ރިޔާސީ އިންތިހާބު 2023

އިންތިހާބާ ގުޅިގެން 97 މައްސަލަ، ބަލަނީ 52 މައްސަލަ

ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްލަ 97 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މީގެތެރެއިން 52 މައްސަލައެއް ރަޖިސްޓްރީކޮށް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އިން ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ 97 މައްސަލައިގެ ތެރޭގައި ހިމެނެނީ ކާކުކަން ނޭނގޭ ގޮތަށް ހުށަހަޅާފައިވާ 61 މައްސަލަ އާއި އަމިއްލަ ފަރުދުންގެ ފަރާތުން ހުށަހެޅި 27 މައްސަލަ އާއި އިލެކްޝަންސް ކޮމިޝަންގެ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ހުށަހެޅި ފަސް މައްސަލަ އާއި ސިޔާސީ ޕާޓީތަކުން ތިން މައްސަލައިގެ އިތުރުން ދައުލަތުގެ އިދާރާތަކުން ހުށަހެޅި އެއް މައްސަލަ އެވެ.

އޭސީސީ އިން ބުނީ ހުށަހެޅި 97 މައްސަލައިގެ ތެރޭގައި އެއް ކަމަކާ ގުޅޭ ޝަކުވާ ރިޕީޓްކޮށް ހުށަހަޅާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ރަޖިސްޓްރީ ކުރި މައްސަލަ ތަކުގެ ތެރޭގައި އިންތިހާބީ ރިޝްވަތުގެ 36 މައްސަލަ، ނުފޫޒު ފޯރުވުމުގެ 11 މައްސަލަ އަދި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމުގެ ފަސް މައްސަލަ ހިމެނެ އެވެ.