ޕީއެސްއެމް

ނަސްރުގެ ދުވަސް އެއީ ބީ ކެޓަގަރީ ދުވަހެއް: އަލީ ހާލިދު

ދައުލަތުގެ މީޑިއާއިން ރާއްޖޭގެ ނަސްރުގެ ދުވަސް، ފާހަގަ ކުރަނީ ބީ ކެޓަގަރީގައި ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެ އެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއަށް 33 އަހަރު މިއަދު ފުރޭއިރު ދައުލަތުގެ މީޑިއާއި މިއަދަށް ހާއްސަކޮށް އެއްވެސް ޕްރޮގްރާމެއް ކުރިއަށް ނުގެންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ. އަދި އެއީ ސަރުކާރުން އަންގައިގެން ކުރާ ކަމެއްގެ ތުހުމަތުތައް ވެސް ކުރެ އެވެ.

އަވަސް އިން ސުވާލު ކުރުމުން އަލީ ހާލިދު ވިދާޅުވީ ނަސްރުގެ ދުވަސް ދައުލަތުގެ މީޑިއާގައި ފާހަގަ ކުރާނެ ކަމަށެވެ. އެކަމަކު ފާހަގަ ކުރަން ހަމަޖެހިފައިވާ ބީ ކެޓަގަރީގެ ދުވަހެއްގެ ގޮތުގައި ކަމަށާއި އެއީ އަބަދުވެސް އެކަން އޮންނަ ގޮތް ކަމަށެވެ.

"ނަސްރުގެ ދުވަސް އަބަދުވެސް ފާހަގަކުރަނީ ބީ ކެޓަގަރީގައި. އެއީ ކުރިން ވެސް އޮތް ގޮތް. އަޅުގަނޑު މަގާމާއި ހަވާލުވެގެން ގެނައި ބަދަލެއް ނޫން އެއީ." ހާލިދު ވިދާޅުވި އެވެ.

ހާލިދު ވިދާޅުވީ މިއަދު މުނާސަބަތާއި ގުޅިގެން ޕީއެސްއެމްއިންނާއި ޓީވީއެމް އަދި ދިވެހި ރާއްޖޭގެ އަޑުން ވެސް ހާއްސަ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށެވެ.