AVAS PHOTO ESSAY

އަދި ނުބަލާ އަލްބަމެއް ހުޅުވާލުން!

ނޮވެންބަރު މަހުގެ ތިން ވަނަ ދުވަސް ދިވެހިން ފާހަގަ ކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ. އެ ދުވަސް ފާހަގަކުރަން ފެށީ ނޮވެންބަރު 3، 1988 ގައި ދިވެހިންގެ ބަޔަކާއި ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތު އިސްވެރިންތަކެއް އެކުވެ ހަތިޔާރު އެޅި ތަމަޅަ ޓައިގަރުންގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރާ، އޭރު އޮތް ގާނޫނީ ސަރުކާރު ވައްޓާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު މަތިވެރި ނަސްރު ފާހަގަ ކުރާށެވެ.

ނޮވެމްބަރު 3 ގެ ހަމަލާ ނާކާމިޔާބު ކޮށްލެވުމުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމެވީ ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ ތިން ވަނަ ދުވަސް "ނަސްރުގެ ދުވަސް" ގޮތުގައި ފާހަގަ ކުރާށެވެ. މީގެ 31 އަހަރު ކުރީގެ އެ ދުވަހުގެ ހާދިސާގެ ވަރަށް ގިނަ ފޮޓޯތައް އެތައް ބަޔަކަށް ވާނީ ފެނިފަ އެވެ. ނަމަވެސް މިއީ އަދި މިހާތަނަށް ފެނިފައިނުވާ އެ ދުވަހުގެ ބައެއް ފޮޓޯތަކެވެ. މި ފޮޓޯތައް ނަގައި މިހާތަނަށް ފޮރުވާފައި ވަނީ މ. ނާއިންފަރުގެ އަހުމަދު ޝިރަން އެވެ. އެ ދުވަސްވަރު އުމުރުން 20 އަހަރު ޝިރަން އޭނާ ގެންގުޅުނު ކެމެރާއަކުން ނެގި ފޮޓޯތައް މިހާތަނަށް ހިއްސާ ކުރީ އަވަސް އޮންލައިނާ އެކަންޏެވެ.

ނޮވެންބަރު 05، 1988: ދޮށިމޭނާ ބިލްޑިންގަށް ވަންނަ މައި ދޮރަށް ހަމަލާދީފައި: ދޮރުކައިރީގައި ޓީވީއެމްގެ ދެ މުވައްޒިފުން ކަމަށްވާ ޝިރަން އަދި އިބްރާހިމް

މި ފޮޓޯގައި މި ފެންނަނީ ޓެރަރިސްޓް ބާޣީން ދޮށިމޭނާ ބިލްޑިންގަށް ވަނުމަށް ފުރަތަމަ ފަޅާލި ދޮރެވެ. ފޮޓޯގަައި އެ ފެންނަނީ ޝިރަންގެ އިތުރުން ޓީވީގައި އޭނާއެކު މަސައްކަތް ކުރަމުންދިޔަ އިބްރާހިމް ރަފީއު އެވެ. ނޮވެންބަރު ތިނެއްގައި ބާޣީން ވަނީ މުހިންމު އެތައް ތަނަކަށް ބަޑިން ހަމަލާ ދިނުމުގެ އިތުރުން ބާޒާރުގެ ބައެއް ފިހާރަތަކާއި ގުދަންތައް ފަޅާފަ އެވެ.

ނޮވެންބަރު 05، 1988: ސިފައިންގެ މައި މަރުކަޒަށް ދިން ހަމަލާގައި ލިބުނު ގެއްލުންތައް -- ފޮޓޯ: އަހުމަދު ޝިރަން

މިއީ ޝިރަން ނޮވެންބަރު 5، 1988 ގައި ނަގާފައިވާ ފޮޓޯ އެކެވެ. މި ފޮޓޯގައި އެ ފެންނަނީ ސިފައިންގެ މައި މަރުކަޒު "ނެޝަނަލް ސެކިއުރިޓީ ސާވިސްގެ ހެޑްކްއޯޓާޒް" އެވެ. ޓެރަރިސްޓުންގެ ހަމާލާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ސިފައިންގެ މައި މަރުކަޒަށެވެ. ވަރުގަދައަށް ހަދާފައިވާ އެ އިމާރާތަށް ގިނަ އަދަދަކަށް ވަޒަން އަރާ ގެއްލުންތައް ލިބިފައިވާއިރު މައި ގޭޓަށް ބޮޑެތި ގެއްލުންވި އެވެ.

ނޮވެންބަރު 05، 1988: ރައީސް އޮފީސް ކުރިމަތީ އޮތް އޮޑިއެއް ފައްތާލާފައި -- ފޮޓޯ: އަހުމަދު ޝިރަން

މިއީ 1998 ވަނަ އަހަރުގެ ނޮވެމްބަރު 3ގެ ހަމަލާގެ ތެރޭ ޓެރަރިސްޓުން ފައްތާލާފައިވާ އޮޑިއެކެވެ. މާލޭގެ ފަޅު ތެރެއިން މި ފޮޓޯ ޝިރަން ނަގާފައިވަނީ ނޮވެންބަރު ފަސް ވަނަ ދުވަހު އެވެ. ނޮވެމްބަރު 3 ގައި ދިވެހި ސިފައިން ރައްދު ހަމަލާދޭން ފެށުމުން ބާޣީން ވަނީ ފަޅު އޮޑިފަހަރުގައި ތިބި މީހުން ޖުމްހޫރީ މައިދާނުގައި ސަފަކަށް އަތުރައި އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކޮށްފަ އެވެ. މި ފޮޓޯގައި މި ފެންނަނީ ރައީސް އޮފީސް ކުރިމަތިން ކަހަލަ ގޮތަކަށް އަޅާފައި އޮތް އޮޑިއެއް ފައްތާލާފައިވާތީ އެވެ.

ނޮވެންބަރު 05، 1988: ޕްރިޒަންސް ޑިވިޝަނަށް ހަމަލާދީ ގެއްލުންދީފައި -- ފޮޓޯ: އަހުމަދު ޝިރަން
ނޮވެންބަރު 05، 1988: ޕްރިޒަންސް ޑިވިޝަނަށް ހަމަލާދީ ގެއްލުންދީފައި -- ފޮޓޯ: އަހުމަދު ޝިރަން

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ ތެރޭގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ސިފައިންގެ މައި މަރުކަޒާއި އިސްލާމީ މަރުކަޒުގެ ބައެއް ބައިތަކަށެވެ. އޭގެ އިތުުރުން އޭރުގެ ޕްރިޒަންސް ޑިވިޝަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ދުޝްމަނުންނާއި ދިވެހި ސިފައިންގެ ހަމަލާތައް ވެސް އެ އިމާރާތްތަކަށް އަރާފައި ވެއެވެ.

ނޮވެންބަރު 05، 1988: ޕްރިޒަންސް ޑިވިޝަނުން މީހުން އުފުލަން ގެންގުޅޭ ވެހިކަލް: މި ވެހިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި -- ފޮޓޯ: އަހުމަދު ޝިރަން

ތިނެއް ނޮވެމްބަރުގެ ހަމަލާގައި ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިން ގަސްދުގައި ހަމަލާދީ 19 ދިވެހިން ޝަހީދުކޮށްލި އެވެ. އަދި ދައުލަތުގެ މުދަލަށްވެސް ބޮޑެތި ގެއްލުންތައް އެ މީހުން ދިނެވެ. މި ފޮޓޯއިން މި ފެންނަނީ ޕްރިޒަންސް ޑިވިޒަންގެ ވެހިކަލެކެވެ. އެ ވެހިކަލަށް ވެސް ވަރަށް ގިނަ ހަމަލާތަކެއް އަމާޒުވެފައިވާއިރު އެ ނޫން ވެސް ގިނަ ވެހިކަލްތަކެއް އެ ދުވަހުގެ ހަމަލާތަކުގައި ހަލާކުވި އެވެ.

ނޮވެންބަރު 05، 1988: ޝަހީދު ހުސައިން އާދަމް ޝަހީދުވިއިރު ޑިއުޓީގައި ހުރި ތަން: މި ފޮޓޯ ނަގާފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހު އަހުމަދު ޝިރަން -- ފޮޓޯ: އަހުމަދު ޝިރަން

ސިފައިންގެ މައި މަރުކަޒު، ނެޝަނަލް ސެކިއުރިޓީ ސާވިސްގެ ހެޑްކްއޯޓާޒް، އިމާރާތް ކުރެވިފައިވާ ގޮތުން އޭރު ޑިއުޓީގައި ތިބޭ ސިފައިންނަށް ޚާއްސަކޮށް ވަކިން ބުރުޒެއް ހަދާފައި ވެއެވެ. ތިނެއް ނޮވެމްބަރުގައި ދުޝްމަނުން ހަމަލާ ދިންއިރު މައި ގޭޓްގެ ބުރުޒުގައި ޑިއުޓީއަށް ހުރީ ހުސައިން އާދަމެވެ. ބާޣީންގެ ހަމަލާތަކުގައި އޭނާ ޝަހީދުވީ ނަމަވެސް ވަރަށް ހިތްވަރާއެކު ގައުމު ދިފާއު ކުރުމުގައި އޭނާ މަސައްކަތް ކުރި އެވެ. ނަސްރުގެ ދުވަހުގެ އެންމެ ޚާއްސަ ނަމަކީ ޝަހީދު ހުސައިން އާދަމެވެ. ދުޝްމަނުންގެ އެންމެ ވަރުގަދަ ލީޑަރު މަރާލީ އޭނާގެ ހަމަލާއަކުންނެވެ.

ނޮވެންބަރު 05، 1988: ނޮވެންބަރު 3 ގެ ހަމަލާއަށްފަހު ޓީވީއެމްގެ ސެކިއުރިޓީ ބަލަހައްޓަން ދެ ސިފައިން ހަތިޔާރާއެކު -- ފޮޓޯ: އަހުމަދު ޝިރަން

ނޮވެންބަރު 3، 1988 ގައި ވެރިރަށް މާލެއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެކަން މުޅި ރާއްޖެއަށް އެންމެ ޔަގީނާ ގާތަށް އިއުލާނު ވެގެންދިޔައީ ފަތިހު ދިވެހިރާއްޖޭގެ އަޑު ނުލިބުމާ ގުޅިގެންނެވެ. ދިވެހި ރައްޔިތުންނަށް އޭރު ޚަބަރާއި މައުލޫމާތު ފޯރުކޮށްދެމުން ދިޔައީ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްއިންނެވެ. ނަމަވެސް ފަތިހުގެ އެ ވަގުތަކީ ޓީވީއެމްގެ ޓްރާސްމިޝަން ކުރިއަށް ގެންދާ ވަގުތެއް ނޫނެވެ. ބާޣީންގެ އަމާޒަކަށް އަޑާއި ޓީވީވެސް ވި އެވެ. ނަމަވެސް އެދެ ތަނަކަށް ގެއްލުމެއް ދެވިފައެއް ނުވެއެވެ. އެ ހަމަލާއަށްފަހު ޓީވީއެމާއި އަޑުގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފަ އެވެ.

ނޮވެންބަރު 06، 1988: ތިނެއް ނޮވެންބަރުގެ ހާދިސާގެ މައުލޫމާތު ގެނެސްދިނުމަށް ޓީވީގެ ކްރޫ ހަރަކާތްތެރިވަނީ
ނޮވެންބަރު 06، 1988: ތިނެއް ނޮވެންބަރުގެ ހާދިސާގެ މައުލޫމާތު ގެނެސްދިނުމަށް ޓީވީގެ ކްރޫ ހަރަކާތްތެރިވަނީ

ދިވެހިންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެން ނޮވެންބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއަށް ފަހު ބާޣީންނާމެދު އަމަލު ކުރެވޭ ގޮތާއި، އެ މީހުން ރަހީނު ކުރި ދިވެހިން މާލެ ގެނެވުނު މަންޒަރު ބެލުމަށް އެތައް ސަތޭކަ ބަޔަކު ބަނދަރާއި މަގުތަކަށާއި ސިފައިންގެ ކައިރިއަށް އެއްވިއެވެ. އެ މަންޒަރުތައް ރެކޯޑް ކުރެވިފައިވަނީ ޓީވީ މޯލްޑިވްސްގެ ކެމެރާތަކަށެވެ. އެ މަންޒަރުތައް ފެންނަ މި ފޮޓޯތައް ޝިރަން ނެގީ އޭނަގެ ކުޑަކުޑަ ކެމެރާއިންނެވެ.

ނޮވެންބަރު 08، 1988: ރަހީނުކުރި ދިވެހިން މާލެ ގެނައުމުގެ ކުރިން ރަސްމީ ފާލަން ތައްޔާރުކޮށްފަައި -- ފޮޓޯ: އަހުމަދު ޝިރަން

ނޮވެމްބަރު ތިނެއްގެ ހާދިސާގައި ބާޣީން ބަލިވެ ފިލައިގެން ދިޔައިރު ދިވެހިންނަށް އެންމެ ބޮޑު އެއް ހިތާމައެއް ނެގުވި ކަމަކަށްވީ ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން ބޯޓެއްގައި ގެންދިއުމެވެ. ބާޣީންނަށް ކުރި ނުލިބޭނެކަން އެނގި އަދި އެމީހުންގެ ލީޑަރުން މަރުވެ ދިއުމުން އޭގެ ތެރެއިން ބައެއް މީހުުން ވަނީ ފިލަން މަސައްކަތްކޮށްފަ އެވެ. "ޕްރޮގްރެސް ލައިޓް" ބޯޓުން އެމީހުން ފިލަން މަސައްކަތްކުރީ ބައެއް ދިވެހިން ރަހީނު ކޮށްގެންނެވެ. ބޯޓްގައި ވެސް ދިވެއްސެއްގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލި އެވެ. އެހެން ރަހީނުން ސަލާމަތް ކުރީ އިންޑިއާ ސިފައިންގެ އެހީތެރިކަމާ އެކުއެވެ. ރަހީނުކުރި ދިވެހިންނާއި ބަޣީންގެ މީހުނާއި ލީޑަރުން މާލެ ގެނައިރު އެ މަންޒަރު ބަލަން އެތައް ސަތޭކަ ބަޔަކު އެއްވިއެވެ.

ނޮވެންބަރު 08، 1988: އިންޑިއާގެ މަނަވަރު "ގޯދާވަރީ" މާލޭ ބޭރުގައި ބަދަރުކޮށްފައި -- ފޮޓޯ: އަހުމަދު ޝިރަން

ނޮވެމްބަރު ތިނެއްގައި ދިވެހިންނަށް ހިތްދަތިކަން ދިމާވި ވަގުތުގައި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ. ރައީސް މައުމޫންގެ އެދިވަޑައިގަތުމަށް އިންޑިއާ އަދި އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ބުނެފަ އެވެ. ދިވެހިންނަށް އެހީތެރިވުމަށް އިންޑިއާ އަސްކަރިއްޔާގެ ބަޔަކާއެކު "ގޯދާވަރީ" ނަމަކަށްކިޔާ މަނަަވަރެއްގައި ވެސް ރާއްޖެ އައެވެ.

ނޮވެންބަރު 08، 1988: ރައީސް މައުމޫން ކެބިނެޓް މިނިސްޓަރުންނާއެކު ރައީސް އޮފީހުގެ ބޭރުގައި -- ފޮޓޯ: އަހުމަދު ޝިރަން

ވެރިރަށް މާލެއަށް ޓެރަރިސްޓުން ހަމަލާދޭން ފެށުމާއެކު ރައީސް މައުމޫން ވަނީ ތީމުގެ ދޫކުރައްވާ ނުކުންނަވާފަ އެވެ. އަދި ފައިމަގުގައި ހިންގަވާފަ އެހެން ގެއަކަށް ވަޑައިގެން ބޭރުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވީ އެވެ. ފޮޓޯގައި އެ ފެންނަނީ ރައީސް މައުމޫން، ކެބިނެޓްގެ ބައެއް ވަޒީރުންނާއެކު އިންޑިއާގެ އިސް އޮފިޝަލަކާއެކު ރައީސް އޮފީސް ކުރިމަތީ މަޑުކޮށްލައްވައިގެން ތިއްބެވި މަންޒަރެވެ.

ނޮވެންބަރު 08، 1988: ރަހީނުކޮށްގެން ގެންދިޔަ ދިވެހިންނާ ރަސްމީ ފާލަމުން ރައީސް މައުމޫން ބައްދަލުކުރައްވަނީ -- ފޮޓޯ: އަހުމަދު ޝިރަން
ނޮވެންބަރު 08، 1988: ރަހީނުކޮށްގެން ގެންދިޔަ ދިވެހިންނާ ރަސްމީ ފާލަމުން ރައީސް މައުމޫން ބައްދަލުކުރައްވަނީ -- ފޮޓޯ: އަހުމަދު ޝިރަން

ޓެރަރިސްޓުން ޕްރޮގްރެސް ލައިޓްގައި ރަހީނު ކޮށްގެން ގެންދިޔަ މީހުން މާލެ ގެނައިރު އެމީހުންނާ އެންމެ ފުރަތަމަ ބައްދަލު ކުރައްވާ ސަލާމް ކުރެއްވީ ރައީސް މައުމޫނެވެ. އެމަނިކުފާނު ވަނީ އެ މީހުންނަށް ހިތްވަރު ދެއްވާފަ އެވެ. ރަހީނު ކޮށްގެން ގެންދެވުނު މީހުންގެ ތެރޭގައި އޭރުގެ ވަޒީރެއް ކަމަށްވާ އަހުމަދު މުޖްތަބާގެ ދެކަނބަލުން ވެސް ހިމެނިވަޑައިގެންނެވި އެވެ. ބޯޓުގައި މުޖުތަބާ ވަރަށް ބޮޑަށް ޒަހަމުވެފައި ވެއެވެ.

ނޮވެންބަރު 09، 1988: ޓެރަރިސްޓުން ޝަރީއަތަށް މާލެ ގެންނަ މަންޒަރު ބަލަން އާންމުން އެއްވެފައި -- ފޮޓޯ: އަހުމަދު ޝިރަން

ހާދިސާއަށް ފަހު ހައްޔަރު ކުރި ބާޣީން މާލެ ގެނައި ދުވަހަކީވެސް ވަރަށް ޚާއްސަ ދުވަހެކެވެ. އެ ދުވަހު އެ މީހުން ގެނައި މަންޒަރު ބަލަން ވަރަށް ގިނަ ބަޔަކު ބަދަރުމައްޗަށް އެއްވި އެވެ. އަދި ޓީވީ ދަށުގައި ވެސް ވަރަށް ގިނަ ބަޔަކު ތިއްބެވެ. އަދި އެދުވަހު ހިނގާދިޔަ ކަންކަން ދިވެހި ރާއްޖޭގެ އަޑުން ވެސް ވަގުތުން ގެންދިޔައީ ރައްޔިތުންނަށް ހާމަކޮށްދެމުންނެވެ.

ނޮވެންބަރު 09، 1988: ޓެރަރިސްޓުން ޝަރީއަތަށް މާލެ ގެނެސް ކޯޓަށް ހާޒިރުކުރަނީ -- ފޮޓޯ: އަހުމަދު ޝިރަން
ނޮވެންބަރު 09، 1988: ޓެރަރިސްޓުން ޝަރީއަތަށް މާލެ ގެނެސް ކޯޓަށް ހާޒިރުކުރަނީ -- ފޮޓޯ: އަހުމަދު ޝިރަން

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލައާ ގުޅިގެން ދިވެހިންގެ ތެރެއިން އެކަމުގައި ބައިވެރިވި މީހުންނާއި ސްރީ ލަންކާ ތަމަޅައިންގެ މައްޗަށް ހުޅުވާލެވިފައިވާ ޝަރީއަތެއް ހިންގި އެވެ. އެ ޝަރީއަތްތައްވެސް އަޑުން ވަނީ ވަގުުތުން ދުރަށް ފޮނުވާފަ އެވެ. އެ ޝަރީއަތްތަކަށްފަހު ދިވެހިންގެ ތެރެއިން ހަތަރު މީހަކު މެރުމަށް ހުކުމް ކުރި އެވެ. އަދި ސްރީލަންކާގެ 12 މީހަކު މަރަން ހުކުމް ކުރިއެވެ. މަރަން ހުކުމް ކުރީ ޖުމްލަ 16 މީހުންނެވެ. ނަމަވެސް ރައީސް މައުމޫން ވަނީ މަރުގެ ހުކުމް ލުއިކޮށް އެ މީހުންގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވާފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ މިނިވަންވެފަ އެވެ.

ނޮވެންބަރު 09، 1988: އިންޑިއާ މަނަވަރުގެ ކެޕްޓަން ނޫސްވެރިންނަށް މައުލޫމާތު ދެނީ -- ފޮޓޯ: އަހުމަދު ޝިރަން

ރާއްޖެއަށް ދިމާވި ނުރައްކާތެރި އެ ދަނޑިވަޅުގައި އިންޑިއާއިން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އިންޑިއާގެ މަނަވަރު ރާއްޖެ އައީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އިރުއޮއްސެނިކޮށެވެ. އޭރު ދިވެހި ސިފައިން ވަނީ ބާޣީންގެ މައްޗަށް ކާމިޔާބު ހޯދާފަ އެވެ. ނަމަވެސް ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އިންޑިއާ ސިފައިންނެވެ. އިންޑިއާ ސިފައިންގެ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތުގެ މައުލޫމާތު އެ ދުވަހު ވަނީ ދިވެހި ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

ނޮވެންބަރު 09، 1988: ޓެރަރިސްޓުން ތަހުގީގަށް ހާޒިރުކުރަނީ -- ފޮޓޯ: އަހުމަދު ޝިރަން

މި ފޮޓޯގައި އެވަނީ ނޮވެމްބަރު ތިނެއްގެ ކުށްވެރިންތަކެއް ތަހުގީގަށް ހާޒިރުކުރާ މަންޒަރެވެ. އެ މީހުން ތަހުގީގާ، ޝަރީއަތްތަކަށް ހާޒިރު ކުރީ ކުރިމައްޗަށް ދެ އަތް ބަދެގެންނެވެ. ވަރަށް ގިނަ މީހުން އެ މަންޒަރު ބަލާން ނުކުމެ މަގުމަތީގައި ތިއްބެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާގެ މި ފޮޓޯތަކުން ވެސް އެ ހާދިސާގެ ހަނދާންތައް އިތުރަށް އާކޮށްދެ އެވެ. އަދި އެ ދުވަހުގެ ހާދިސާތަކުގެ ތެރެއަށް ގެންގޮސް ދެއެވެ.