ދުނިޔެ

ސައުދީގެ ބިޔަ އިންވެސްޓްމެންޓުތަކެއް އިންޑިއާއަށް

އިންޑިއާގައި މިހާރު ހިންގާ ހަކަތަ ކުންފުނީގެ ކެޕޭސިޓީތައް އިތުރު ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން އިންޑިއާގައި ހަކަތައިގެ ދާއިރާއިން ބޮޑެތި އިންވެސްޓްމެންޓުތައް ކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެ އެވެ.

ސައުދީގެ ވެރިރަށް ރިޔާދުގައި ކުރިއަށްދާ އިންވެސްޓްމެންޓް ފޯރަމް ސަމިޓުގެ ފުރަތަމަ ދުވަހުގެ ބައްދަލުވުން ނިންމާލުމަށްފަހު މޯދީ، ވިދާޅުވީ، ސައުދީން މިހާރު އޮތީ އިންޑިއާއިން އުފައްދާ ހަކަތައަ ގޭހުގެ ބާވަތްތައް ގަތުމަށް ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ، ހަކަތައިގެ ދާއިރާއިން ބިލިއަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމެންޓުތައް އިންޑިއާގައި ކުރަން ސައުދީ ސަރުކާރު ނިންމައި އެކަމުގެ މަސައްކަތަށް ކުރިއަށްދާނެ ކަމަށެވެ.

މޯދީ ވިދާޅުވީ، މި އިންވެސްޓްމެންޓުތަކުގެ ބޭނުމަކީ، އިންޑިއާގެ އިންޑަސްޓްރިއަލް ވިޔަފާރިތަކަށް އެ ގައުމުގެ އުފެއްދުންތައް ވިއްކާލެވޭނެ ފަހި މާހައުލެއް ގާއިމް ކޮށްދިނުން ކަމަށެވެ. މިގޮތުން އިންޑިއާއިން އުފައްދާ ނުސާފު ތެޔޮ ސައުދީގެ މައި ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯ ފެސިލިޓީސް ގަންނަން ހަމަޖެހިފައިވާ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަރަމްކޯއަށް އެެކު ވެވުނު އެއްބަސްވުމުގެ ދަށުން އަރަމްކޯ ފެސިލިޓީސް އިންޑިއާއިން ކޮންމެ ދުވަހުކު 1.5 މިލިއަން ފީފާގެ ނުސާފު ތެޔޮ ގަންނާނެ ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި އަރަމްކޯ ފެސިލިޓީސްއަށް ދިން ޑްރޯން ހަމަލާތަކެއްގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަން ކެޕޭސިޓީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ލިބުނު ގެއްލުންތަކުގެ ސަބަބުން ކޮންމެ ދުވަހަކު މިލިއަނަކަށްވުރެ ގިނަ ތެޔޮ ފީފާގެ ގެއްލުން ކުންފުންޏަށް ލިބި އެވެ. އެންމެ ބޮޑަށް ގެއްލުންވަނީ ނުސާފު ތެޔޮ ކުންފުންޏަށް ބޭނުންވާ ވަރަށް ނުއުފެއްދިގެން ކަމަށް އެކުންފުނިން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އިންވެސްޓްމެންޓް ސަމިޓު ނިންމާލުމަށްފަހު މޯދީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރައްވައި ވިޔަފާރީގެ ގުޅުމާއި ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރާނެ އެވެ. މި ވިޔަފާރީގެ މަޝްވަރާތަށް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އާއެކުގަ އެވެ.

ސައުދީން ފަށަން އުޅޭ އިންވެސްޓްމެންޓުތަކުގެ މައުލޫމާތު އިތުރަށް ދެމުން މޯދީ ވިދާޅުވީ، އިންޑިއާގެ ހަކަތަ ކުންފުންޏެއް ކަމަށްވާ ބާރަތް ޕެޓްރޯލިއަމް ކޯޕްގެ ތަރައްގީ ކުރުމުގެ ބޭނުމުގައި އެކަނިވެސް ސައުދީން 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުތަށް އެ ކުންފުންޏަށް ކުރާނެ ކަމަށެވެ.