ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން ގޮސް ސްރީލަންކާގައި އުޅުނު މައްސަލާގައި ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ އެއްބަސްވެއްޖެ އެވެ.
ލުތުފީގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ލުތުފީ ބުނީ އޭނާ ރާއްޖެއިން ފިލައިގެން ދިޔައީ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއި އެކުގައި ކަމަށާއި، އޭނާ މީހުން ބަންދު ކުރާ މަރުކަޒުން ފިލިކަމަށް ނުބެލެވޭ ކަމަށެވެ.
އޭނާ ބުނީ، ބޭސް ފަރުވާއަށް ދިއުމަށް ލިބުން ހުއްދައިގައި ރާއްޖެއިން ބޭރަށް ގޮސް ފިލި ކަމަށް އެއްބަސްވާން ބޭނުންވާ ކަމަށާއި ވީހާވެސް އަވަހަކަށް މައްސަލަ ނިންމަން ވެސް ބޭނުންވާ ކަމަށެވެ. އަދި ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް ވެސް އޭނާ ވަނީ ޝަރީއަތުގައި އެދިފަ އެވެ.
ލުތުފީގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިއުތިރާފު ވެފައިވާތީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހުކުމް އިއްވަން އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އެ އަޑުއެހުން ބާއްވާނީ ގާޒީގެ ކުރިމައްޗަށް އޭނާ ގެނެސްގެން ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.
އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެހުކުމް ރައީސް މައުމޫން ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގަ އެވެ. އޭގެ ފަހުން ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނަމަވެސް އޭގެ ނުވަ އަހަރު ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.
އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ފެންމަތި ކުރުމުން ޕްރެޝަރު ބޮޑުވެ ފަހުން ސަރުކާރުން ވަނީ އޭނާ ރާއްޖެ ގެނެސް ޖަލަށް ލައިފަ އެވެ.