އިބްރާހިމް އަމީރު

ގެއްލުވާލި ދެ ބިލިއަނެއްހާ ރުފިޔާ ހޯދަންޖެހޭ: އަމީރު

Aug 28, 2022
2

ދިވެހި ދައުލަތުން ގެއްލުވާލާފައިވާ ފައިސާގެ ތެރެއިން 2009 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ލިބެންޖެހޭ 1.9 ބިލިޔަން ރުފިޔާ މިއަދާ ހަމައަށްވެސް ލިބިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ އެސެޓް ރިކަވާ ކުރުމުގެ ނިޒާމު ގާއިމުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން މިއަދު ފެށި މަސައްކަތު ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އަމީރު ވިދާޅުވީ ދައުލަތުން އެކި ގޮތްގޮތުން ގެއްލުވާލާ ފައިސާ ދައުލަތަށް އަނބުރާ ހޯދޭނެ ގޮތެއް އެކަމާ ގުޅޭ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ. ދައުލަތުން ފައިސާ ގެއްލުވާލުމަށްޓަކައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެކަން ކުރަން ބޭނުންކުރާ ދޮރުތައް ބަންދުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މިދަންނަވާ ދޮރުތައް ބަންދު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް. މިސިޔާސަތުގެ ދަށުން މިދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކާ ގުޅިގެން ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރެވި ޕަބްލިކް ފައިނޭންސްގެ ކަންކަން ވަރުގަދަ ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގައިގެން ދައުލަތުން ފައިސާ ގެއްލުވާލުން ހުއްޓުވާލުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް މިނިސްޓަރު ހިއްސާކުރައްވާފައިވެ އެވެ. އެގޮތުން ވިދާޅުވީ މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދަށް ބަދަލުތަކެއް ގެނެސް ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އޮތް ފުރުސަތުތައް މިހާރުވެސް ހަނިކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމުގައިވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އެކަން ޔަގީންކޮށްދެއްވުމުގެ ގޮތުން ހިއްސާކުރެއްވީ ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސް -- ސީޕީއައިގައި ރާއްޖެ އޮތް ހިސާބެވެ. ސީޕީއައި އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 124 ވަނައިގަ އެވެ. 2021 ވަނަ އަހަރުގެ ރޭންކިންގައި ރާއްޖެ އޮތީ 85 ވަނައިގަ އެވެ.

ދައުލަތުން ގެއްލުވާލާފައިވާ ފައިސާގެ ތެރެއިން 2009 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ލިބެންޖެހޭ 1.9 ބިލިޔަން ރުފިޔާ އޮތް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ. ކޮރަޕްޝަންގެ ތެރެއިން ގެއްލުވާލާ ފައިސާ ގިނަ ކަމުން އެގޮތަށް ގެއްލުވާލާ ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް ގެނައުން އަވަސްކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ ތެރެއިން ގެއްލުވާލާ ގިނަ ފައިސާ އަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ހަރަދު ކުރަންޖެހޭ ފައިސާ ކަމަށެވެ. އެހެންވެ މިއަދު ފެށި މަސައްކަތު ބައްދަލުވުމަކީ ދައުލަތުން ގެއްލުވާ ފައިސާ ހޯދަން މަސައްކަތް ކުރަންވީ ގޮތް ބުނެދިނުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.