ސަރުކާރު ބަދަލުވާތީ ބައެއް ކަންކަން ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސަރުކާރަށް އަންގައިފި އެވެ.
އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަދަލުވާން ކައިރިވަމުންދާ މިދަޑިވަޅުގައި ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަންތައްތަކެއް ކުރަމުންދާ ކަމުގެ ޝަކުވާތަކެއް ކޮމިޝަނަށް ލިބިމުންދާ ކަމަށެވެ. އެހެންވެ ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ އޮފީސްތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައެއް ކަންކަން ނުކުރަން އޭސީސީ އިން ވަނީ އަންގާފަ އެެވެ.
އޭސީސީ އިން ނުކުރަން އެންގި ކަންކަން
- އެއްވެސް މަޝްރޫއެއް އަލަށް ނުފެށުން
- ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދު ނުކުރުމާއި އަލަށް ކަންކަން ނިންމައިގެން ހަރަދުނުކުރުން
- ކުރިން ބަޖެޓް ކޮށްފައި ނުވާ ނުވަތަ ޕްލޭން ކޮށްފައި ނުވާ އާ އެއްބަސްވުންތަކުގައި ސޮއިނުކުރުން
- ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަންގެ އަމަލަކަށް މަގުފަހިވާނެ ގޮތަކަށް ކަމެއް މެދުވެރިވާނަމަ އެފަދަ ނިންމުންތައް ނުނިންމުން
- ލިޔެކިޔުންތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުން
- ފައިސާ އާއި ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުން ހުރި އެއްވެސް ލިޔެކިޔުމެއް ނައްތައި ނުލުން
އޭސީސީގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް އޮފިސްތަކާ ކުންފުނިތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަމާލުކަން ދެއްވުމަށްވެސް އެދިފައިވެ އެވެ.
އޭސީސީ އިން އިތުރަށް ބުނީ މައްސަލަތައް ފާހަގަކޮށް ކަންކަމަށް ފާރަވެރިވެ، ތަހުގީގުކުރަންޖެހޭ މައްސަލަތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ މައުލޫމާތެއް ހިއްސާ ކުރުމާ އެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް އޭސީސީ އިން ބުނެފައިވެ އެވެ.