ހަބަރު

ފުލުހުންގެ ތަހުގީގު: އެމްޑީއެންގެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވޭ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގައި ދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިރޭ ބުނީ އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްއަށް ހެދި އެސެސްމަންޓް އިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި ދީނަށާއި ރަސޫލާއަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށެވެ.

އެ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ. އެހެން ނަމަވެސް ދީނަށް ފުރައްސާރަކޮށްފައިވާ ކަން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު މި މަހު ކުރީ ކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ފިޔަވަޅު ނޭޅި ލަސްވަމުން ދިޔުމާ ގުޅިގެން އެ މައްސަލާގައި ރާއްޖޭގެ ގިނަ ރަށްތަކާއި މާލޭގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ގިނަ ކައުންސިލްތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ.

އެމްޑީއެން މައްސަލާގައި ގިނަ ބަޔަކު ގޮވާލަމުން އަންނަނީ އެ ޖަމިއްޔާ އުވާލުމަށާއި ޖަމިއްޔާގެ އިސްވެރިންނާ މެދު ފިޔަވަޅު އެޅުމަށެވެ. ފުރައްސާރަ ކުރި މައްސަލަ ޔޫތު މިނިސްޓްރީއަށް ފުލުހުން ހުށަހަޅާފައިވީ ނަމަވެސް އެ ޖަމިއްޔާގެ އިސް ފަރާތްތަކާ މެދު ފިޔަވަޅެއް ނާޅަ އެވެ.

އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރުމަށް ވަނީ ދެ ހަފްތާގެ ނޯޓިސްއެއް ދީފަ އެވެ. އެ ދެ މީހުން ވެސް މިވަގުތު ހުރީ ރާއްޖެއިން ބޭރުގަ އެވެ.