އިންޑިއާގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ -- ކޮންގްރެސް ޕާޓީގެ ބޭންކް އެކައުންޓްތައް ބަންދުކޮށްފި ކަމަށް އެ ޕާޓީގެ ފަރާތުން އަޖޭ މާކަން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެކައުންޓްތައް ބަންދުކުރި ސަބަބެއް ކަމަށް ހަބަރުތައް ބުނަނީ ދައުލަތަށް ދައްކަން ޖެހޭ 25.3 މިލިއަން ޑޮލަރާ ގުޅުން ހުރި މައްސަލައެއްގަ އެވެ.
ކޮންގްރެސް ޕާޓީން ޓެކްސް ދެއްކުމުގައި ޖެހިފައި އޮތް މައްސަލައެއް -- އިންކަމް ޓެކްސް ޓްރައިބިއުނަލްއާ ގުޅިގެން ހައްލުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ޓެކްސްގެ މައްސަލަ މުޅިން ހައްލުކުރެވެންދެން ބޭންކް އެކައުންޓްތައް ކޮންމެވެސް ވަރަކަށް ބޭނުންކުރަން ހުއްދަ ދިން ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
އިންކަމް ޓެކްސް ޓްރައިބިއުނަލުން އެކައުންޓްތަކަށް ހުއްދަ ދީފައި ވަނިކޮށް އަދި އިންޑިއާގެ އާންމު އިންތިހާބު ބޯމަތިވެފައި ވަނިކޮށް މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ސިޔާސީ ގޮތުން ނުފޫޒުގަދަ ބައެއްގެ ބަހަށް ކަމަށް ކޮންގްރެސް ޕާޓީން ދެކެ އެވެ.
ކޮންގްރެސް ޕާޓީން ދޫކުރާ ޗެކްތަކަށް ފައިސާ ނުލިބުމުގެ މައްސަލަ އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ބޭންކްތަކާ ސުވާލުކުރުމުން -- އެކައުންޓައް އޮޕަރޭޓްކުރުމަށް ހުއްދަ ނުދިނުމަށް އިންކަމް ޓެކްސް ޓްރައިބިއުނަލުން އަންގާފައިވާ ކަމަށް ބޭންކުތަކުން ބުންޏެވެ.
އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް ހެދުމުން ކަރަންޓް ބިލާއި ފެން ބިލް އަދި މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއްވެސް ނޯންނާނެ ކަމަށް ކޮންގްރެސް ޕާޓީން ބުންޏެވެ.
މި މައްސަލަ ހައްލުކުރުމަށް ޓްރައިބިއުނަލާ ދެކޮޅަށް ދައުވާކުރަން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މާކަން ވިދާޅުވި ގޮތުން ބަންދުކުރި އެކައުންޓްތަކުގައި ހުންނާނީ މެމްބަރުން ދައްކާފައި ހުރި ފައިސާއާއި ޕާޓީ ހިންގުމަށްޓަކައި އެކި ހަރަކާތްތަކުން ލިބިފައި ހުރި ފައިސާ އެވެ.
ޓެކްސް ޓްރައިބިއުނަލާ އެކު ޖެހިފައި އޮތް މައްސަލަ އަކީ 2018-2019 ގައި ހިނގާފައި އޮތް މައްސަލައެއް ކަމަށްވެސް ކޮންގްރެސް ޕާޓީން ބުންޏެވެ. މި މައްސަލަ ވަކި ކޮޅެއްގައި ނުޖެހި އޮއްވައި ވިޔަވަޅު އެޅުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
އިންޑިއާގައި އާންމު އިންތިހާބު މި އަހަރު ބާއްވާ ތާރީހެއް ކަމަށް އަދި އޮތީ އޭޕްރީލާއި މޭގަ އެވެ. އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް މިއީ ކަލަންޑަރުގައި މި އަހަރަށް އޮތް އިންތިހާބެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެއްއިރެއްގައި އިންޑިއާގައި ވަރަށް މަޝްހޫރު އަދި އެހައި ހައިބަތު ބޮޑު ކޮންގްރެސް ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވަނީ ނަރެންދުރަ މޯދީ 2014 ގައި ބޮޑުވަޒީރުކަން ލިބިވަޑައިގަތް ފަހުންނެވެ.
މޯދީގެ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ތާއީދު ހޯދުމަށް ވާދަވެރިންނަށް ތަކުލީފުތައް ޖައްސާ ކަމަށް ބުނާ ވާހަކަތައްވެސް ހަބަރުތަކުގައި ހުރެ އެވެ.