އޭސީސީ

ކެމްޕޭންގައި ނަޒާހަތްތެރިކަން އިސްކުރަން ގޮވާލައިފި

ކެމްޕޭނު ކުރުމާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ގޮވާލައިފި އެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްދާއިރު ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަށާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތަކުން ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށާއ،ި ރިޝްވަތުގެ ގޮތުން ފައިސާ ނުވަތަ ހަދިޔާ ނުދިނުމަށާއި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީ އެފަދަ ކަމަކަށް އެދި ނޭދުމަށްވެސް އެސީސީ އިން އެދެ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަކުރެވޭނަމަ އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށްވެސް އެދިފައިވެ އެވެ. އަދި އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތައް ބަލައ،ި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް އޭސީސީ އިން ދީފައިވެ އެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ހިންގާ އިންތިހާބީ ރިޝްވަތުގެ މައްސަލަތައް ހުށަހެޅުމަށް ހާއްސަ ޕޯޓަލެއްވެސް އޭސީސީ އިން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މި ޕޯޓަލްއަށް ރިޝްވަތުގެ ބައެއް މައްސަލަތައް ހުށަހަޅާފައިވާ ކަމަށްވެސް އޭސީސީ އިން ފާހަގަކޮށްފައިވެ އެވެ.