތުގެ ތުހުމަތާ ގުޅިގެން އޭސީސީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ޔަގީންކޮށްދެ އެވެ. ނަމަވެސް މައްސަލަ ހުށަހެޅީ ކޮންފަރާތަކުން ކަމެއް ނުބުނެ އެވެ.

ދުވާރު ކައުންސިލްގެ ދެ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފެންމަތި ކުރީ ދުވާފަރު ކައުންސިލުން ހަރަދު ކުރުމުގައި އަމަލުކުރި ގޮތް ބެލުމަށް އެލްޖީއޭ އިން ކުރި މަސައްކަތްތަކަކަށްފަހު އެކުލަވާލި ހާއްސަ މޮނީޓަރިން ރިޕޯޓްގަ އެވެ. މި ރިޕޯޓްގައިވާ ގޮތުން ހިޔާނާތުގެ ފައިސާ ބައެއް ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެ އެވެ. މީގެތެރޭގައި ޒަކާތު ފައިސާގެ ގޮތުގައި ބަހަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ވެސް ހިމެނެ އެވެ. އެކަމަކު ޒަކާތު ފައިސާ އޭގެ ހައްގުވެރިންނަށް ދުވާފަރު ކައުންސިލުން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ޔަގީންކޮށްދެ އެވެ.

އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލަރުންނާއި މާލީ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ މުވައްޒަފުން ވަނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފަ އެވެ. އަދި މާލީ ހަރަދުތަކުގެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭ ގޮތަށް އެކަންވެސް ކޮށްފައި ނުވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ހިިޔާނާތުގެ މައްސަލަ ފެންމަތިވުމުން ދުވާފަރު ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލްޖީއޭގެ ރިޕޯޓް ނެރުނީ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިފައި ވަނިކޮށް ޖަވާބުދާރީ ވުމަށް އެ ފުރުސަތު ނުދީ ކަމަށެވެ. އެހެންކަމުން އެލްޖީއޭގެ ރިޕޯޓަކީ ހަގީގަތް އޮޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.