ރ. ދުވާފަރުގެ ބައެއް ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް އޭސީސީއަށް ހުށަހަަޅައިފި އެވެ.
ދުވާފަރުގެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ބުނި ނަމަވެސް މައްސަލަ ތަހުގީގު ކުރުމާ މެދު ކޮމިޝަނުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ދުވާރު ކައުންސިލްގެ ދެ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފެންމަތި ކުރީ ދުވާފަރު ކައުންސިލުން ހަރަދު ކުރުމުގައި އަމަލުކުރި ގޮތް ބެލުމަށް އެލްޖީއޭ އިން ކުރި މަސައްކަތްތަކަކަށްފަހު އެކުލަވާލި ހާއްސަ މޮނީޓަރިން ރިޕޯޓެއްގަ އެވެ.
މި ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ހިންގާފައިވެ އެވެ. އަދި އެ ފައިސާ ބައެއް ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެ އެވެ. މީގެތެރޭގައި ޒަކާތު ފައިސާގެ ގޮތުގައި ބަހަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ވެސް ހިމެނެ އެވެ.
އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލަރުންނާއި މާލީ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ މުވައްޒަފުން ވަނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފަ އެވެ. އަދި މާލީ ހަރަދުތަކުގެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭ ގޮތަށް އެކަންވެސް ކޮށްފައި ނުވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ހިިޔާނާތުގެ މައްސަލަ ފެންމަތިވުމުން ދުވާފަރު ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލްޖީއޭގެ ރިޕޯޓް ނެރުނީ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިފައި ވަނިކޮށް ޖަވާބުދާރީ ވުމަށް އެ ފުރުސަތު ނުދީ ކަމަށެވެ. އެހެންކަމުން އެލްޖީއޭގެ ރިޕޯޓަކީ ހަގީގަތް އޮޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.