ހަބަރު

ބިޑަށް ނުލައި މަޝްރޫއު ދިނުން ބާތިލުކުރަން އަންގައިފި

Sep 23, 2020
2

ބިޑަށް ނުލައި ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދުގައި އޮންނަ މާއްދާ ބާތިލުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

މާލިޔަތު ގަވައިދަށް 2017 ވަނަ އަހަރު ގެނައި އިސްލާހުގައި އޮންނަ ގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކާ މަސައްކަތް ހަވާލުކުރުމުގެ ފުރުސަތު ސަރުކާރަށް އޮވެ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އޭސީސީން އެ މާއްދާއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެގޮތުން، ބިޑް ކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލު ކުރުމަކީ، އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން އޭސީސީގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ، އެ މާއްދާ އުވާލުމަށް އެދި ފިނޭންސް މިނިސްޓްރީއަށް އިއްޔެގެ ވަގުތެއްގައި ހިއްސާކޮށްފައިވާ ކަމަށެވެ.

ބިޑް ނުކޮށް މަޝްރޫއުތައް މިދިއަ ސަރުކާރުންވެސް ހަވާލުކޮށްފައިވަނިކޮށް، މި ސަރުކާރުން ވެސް ވަނީ ގުޅިފަޅު ބިންހިއްކުން ފަދަ ބޮޑެތި ބައެއް މަޝްރޫއުތައް އެ އުސޫލުގެ ދަށުން ހަވާލުކޮށްފަ އެވެ.

ބިޑްނުކޮށް، ހިންގަން ސަރުކާރަށް 130 އަށް ވުރެ ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި، މީގެތެރެއިން 20 މަޝްރޫއެއް ފަށަން މަޝްވަރާ ކުރަމުންދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިދިއަ އަހަރު ފަހުކޮޅު ވިދާޅުވެފަ އެވެ.