ޑރ. މުހައްމަދު މުއިއްޒު

ކޮރަޕްޓްނުވެ މި ސަރުކާރު ހިންގާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފި

މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ސަރުކާރުގެ އެއްވެސް މީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި ނަމަ، އެފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުގަނޑުމެން ފަސްޖެހުމެއްނެތި އަޅާނެކަން. އެކަމުގައި އަޅުގަނޑުމެން އެއްވެސްވަރަކަށް ހިޔާލުތަފާތުވުމެއް ނޯންނާނެކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދިނުމެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި، އެއީ ކުޑަޔަސް، ބޮޑަސް މި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަގީންކަން ދިނުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަންޖެހޭ ކަމަށާއި ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފެށުމަށް ބާރު އަޅަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެއްވެސް ފަރުދަކު ހަމަޖެހިފައިވާ އުސޫލުން ބޭރުން ކަންކަމަށް ނޭދުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވި އެވެ.