ހަބަރު

ފިލި މައްސަލާގައި ވަކީލަކު ހޯދަން ލުތުފީއަށް 10 ދުވަސް

ހުކުމަށް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުނު މައްސަލާގެ ޝަރީއަތަށް ދިފާއީ ވަކީލަކު ހޯދުމަށް ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ، އަބްދުﷲ ލުތުފީއަށް 10 ދުވަހުގެ ފުރުސަތެއް މިއަދު ކުރިމިނަލް ކޯޓުން ދީފި އެވެ.

މި މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ވީޑިއޯ ކޮންފަރެންސްކޮށް ކުރިމިނަލް ކޯޓުން ވަނީ ބާއްވާފަ އެވެ. މި އަޑުއެހުން ބޭއްވީ މާފުށީ މެޖިސްޓްރޭޓް ކޯޓަށް ލުތުފީ ހާޒިރުކޮށް، އެ ކޯޓާ ކުރިމިނަލް ކޯޓާ ގުޅާލައިގެނެވެ.

އަޑުއެހުން ފެށުމަށް ފަހު، މި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ވަނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ލުތުފީގެ އިއުތިރާޒެއް އޮތްތޯ ސުވާލު ކުރައްވާފަ އެވެ. ޖަލު ހެދުމުގައި ޝަރީއަތުގެ މަޖިލީހުގައި އިން ލުތުފީ ބުނީ އެކަމަށް އިއުތިރާޒެއް ނެތް ކަމަށެވެ.

އެހެންވެ އަޑުއެހުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދާ ނިންމައި މައްސަލާގައި ލިޔުންތައް ލިބިފައިވޭތޯ ސުވާލު ކުރެއްވި އެވެ. ލިޔުންތައް ލުތުފީއަށް ވަނީ ލިބިފަ އެވެ. ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންތޯ ލުތުފީއާ ސުވާލު ކުރުމުން ބުނީ ވަކީލެއް އައްޔަން ކުރަން ބޭނުންވާ ކަމަށެވެ. އަދި، އެކަމަށް ލިޔުމުން ކުރިމިނަލް ކޯޓުން ކަރެކްޝަނަލް ސާވިސްއަށް އެންގުމަށް އެދޭ ކަމަށެވެ. އަނގަބަހުން ބުނެގެން ޖަލުގައި ކަންކަން ކުރަން އުނދަގޫ ކަމަށް އޭނާ ބުންޏެވެ.

ގާޒީ އަލީ ރަޝީދު ނިންމެވީ ވަކީލަކު ހޯދުމަށް 10 ދުވަހުގެ ފުރުސަތެއް ލުތުފީއަށް ދޭށެވެ. އަދި ވަކީލަކު ހޯދުމަށް ފޯނު ކޯލް ދިނުމަށް ކަރެކްޝަނަލް ސާވިސްއަށް އަންގަން ވެސް ގާޒީ ނިންމެވި އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ކުރިމިނަލް ކޯޓާ ގުޅިގެން ތިއްބެވި ދައުލަތުގެ ވަކީލުން ވަނީ ލުތުފީއަށް ކުރާ ދައުވާ އިއްވާފަ އެވެ. ލުތުފީގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ ހައިކޯޓުްނ އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް ވަގުތީ ހުއްދައެއްގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުން އަނބުރާ ރާއްޖެ ނައިސް ފިލުމުގެ ސަބަބުންނެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ލުތުފީ ޖަލުން ފިލައި ކުރި ކުށަކީ ޖިނާއަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި، އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ އަދަބު، ހަތް މަހައި ހަ ދުވަހަށް ކުޑަވެގެން ދާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ދައުވާ އިއްވުމުން ލުތުފީ ބުނީ ދައުވާ ސާފުވެއްޖެ ކަމަށެވެ. އެހެންވެ، ގާޒީ އަލީ ރަޝީދު ވަނީ ދައުވާއަށް ވަކީލަކާއެކު ޖަވާބުދާރީވުމަށް އަޑުއެހުމެއް 10 ދުވަސް ބޭއްވުމަށް ނިންމަވާފަ އެވެ. އެއަށްފަހު މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.

އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބާޣީ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގަ އެވެ. އޭގެ ފަހުން ބާޣީ ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނަމަވެސް އޭގެ ނުވަ އަހަރު ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން ބާޣީ ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.

އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ފެންމަތި ކުރުމުން ޕްރެޝަރު ބޮޑުވެ ފަހުން ސަރުކާރުން ވަނީ އޭނާ ރާއްޖެ ގެނެސް ޖަލަށް ލައިފަ އެވެ. ބާޣީ ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ.