ހަބަރު

މި އަހަރުގެ ގައުމީ އިނާމު 31 ދާއިރަކުން މަތީދަރަޖަ ހޯދާ ފަރާތަކުގެ އިނާމު ފަސް ދާއިރާކުން

Aug 16, 2015

މި އަހަރުގެ ގައުމީ އިނާމު 31 ދާއިރާއަކުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކުގެ އިނާމު ފަސް ދާއިރާއަކުން ދޭން ނިންމައި، ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމުގެ ކޮމެޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާމަން އަބްދު ރަޝީދު ހުސެއިން ވިދާޅުވީ މި އަހަރުގެ ގައުމީ އިނާމު ދިނުމަށް ގިނަ ކަންތައްތަކެއް ބަލައި، ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"ކުރިން ކުރި މަސައްކަތްތައް ބަލައި، ރަނގަޅު ކުރަން ހުރި ކަންތައްތައް ވާނީ ރަނގަޅު ކޮށްފައި. މި މަސައްކަތް ކުރުމަށް މިނިސްޓްރީތަކާ ބައްދަލު ކުރިން،" އަބްދު ރަޝީދު ވިދާޅުވި އެވެ.

މި އަހަރުވެސް ގައުމީ އިނާމު ދެނީ ދެ ގިންތި އަކުންނެވެ. އެއީ ޝަރުފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްއިއްޔާ ޖަމާއަތްފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، ފަސް ގިންތިއަކުންނެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ.

 

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން

މަތީ ތައުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން

ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުން

ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން. (މިއީ އަލަށް އިތުރުކުރެވުނު ކެޓަގަރީއެއް)

ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން

ގައުމީ އިނާމާ ބެހޭ ކޮމެޓީން މިހާރުވަނީ އިނާމު ދޭނެ އުސޫލުތަކާއި އެހެނިހެން މައުލޫމާތު ގެޒެޓްކޮށްފަ އެވެ.