ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ދެ ބޭފުޅުން މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭސީސީއަށް ރައީސް މުއިއްޒު މިއަދު އައްޔަންކުރެއްވީ އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި ޢަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާ އެވެ.
އަހުމަދު ނާޝިދު ވަނީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފަ އެވެ.
އަބްދުﷲ ނާޝިދު ވަނީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން އަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވާފައެވެ.