ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިއުލާންކުރަނީ މެނިފެސްޓޯގައި ހުރި ވައުދުތައް: ރައީސް

ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކަކީ މެނިފެސްޓޯގައި ކުރިންވެސް ލިޔެފައި ހުރި ވައުދުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މައްޗަށްގޮޅީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވައުދުތަކާ ގުޅޭގޮތުން ރައީސް ވާހަކަދައްކަވާފައި މިވަނީ މި ކެމްޕޭންގައި ރައީސް ވެވަޑައިގަންނަވާ ބައެއް ވައުދުތަކާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް އޭސީސީ އިން މިއަދު ބުނުމާ ގުޅިގެންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވައުދުތައް ތަކުރާރު ކުރައްވަނީ މެނިފެސްޓޯގައި އެ ވައުދުތައް ލިޔެފައި ހުއްޓާވެސް ބައެއް ފަރާތްތަކުން އޮޅުވާލާތީ އެކަން އިތުރަށް ތަފްސީލްކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"ބައެއް މީހުން އޮޅުވާލައި ދޮގު ހަދާތީ އަޅުގަނޑަށް އިތުރު ތަފުސީލަށް ދާން މަޖުބޫރުވުމުން އެކަންތައްތައް އަލުން ހާމަކުރަމުންދަނީ،" ރައީސް ވިދާޅުވި އެވެ.

އޭސީސީ އިން މިއަދު ބުނި ގޮތުގައި ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްގެން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އިންތިހާބާ ދިމާކޮށް ގަރާޖު ސިޓީ އުވާލައި ޓެކްސީ ރަޖިސްޓްރީކުރަން 10,000 ރުފިޔާގެ ފީއެއް ނަގަން ހަމަޖެއްސުމާއި، އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރުމާއި، ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލުމާއި، ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުމަށް ހަމަޖެއްސުމާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމުމާއި، ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް ހިމެނެ އެވެ.

މި ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަތައް ތަހުގީގުކުރުމަށް ކުރަންޖެހޭ ކަންކަން ކޮމިޝަނުން ބަލަމުންދާ ކަމަށާއި މައްސަލަ ބަލައި ނިންމުމުގައި ތަބާވާންޖެހެނީ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމަށްވެސް ބުނެފައިވެ އެވެ.