އޭސީސީ

އިންތިހާބާ ގުޅޭ 29 މައްސަލަ އޭސީސީއަށް، ހަތް މައްސަލަ ބަލަނީ

ރިޔާސީ އިންތިހާބާ ގުޅިގެން ކޮރަޕްޝަންގެ މައްސަލަތަކުގެ ގޮތުގައި މިއަދާ ހަމައަށް ޖުމްލަ 29 މައްސަލަ ލިބިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން -- އޭސީސީ އިން ބުނެފި އެވެ.

އޭސީސީ އިން ބުނީ މި މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއް ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނާތީ އެ މައްސަލަތަކުގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ދައުލަތުގެ މުދާލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ރިޝްވަތާ ގުޅުހުންހުރި މައްސަލަ ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީ އިން ބުނި ގޮތުގައި އެ ކޮމިޝަނަށް ހުށައެޅި ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާގުޅޭ މައްސަލައެއްވެސް ހިމެނެ އެވެ.

މި މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމުގައިވާތީ ކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.